ރައީސް މުއިއްޒު ކުރީގެ ރައީސް ވަހީދާ ބައްދަލުކުރައްވައިފި
ރައީސް މުއިއްޒު ކުރީގެ ރައީސް ވަހީދާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައްދަލުކުރައްވައިފި އެވެ.

މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާ ގުޅޭ މައުލޫމާތު އަދި އެ އޮފީހުން ހާމައެއް ނުކުރެ ނުވެ އެވެ. ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަތެވެ.

ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް ވަހީދު ބައްދަލު ކުރެއްވިއިރު އެ މަނިކުފާނަކީ ޕީޕީއެމްގެ ޓިކެޓްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވުމުން، އެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވަން މަސައްކަތް ކުރެެއްވި ބޭފުޅެކެވެ.

ނަމަވެސް، އެ ފުރުސަތު ޕީޕީއެމްގެ ތެރެއިން އެމަނިކުފާނަށް ލިބިވަޑައިނުގަތުމުން، ޕީޕީއެމް އިން ހިޔާނަތްތެރިވެއްޖެ ކަމަށް ވިދާޅުވެ އެ ޕާޓީން ވަކިވެވަޑައިގަތީ އެވެ. އަދި އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި އުޅުއްވި އެވެ.

ކެމްޕެއިން ދުވަސްވަރު ވަހީދު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުހައްގުން ހޯއްދަވައިގެން ހުންނެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގައުމުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުއިއްޒާއި ސިޔާސީ އެހެން އިސް ބޭފުޅުން މިދިޔަ ހަފުތާގައި ވެސް ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު ސަންޓްރެވެލް އަހުމަދު ސިޔާމާއި އެމްއެންޕީގެ ރައީސް ނާޒިމް އަދި ޑިމޮކްރެޓިކްސް ޕާޓީގެ ރައީސް ހަސަން ލަތީފެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ބޭފުޅުންނާ އެކު ރައީސް ޑރ. މުއިއްޒު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ދިވެހިންގެ ފައިދާ އާއި ލާބައަށް މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

"އެގޮތުން ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ދާހިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި، ސަރުކާރަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.