އޭވީސީ މުބާރާތަށް ވޮލީ ޓީމު މާދަމާ ތައްޔާރީތައް ފަށަނީ
އޭވީސީ މުބާރާތަށް ވޮލީ ޓީމު މާދަމާ ތައްޔާރީތައް ފަށަނީ

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ އޭވީސީ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މާދަމާ ޕްރެކްޓިސް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނުގެ ބަޔެއްގެ ގޮތުގައި ކުރިއަށްގެންދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް އޮންނާނީ އަންނަ މަހުގެ 22-30 އަށް ޒުވާނުންގެ މަރުކަޒުގަ އެވެ. ސެންޓްރަލް ޒޯނުގެ ނުވަ ގައުމުގެ ތެރެއިން މުބާރާތުގައި މަދުވެގެން ހަ ގައުމު ވާދަކުރާނެ އެވެ. ރާއްޖޭގައި މިމަހު ވަނީ ސެންޓްރަލް ޒޯން ވިމެންސް ކޮލިފައިން މުބާރާތް ބާއްވައިފަ އެވެ.

މުހައްމަދު ޝަރަފްގެ ބެލުމުގެ ދަށުން މާދަމާ ގައުމީ ޓީމުފެ ޕްރެކްޓިސް ފަށާއިރު އެސޯސިއޭޝަނުން އަންނަނީ ޓީމަށް ޓްރެއިނިން ކޭމްޕެއް ހަމަޖެހޭތޯ މަސައްކަތްކުރަމުންނެވެ. ޕްރެކްޓިސް ފެށުމުގެ ކުރިން އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވަނީ ރޭ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.

ޓީމުގެ ކޯޗު ޝަރަފް ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. ޓީމުގެ ޓްރޭނަރަކަށް އަބްދުﷲ ނަޝީދު (އަބުޅޯ) ހަމަޖައްސާފައިވާއިރު އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ އެންމެ ފަހުގެ މުބާރާތުގައި ވެސް ޓީމުގައި މަސައްކަތްކުރި އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ޝަރަފް ބުނީ ސެންޓްރަލް ޒޯން މުބާރާތްތަކުގައި ރާއްޖޭން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު މިފަހަރު އަމުދުން އަމިއްލަ ގައުމުގައި ކުޅޭއިރު ބޮޑު ކާމިޔާބެއް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ރާއްޖޭގައި މިއޮތީ ކުއްލިއަކަށް ހެދި ޓީމެއް ނޫން. މިއީ އެތައް އަހަރެއް އެއްކޮށް ކުޅެ، ބިނާވަމުން އައި ޓީމެއް. އެހެންކަމުން ދޮޅު މަސް ދުވަހުން މުބާރާތަށް ތައްޔާރުވެ ކާމިޔާބު ނުހޯދޭންވީ ސަބަބެއް ނެތް،" ޝަރަފް ބުންޏެވެ.