12 ފެބުރުއަރީ 2017 - 13:22

ފްލޮރިޑާ (ފެބްރުއަރީ 12) - އެމެރިކާ އާއި މެކްސިކޯގެ ބޯޑަރުގައި ރާނާ ފާރުގެ އަގު ކުޑަކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ބޯޑަރުގައި ފާރު ރޭނުމަށް 21.6 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ތިން އަހަރާއި ބައިގެ މުއްދަތެއް ނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރުގެ ޑިޒައިން އާއި މަޝްވަރާތަކުގައި އޭނާ އަދި ބައިވެރިނުވާ ކަމަށެވެ. އެ މަސައްކަތުގައި ބައިވެރިވާން ފެށުމުން އެފް-35 ގެ ޖެޓް ނުވަތަ އެއާ ފޯސް ވަން ޕްރޮގްރާމުގެ އަގު ދަށް ކުރި ގޮތަށް ފާރުގެ އަގު ވެސް ހެޔޮ ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެން ހުވާ ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ ލޮކްހީޑް މާޓިން އާއި ބޯއިންއާ މަޝްވަރާކޮށް އެފް-35 ގެ ޖެޓާއި އެއާ ފޯސް ވަން ޖަމްބޯ ޖެޓުގެ އަގު ކުޑަކޮށްފަ އެވެ.
މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ކެމްޕޭން ވައުދެކެވެ. ޓްރަމްޕް ފުރަތަމަ ވިދާޅުވީ އެ ފާރު ރޭނުމަށް ހޭދަވާނީ އަށް ބިލިއަން ޑޮލަރު ކަމަށެވެ.