ދަރިވަރުންގެ ސިކުނޑި ބިނާކުރުމަކީ އެންމެ ބޮޑު އެއް މަޝްރޫއު: ރައީސް
ދަރިވަރުންގެ ސިކުނޑި ބިނާކުރުމަކީ އެންމެ ބޮޑު އެއް މަޝްރޫއު: ރައީސް

ކިތަންމެ އުސްކޮށް އިމާރާތްތައް ހެދިޔަސް ދަރިވަރުންގެ ސިކުނޑި ތަރައްގީ ނުކުރެވޭ ނަމަ ގައުމަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރިވަރުންގެ ސިކުނޑި ބިނާކުރުމަކީ އެންމެ ބޮޑު އެއް މަޝްރޫއު: ރައީސް
ދަރިވަރުންގެ ސިކުނޑި ބިނާކުރުމަކީ އެންމެ ބޮޑު އެއް މަޝްރޫއު: ރައީސް

ހުޅުމާލެ2 ގެ ހިޔާ ޓަވަރު ސަރަހައްދުގައި އާ ސްކޫލެއްގެ ބިންގާ އަޅުއްވައިދެއްވައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އިމާރާތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހައްދަަވަން ގަސްތުކުރެއްވީ ދަރިވަރުންގެ ކުރިއެރުމަށް ކަމަށެވެ. މިއީ ދަރިވަރުންގެ ސިކުނޑިތައް ބިނާކުރަން މި ސަރުކާރުން ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ފެށުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިންގާ އެޅިގެން މިދިޔަ ސްކޫލަކީ އަޅުގަނޑުމެން ފަށަން ގަސްތުކޮށްފައި މިވާ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއުގެ ފެށުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރަށް މަހެއްހާ ދުވަސް، ހައެއްކަ ހަފްތާ ވީއިރުގައި އެންމެ ފުރަތަމަ އިމާރާތެއް ބިނާކުރުމަށްޓަކާ އަޅުގަނޑުމެން ގަސްތުކުރީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުން."

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެ އިމާރާތުގެ ބިންގަލަކީ، ދެވަނަ ފިޔަވަހި ތަރައްގީ ކުރަން ވެސް އެޅުނު ބިންގަލެކެވެ.

ޕާކުތަކާއި މައިޒާންތަކާއި އިގްތިސާދީ އެކި ބޭނުންތަކަށް ތަރައްގީކުރާ ތަންތަނާ އެކު ދެވަނަ ފިޔަވަހީގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ކަމެއް ގެނެސްދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި އިމާރާތްކުރާ އެ ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަންނަ މަހު މަސައްކަތްތައް ފަށައި 18 މަސް ދުވަހުގެ ތެރޭގައި ނިންމަން އާރްސީސީއާ ހަވާލުކުރި އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް އެކަކުން ހަތަރަކަށެވެ.