މި ސަރުކާރުގެ ފުރަތަމަ ސްކޫލުގެ ބިންގާ ހުޅުމާލޭގައި އަޅައިފި
މި ސަރުކާރުގެ ފުރަތަމަ ސްކޫލުގެ ބިންގާ ހުޅުމާލޭގައި އަޅައިފި

މި ސަރުކާރުން އިމާރާތްކުރާ ފުރަތަމަ ސްކޫލްގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ.

މި ސްކޫލް އަޅަނީ ހުޅުމާލެ2 ގެ ހިޔާ ޓަވަރުތައް ކުރިމަތީގައި އޮންނަ ހުސް ބިމުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 1،700 ކުދިންގެ ޖާގައިގެ ސްކޫލްގައި ގްރޭޑް އެކަކުން ހަތަރަކަށް ކިޔަވައިދޭނެ ކަމަށެވެ. އެތަނުގައި 54 ކްލާސް ރޫމް ހުންނާނެ އެވެ.

އާރުސީސީއާ އެތަން ހަވާލުކުރީ އަންނަ މަހު މަސައްކަތް ފަށައި 18 މަސް ތެރޭގައި ނިންމަން އެއްބަސްވެ އެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ދެވަނަ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ވަނީ ހުޅުމާލޭގެ އާބާދީ އިތުރުވެފައި ވާތީ އިތުރު ހަތަރު ސްކޫލު ބޭނުންވާ ކަމަށެވެ.

ހަތަރު ސްކޫލަކީ ވެސް އެންމެ އެކަށީގެންވާ އަދަދެއް ވެސް ނޫން ކަމަށާއި ނަމަވެސް 1،200 އެއްހާ ކުދިންގެ ޖާގައިގެ ސަލާހުއްދީން ވަރުގެ ހަތަރު ސްކޫލުން، ހުޅުމާލޭގައި މިހާރު ހިންގާ އެހެން ސްކޫލުތަކުގެ ޖާގައަށް އުނދަގޫ ނުވެ، މި ވަގުތަށް ފުއްދާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.