މާޗުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެ: ސަރުކާރު
މާޗުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެ: ސަރުކާރު

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ އަހަރު މާޗު މަހު ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އެއާ އެމްބިއުލާންސް ތައާރަފް ކުރުމާއި އޭގެ ހިދުމަތް ދިނުމާ ބެހޭ ކަރުދާހެއް ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ.

ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ މާޗު މަހު އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ތައާރަފް ކުރާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްޓަކައި ދެ އެއާ އެމްބިއުލާންސް ތައްޔާރުކޮށް މޯލްޑިވިއަން އާ ގުޅިގެން މި ހިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހެލްތާ ގުޅިގެން ކުރިޔަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބަލި މީހުން އުފުލަން ނެރޭ ދެ އެއާ އެމްބިއުލާންސްގައި ސްޓްރެޗާ އާއި ވަސީލަތްތައް ހުންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ފުރަތަމަ ދެ ފްލައިޓުން މަސައްކަތް ފެށިޔަސް ފަހުން އިތުރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިނގާނީ މިހާރު ވެސް ހެލްތު މިނިސްޓްރީގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ޑިޕާޓްމަންޓުންނެވެ.

އެއާ އެމްބިއުލަންސްގެ ހިދުމަތް ތައާރަފް ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.