ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ
ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ދެންމެ ފައްޓަވައިފި އެވެ. މިއީ ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އަދި ފަހުގެ ތާރީހެއްގައި ރައީސް ޑރ. މުއިއްޒާއި މައުމޫން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

އެ ބައްދަލުވުމާ ގުޅޭ މައުލޫމާތެއް ދެ ބޭފުޅުންގެ ފަރާތްޕުޅުން އަދި ނުލިބެ އެވެ.

ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވާއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި މައުމޫންގެ އެމްއާރުއެމުން ނިންމީ އެއްވެސް ބަޔަކަށް ތާއީދު ނުކުރާށެވެ. އެކަމަކު، މައުމޫންގެ ދެ ދަރިކަލުން ކަމަށްވާ މުހައްމަދު ޣައްސާން މައުމޫނާއި ދުންޔާ މައުމޫން އިންތިހާބުގައި ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކު އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމާ އެކު ހުންނެވުމަށް ފަހު، ދުންޔާ ދެ ވަނަ ބުރުގައި އެރުއްވީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅަށެވެ.

ރައީސް ޑރ. މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި މައުމޫންގެ ހަގު ދަރިކަލުން ޣައްސާނަކީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވެސް މެ އެވެ.

މައުމޫން އެންމެ ފަހުން މި ސަރުކާރުގެ ސިޔާސަތަކަށް ފާޑުވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމުންނެވެ. އެ އަށް ރައްދު ދެއްވައި އެކްސްގައި މައުމޫން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވިދާޅުވީ، "މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން" ކަމަށެވެ. އެ ކަމާ ގުޅިގެން މައުމޫނަށް އެކިއެކި ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

ރައީސް ޑރ. މުއިއްޒާއި ސިޔާސީ އެހެން އިސް ބޭފުޅުން މިދިޔަ ހަފުތާގައި ވެސް ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭގެ ލީޑަރު ސަންޓްރެވެލް އަހުމަދު ސިޔާމާއި އެމްއެންޕީގެ ރައީސް ނާޒިމް އަދި ޑިމޮކްރެޓިކްސް ޕާޓީގެ ރައީސް ހަސަން ލަތީފެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެ ބޭފުޅުންނާ އެކު ރައީސް ޑރ. މުއިއްޒު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެން ގުޅިގެން ދިވެހިންގެ ފައިދާ އާއި ލާބައަށް މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

"އެގޮތުން ގައުމުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމާއި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ދާހިލީ އަދި ޚާރިޖީ އެކިއެކި ކަންކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި، ސަރުކާރަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.