ބިލިއަނުން ހަރަދު ކުރި ޗެލްސީ އަށް ލިބުނީ ބަލިވުމުގެ ހުތުރު ރެކޯޑް
ބިލިއަނުން ހަރަދު ކުރި ޗެލްސީ އަށް ލިބުނީ ބަލިވުމުގެ ހުތުރު ރެކޯޑް

ވުލްވަހެމްޓަން (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން ބަލިވުމާ އެކު، މި ނިމޭ 2023 ވަނަ އަހަރު މިހާތަނަށް އެންމެ ގިނަ ޕްރިމިއާ ލީގު މެޗުން ބަލިވި ޓީމަކަށް ޗެލްސީ ވެއްޖެ އެވެ.

ފުޓްބޯޅަ ސްޓެޓިސްޓިކްސް ޕޯޓަލް އޮޕްޓާއިން ހާމަކުރި ގޮތުގައި ރޭގެ ބައްޔަކީ ޗެލްސީ މި އަހަރު ބަލިވި 19 ވަނަ ލީގު މެޗެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ވެސް ޗެލްސީ އަށް ވުރެ ގިނަ މެޗުން ބަލިވެފައި ވަނީ ތިން ޓީމެކެވެ. އެއީ 20 މެޗުން ބަލިވެފައިވާ އިޓަލީގެ އެމްޕޯލީ އާއި ޖަރުމަންގެ ވާޑާ ބްރޭމަން އަދި 24 މެޗުން ބަލިވެފައިވާ ސްޕެއިންގެ އަލްމެއިރާ އެވެ.

ޗެލްސީގެ އާ ކޯ އޯނަރު ޓޮޑް ބޯލީ ވަނީ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިން ގަންނަން 1.15 ބިލިއަން ޑޮލަރު ހަރަދު ކޮށްފަ އެވެ.

ޗެލްސީ އަށް ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުހިފުނު މެޗުގައި ވުލްވްސް އިން ލީޑު ނެގީ 51 ވަނަ މިނިޓުގައި މާރިއޯ ލެމީނާ ޖަހައިދިން ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ މެޓް ޑޮހާޓީ އެވެ. އޭގެ ތިން މިނިޓު ފަހުން ޗެލްސީ އަށް ސުން ކަނޑުވައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ އޮތީ 18 މެޗުން ލިބުނު 22 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ. ވުލްވްސް ވެސް ވަނީ 18 މެޗުން 22 ޕޮއިންޓް ހޯދައިގެން 11 ވަނައިގައި ވިއްދައިފަ އެވެ. ލީގުގެ 12 ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 22 ޕޮއިންޓް ހޯދާފައިވާ ބޯންމަތެވެ.

އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ޖާގައަކަށް ވުރެ ޗެލްސީ ގާތީ ވެސް ރެލިގޭޝަން ޒޯނާ އެވެ. ލީގުގެ 18 ވަނައިގައި އޮތް ލޫޓަން ޓައުންއާ ޗެލްސީއާ ދެމެދު މިވަގުތު އޮތީ 10 ޕޮއިންޓްގެ ފަރަގެކެވެ.

މި އަހަރު ޗެލްސީ އަށް އިތުރު ދެ މެޗު ކުޅެން އެބަ އޮތެވެ. އެއީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗާއި ހޮނިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި ލޫޓަން ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ.