އިޒްރޭލުގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް، ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 70 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް، ގާޒާގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ 70 މީހުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ގާޒާގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މިހާތަނަށް ފަލަސްތީނުގެ 70 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ގާޒާގައި ހުންނަ އަލް-މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ ގަތުލުއާންމެއްގެ ގޮތުގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ.

އިޒްރޭލުން ބޮން އަޅައި އެ ސަރަހައްދުގެ މައި މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، އެ ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް ވެސް ދަތިވެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.

ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ހަމަލާގައި ޝަހީދުވި އެތައް ބައެއްގެ ހަށިގަނޑުތައް އަލް-އަގްސާ ހޮސްޕިޓަލުގެ ކައިރިއަށް ވަނީ ޖަމާކޮށްފަ އެވެ.

އެ ވީޑިއޯގައި ބުނީ ޝަހީދުވި މީހުންގެ ތެރެއިން 68 މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހުކުރު ދުވަހު ގަރާރެއް ފާސްކޮށްފައިވަނިކޮށެވެ.

އެކަމަކު، އެމެރިކާއިން ރުހޭ ގޮތަށް ހަނގުރާމަ ހުއްޓައިލުމަށް ގޮވާލާފައިވާ އިބާރާތް ފަހު ވަގުތު ވަނީ އެ ގަރާރުން އުނިކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 20،000 ހުރަސްކޮށްފަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަދި ޒަހަމްވި މީހުންގެ އަދަދު 54،000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ ތެރެއިންވެސް ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު ވެސް 10،000 އާ ގާތްކުރާނެ ކަމަށް ކަމާގުޅޭ އިދާރާތަކުން ލަފާކުރެ އެވެ.