24 ޑިސެމްބަރ 2023 - 13:30

އެކި ގައުމުތަކުގައި ކޮވިޑުގެ އާ ވޭރިއެންޓު ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑްގެ އާ ވޭރިއެންޓު، JN.1 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ. ނަމަވެސް އެޗްޕީއޭގެ ބަޔާނުގައި، މި ވޭރިއަަންޓް ފެނުނު ކަމަށް ބުނެފައެއް ނުވެ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 40 އަށްވުރެ ގިނަ ގައުމުން ވަނީ ފަސޭހައިން ފެތުރޭ މި ވޭރިއަންޓް ފެނިފަ އެވެ.
- އަރިދަފުން ރޯގާ ޖެހި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
- އާއްމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮންނަން ސަމާލުކަން ދިނުން
- ރޯގާ ޖެހި، ކެއްސާނަމަ އަނގަޔާ ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން
- ރޯގާ ޖެހި، ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހައާއެކު ވީހާ ވެސް މަދު މީހުން ދިއުން. ބަލި މީހުންނަށް ޒިޔާރަތްކުރުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން
- ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ލުނބޯ ފަނި/ސައި، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
އެޗްޕީއޭއިން ބުނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވާން މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް ތަކެއްޗާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށެވެ. އަދި ޗުއްޓީ ހޭދަކުރާއިރު، ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެދިފައިވެ އެވެ.