24 ޑިސެމްބަރ 2023 - 12:09

ދެކުނު ކޮރެއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިންގެ ބޭންޑް، ބްލެކް ޕިންކްގެ ޖެނީ އޭނާގެ އަމިއްލަ ލޭބަލްއެއް ހަދައިފި އެވެ.
"އޯއޭ"ގެ ނަމުގައި ނޮވެމްބަރު މަހު ހެދި އާ ލޭބަލް އަކީ ޖެނީގެ ލޭބަލްއެއް ކަމަށް ކުރިން ވެސް ހަބަރުތައް ފެތުރުނެވެ. މިހާރު އޭނާ ވަނީ މިއީ އޭނާގެ އަމިއްލަ ލޭބަލްއެއްކަން ޔަގީންކޮށްދީފަ އެވެ.
ޖެނީ ކުރި ޕޯސްޓެއްގައި އޭނާ ބުނީ "އޯއޭ" އަކީ އޭނާގެ ލޭބަލްއެއް ކަމަށާއި އެ ލޭބަލް މެދުވެރިކޮށް އޭނާގެ ސޯލޯ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި މި ލޭބަލްއަށް ފޭނުންގެ ސަޕޯޓާއި ލޯބި ދެއްކުމަށް އެދިފައިވެ އެވެ.
ޖެނީ "އޯއޭ" ލޭބަލް އިއުލާނުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ލޭބަލްގެ ވެބްސައިޓަށް ބާރު ބޮޑުވެ ވަނީ ކްރޭޝް ވެފަ އެވެ. މި ވެބްސައިޓުގައި އާޓިސްޓުންގެ ލިސްޓުގައި ހަމައެކަނި އަދި އޮތީ ޖެނީގެ ނަމެވެ.
ޖެނީ "އޯއޭ" ހެދި ނަމަވެސް ބްލެކް ޕިންކުން ވަނީ "ވައިޖީ އެންޓަޓެއިންމަންޓް" ރެކޯޑް ލޭބަލްއާ އެކު ދާދި ފަހުން ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. ޖެނީ ބްލެކް ޕިންކު ގްރޫޕާ އެކު ކުރާ މަސައްކަތްތައް މެނޭޖުކުރާނީ މި ލޭބަލްއިންނެވެ.