މިހާރު 30: މައުސޫމު ނަފީސާ
މިހާރު 30: މައުސޫމު ނަފީސާ

އަމްސޫދާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. "އާތްއަވަރ" ފަށާ ގަޑި ޖެހުމުގެ ކުރިން ރެސްޓޯރަންޓުގެ ގިނަ ބޮކިތައް ނިއްވައިލިއެވެ. އެއީ، ކާނިވާ ސަރަޙައްދުގައި ހުރި ރެސްޓޯރަންޓެކެވެ. މުޅި ތަނުގައި ދިއްލައިފައި ހުރީ އުއްބައްތިއެވެ. ކަނޑުން އަރައިގެން މަޑު ރޯޅި ފުރަތަމަ ބީހިލަނީ ލަބީބުގެ އިސްތަށިގަނޑުގައެވެ. އެ ތަން ބަލަން ކުރިމަތީގައި އިނީ އަމްސޫދާއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ދެން ހާދަހާ ސަޅި އިސްތަށިގަނޑެކޭ ދޯ؟" ތަޢުރީފުކުރީ ނަފީސާއެވެ. "މަ ވެސް ބޭނުމީ ތި ކަހަލަ ބޯއިފްރެންޑެއް."

ކެއުމަށް އިންސާފުކުރަން ތިބި ނަފީސާ އާއި އަމްސޫދާއަކީ ދެ އެކުވެރިންނެވެ. ލަބީބަކީ އަމްސޫދާގެ ލޯބިވެރިޔާއެވެ. އެ ރެއަކީ ނަފީސާއަށް ލަބީބު ތަޢާރުފުކޮށްދިން ރެއެވެ. ތިން މީހުންގެ އުމުރަކީ ވެސް ވިހި އަހަރެވެ. އަމްސޫދާއަށް ވުރެ ނަފީސާ ދޮނެވެ. ނަފީސާއަށް ވުރެ އަމްސޫދާ އިސްކޮޅުން ދިގެވެ. އެކަކުގެ އަޑު ވަރަށް ރީއްޗެވެ. އަނެކަކުގެ ހިނިތުންވުން ވަރަށް ރީއްޗެވެ. ދެ އަންހެނުންގެ ކިބައިގައި ހުރީ ތަފާތު ދެ ރީތިކަމެކެވެ.

"އެ ކަހަލަ ހެއަރ ހުންނަ މީހުން ވަރަށް ގިނަވާނެ،" އަމްސޫދާ ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "އެކަމަކު، މި ޕެކޭޖެއް ނުލިބޭނެ. މިހާ ލޯބިވާ، މަޖާ، ސަޅި، ގުޑްލުކިން މީހަކަށް ހުންނާނީ މަގޭ ބޯއިފްރެންޑް އެކަނި."

ނަފީސާ އާއި ލަބީބު އެކުވެރިވިލެއް އަވަހެވެ. އެ ތަނުގައި މަދީ ސަނާއެވެ. އަމްސޫދާގެ އެއްބަނޑުއެއްބަފާ ދައްތައެވެ. ދައްތައަކަށް ވުރެ ބޮޑަށް ސަނާއަކީ އަމްސޫދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޑިއުޓީ ދިމާވި ގޮތުން އެ ކެއުމުގައި ސަނާއަށް ބައިވެރި ނުވެވުނީއެވެ. ދިމާވި މަޖާ ކަންތައްތަކުގެ ވާހަކަ އަމްސޫދާ ކިޔައިދިނީ ފަހުންނެވެ. އެ ވާހަކަދައްކަން އިންދައި ނަފީސާގެ މެސެޖެއް އައެވެ. އަމްސޫދާ އެ މެސެޖު ކިޔައިލިއެވެ.

"ހާދަ ނަސީބުގަދައޭ!" މެސެޖުގައި އިނގެރޭސިން ލިޔެފައި އޮތެވެ. "ބީ ހެޕީ އިނގޭ."

އަމްސޫދާ ހިނިއައިސްފައި މެސެޖު ކިޔާލިއެވެ. ސަނާ ގާތަކަށް ހިންޏެއް ނައެވެ. ލަބީބުގެ ހުންނަ ރަނގަޅު ސިފަތަކުގެ ވާހަކަ މާ ކުރިއްސުރެ ނަފީސާއަށް އަމްސޫދާ ކިޔައިދެއެވެ. ސަނާއަށް އެ ކަން ގޯހެވެ. ކިތަންމެ ގާތް އެކުވެރިއަކަސް އެ ކަހަލަ ވާހަކަ ކިޔައިދޭކަށް ސަނާ ގަބޫލެއް ނޫނެވެ. އެހެންނަމަވެސް، އެ ވާހަކަދެއްކީމައި އަމްސޫދާ ހިތްހަމައެއް ނުޖެއެވެ. ނަފީސާއަކީ އަމްސޫދާ މާ އިތުބާރުކުރާ އެކުވެރިއެކެވެ.

ލަބީބާއި އަމްސޫދާގެ ކައިވެނި ކައިރިވަމުން އައެވެ. ދެ މީހުން ވެސް ނަފީސާގެ ލަފާ އަހައެވެ. އަމްސޫދާ ގާތުގައި އިނދެފައި ވެސް ލަބީބަށް ގުޅައިގެން ވާހަކަދެއްކުމަކީ ނަފީސާ އާންމުކޮށް ކުރަމުންދިޔަ ކަމެކެވެ. ބައެއްފަހަރު އަމްސޫދާއަށް ވެގެން އަމްސޫދާގެ ފޯނުން ވެސް ގުޅައެވެ. ދެ މީހުންގެ އަޑު ތަފާތު ނަމަވެސް، ލަބީބަށް "ނޭނގޭ" ފަހަރު ވެސް އާދެއެވެ. ލޯބިވާ ވާހަކަ ފޯނުން ނަފީސާގެ ކަންފަތްދޮށުގައި ވެސް ލަބީބަށް ބުނެވެއެވެ. ޙަޤީޤަތުގައި، އަމްސޫދާއަށް އުނދަގޫވާ ހިސާބަށް އެ ކަންތައް ދިޔައެވެ. މައްސަލައަކަށް ނުހެދީއެވެ. ކައިރިވެފައިވާ ކައިވެނީގައި ކުއްޏެއް ޖެހިދާނެތީއެވެ. ދަޢުވަތު ކާޑު ޑިޒައިން ކުރީ ސަނާއެވެ. އެ ކަމުގައި ބައިވެރިވާން ނަފީސާ ގެއަށް ގެނުވަނީ ލަބީބުލައްވައެވެ. އަނބުރައި ގެއަށް ފޮނުވަނީ ވެސް ލަބީބުގެ ސައިކަލުގައެވެ. ހަމައެކަނި ބޭނުމަކީ، ނަފީސާ އާއި ލަބީބަށް ކުރާ އިތުބާރު ދެއްކުމެވެ.

އަމްސޫދާ އާއި ލަބީބު ކައިވެނި ކުރިއެވެ. އަމްސޫދާ ހީކުރީ ނަފީސާ ކުރިން އުޅުނު ގޮތަށް ދެން ނޫޅޭނެކަމަށެވެ. އެހެންނަމަވެސް، ދެން ވެސް ލަބީބާއި ނަފީސާ ވަރަށް ގާތް ގުޅުމެއް ބޭއްވިއެވެ. ދަންވަރު އަމްސޫދާ "ނިދައިފައި" އޮންނައިރު ވެސް ލަބީބު އިންނަނީ ބޮޑުކޮޓަރީގެ ސޯފާގައި ނަފީސާއަށް ގުޅައިގެންނެވެ. އަމްސޫދާގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. ދަންވަރު ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ސިއްރުސިއްރުން ވާހަކަދައްކަނީ ކީއްވެ ހެއްޔެވެ؟ އެކަމަކު، އެ ކަން ހުއްޓާލަން ދެ މީހުން ކުރެ އެކަކު ގާތުގައި ވެސް ބުނާކަށް އަމްސޫދާއަކަށް ނުކެރުނެވެ. އަމްސޫދާގެ ފޯނަށް ނަފީސާ ގުޅައިފައި ވެސް ލަބީބަށް ފޯނު ދޭން އެދުމުން އަމްސޫދާ އެ ގޮތަށް ކަންތައް ކުރެއެވެ. ހިތްހަމަނުޖެހޭކަން ފޮރުވައިގެން ހުރެއެވެ.

ލަބީބާއި ނަފީސާ ލޯބީގެ ވާހަކައެއް ނުދައްކައެވެ. އެކަމަކު ދޭތެރެއަކުން ދެ މާނަ ދޭހަވާ ކަހަލަ އެއްޗެއް ލަބީބު ބުނެލައެވެ. ނަފީސާއަކަށް ހަމަ ނޭނގެއެވެ. އެހާ ވެސް މައުސޫމެވެ. ލޯބިވާ ވާހަކަ ބުނެފައި ނަފީސާ ފޮނުވި މެސެޖަކީ ހަބީބް ކިޔާ މީހަކަށް ކުރި ސަމާސާއެކެވެ. އޮޅިގެން ލަބީބަށް ދިޔައީއެވެ. ނަފީސާ ނިދަމުން ކޮންމެ ރެއަކު ލަބީބަށް "ގުޑްނައިޓް" ފޮނުވާލަނީ އަމްސޫދާއަށް ވެސް ފޮނުވާތީއެވެ. ކައިވެންޏަށް ތިން މަސް ވީއިރު އަމްސޫދާ އާއި ލަބީބު މައްސަލަޖެހެން ފަށައިފިއެވެ. ސަނާގެ އެހީ ހޯދަން އަމްސޫދާ ބޭނުންވިއެވެ.

"ތި ކަން ހުއްޓާލާ!" މައްސަލަ ހިފައިގެން ދިޔައީ ސަނާއެވެ. "ތިހެން އުޅެނިކޮށް ވިހަވެދާނެ."

"އަމްސޫދާ ދެކެ ލަބީބު ނުލާހިކު ލޯބިވޭ!" ނަފީސާ ޖަވާބުގައި ބުންޏެވެ. "ލަބީބަކީ މަގޭ ފްރެންޑެއް. ޖަސްޓް އަ ފްރެންޑް. މަ ވެސް ދެން ފޫހިވީމަ ފްރެންޑަކަށްތާ ގުޅާލާނީ. އަސްލު އަމްސޫދާއަކަށް ލަބީބު އަންޑަސްޓޭންޑެއް ނުވޭ! އެއީ މައްސަލައަކީ."

"އެހެންތަ؟" މަލާމާތުގެ ރާގެއްގައި ސަނާ ބުނެލިއެވެ. "މިހާރު ލަބީބު އަންޑަސްޓޭންޑްވަނީ ނަފީސާއަށް އެކަނި؟ ލަބީބަކީ ހުދު ފޮތިކޮޅެއް؟ އެހެންވެތަ އަމްސޫދާ ގާތުގަ ބާއްވައިގެން ނަފީސާއަށް ގުޅައިގެން އޮންނަނީ؟"

"ކަލޭމެންނަކަށް ނުވާނެ އަންޑަސްޓޭންޑެއް." ނަފީސާ ދިނީ ކުރު ޖަވާބެކެވެ.

އަމްސޫދާ ވަރިވާން ޖެހުނީ ނަފީސާގެ ސަބަބުންކަމެއް ނަފީސާއަކަށް ނޭނގެއެވެ. ނުވެސް ދެނަހުއްޓެވެ. ޙަޤީޤަތުގައި ނަފީސާއަށް ލަބީބު ވަރަށް ރީއްޗެވެ. ވަރަށް ކަމުދެއެވެ. ލަބީބުގެ ރަނގަޅު ސިފަތަކުގެ ވާހަކަ އަމްސޫދާ ކިޔައިދީދީ ނަފީސާގެ ހިތް އެ ދިމާއަށް ލެނބުނުތާ ކިތަންމެ ދުވަހެކެވެ. ނުސީދާކޮށް ނަފީސާ ފޮނުވީ މެސެޖުތަކެކެވެ. މަޑުމަޑުން މަގު ކޮށަމުން ގޮސް ލޯބީގެ ތަނަވަސް މަގަކަށް ނުކުތީއެވެ. ކެހިވެރިކަމާއި މަކަރުވެރިކަމާ އެކުގައެވެ.

ނަފީސާ ހުރީ ލަބީބުގެ ލޯތްބަށް ފެންބޮވައިގެންފައެވެ. އެކުވެރިންނަށް އެ ކަން އެނގިގެން ހުއްޓުވަން މަސައްކަތް ކުރިއެވެ.

"ފިރިއެއް ގޮތުގަ ހުރެ އެހެން އަންހެނަކާ ގުޅުން ބާއްވާ މީހެއް ނުވާނެ ރަނގަޅެއް،" އެކުވެރިން ވިސްނައިދިނެވެ. "އެއް ފަހަރު ޗީޓުކުރި މީހަކު ދެވަނަ ފަހަރަކު ވެސް ކުރާނެ."

ލޯތްބަކީ ކަނު އެއްޗެއްކަން ނަފީސާ ސާބިތުކޮށްދިނެވެ.

"މަށަށް ލަބީބު އެނގޭ ވަރަކަށް އެހެން މީހަކަށް ނޭނގޭނެ،" ނަފީސާ ގަބޫލެއް ނުކުރިއެވެ. "އަމްސޫދާ ކަޑަކަމުން ލަބީބު ފޫހިވީ. އަހަރެންނަށް އޭނަ ވަރަށް ނައިސް. ވަރަށް ކެއާކުރޭ. އިރުއިރުކޮޅާ ގުޅާ. ކޭތޯ ވެސް ބަލާ! އެ ކަހަލަ ޕެކޭޖެއް ހަމަ ނުލިބޭނެ."

އެއް ދުވަހަކު، ކޮފީއެއްގައި ބައިވެރިވާން ލަބީބު އެދުނެވެ. އެ އެދުން ނަފީސާ ގަބޫލުކުރިއެވެ. ދުވަހަކީ ވަރަށް ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. ޓެކްސީއެއްގައި ނަފީސާ އައިއިރު، ކުޑައެއް ހިފައިގެން އިންތިޒާރުގައި ލަބީބު ހުއްޓެވެ. ނަފީސާގެ ހިތް އަތުލަނީ އެ ކަހަލަ ކުދިކުދި ކަންތައްތަކުންނެވެ. ކޮފީޝޮޕްގައި މީހުން ވަރަށް ގިނައެވެ. ލަބީބު ހުރީ ކޮންމެވެސް ކަމަކާ ވަރަށް މާޔޫސްވެފައެވެ. މީހުންގެ އަޑު ގަދަކަމުން ވާހަކައެއް ނުދެއްކުނެވެ. އެ ތަނުން ނުކުންނަން ލަބީބު އެދުނެވެ. އެ އެދުން ވެސް ނަފީސާ ގަބޫލުކުރިއެވެ. ވާރޭތެރޭގައި ސައިކަލު ދުއްވަން ދިޔައެވެ. ދެ މީހުން ތެމިފޯވިއެވެ. ހިކިލުމަށްޓަކައި ރައްޓެއްސަކު ހަވާލުކޮށްފައިހުރި އެޕާޓުމަންޓަކަށް ދާން ލަބީބު އެދުނެވެ. އެ އެދުން ވެސް ނަފީސާ ގަބޫލުކުރީއެވެ. ދެން އެދުނު އެދުން ވެސް ގަބޫލުކުރީއެވެ.

ޖެހިގެން އައި ދުވަހެވެ. ނަފީސާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ބޭސްފިހާރަ ކުރިމަތީގައި އެތައް އިރަކު ހުރުމަށް ފަހު، ދަނޑިވަޅު ލިބުމުން ވަނެވެ.

"މަ ބުނީމެއްނު ރޭގަނޑު އަންނާށޭ،" ކައުންޓަރުގައި އިން ޒުލްފާ ބުންޏެވެ. "ކިހިނެއް ހަދައިގެން ތި އުޅެނީ؟"

"ކޮބާ ޕިލް؟" ޒުލްފާ ދެއްކި ވާހަކައަކަށް ނަފީސާ ސަމާލުކަމެއް ނުދެއެވެ.

"ތި ނޫން ސަކަރާތެއް ޖަހަން ނުފެނުނީތަ ނަފީސާ؟" ޒުލްފާ ސުވާލުކުރިއެވެ.

އެ ކަމާ ނަފީސާ އެހާ ކަންބޮޑެއް ނުވެއެވެ.

"އެއީ އެހެން ވީކަމެއް ނޫނޭ!" ނަފީސާ ޖަވާބުގައި ބުންޏެވެ. "ޕިލް ދީބަލަ!"

"މަ ބުރުގާއެއް ނާޅަން. ފަސް ވަގުތު ނަމާދެއް ވެސް ނުކުރެވޭ،" ނުތަނަވަސްކަމާ އެކު ޒުލްފާ ބުންޏެވެ. "އެކަމަކު ތި ފާޑަށް އުޅެން މަ ގައިމު ވެސް ބިރުގަނޭ. ނަފީސާ ތި ހުންނަނީ ކަޅު ބުރުގާއަޅާ، ކަޅު ހެދުން ލާފަ. ހުރިހާ ނަމާދެއް ބަރާބަރަށް ކުރޭ. ބިރެއް ނުގަނޭ؟"

"ގަސްތުގަ ކުރާ ކަންތައް ގޯސްވާނީ،" ނަފީސާ ދިފާޢުގައި ބުންޏެވެ. "މީ އެކްސިޑެންޓެކޭ!"

އަމިއްލަ ނިތްކުރީގައި ޒުލްފާ އަތުންޖެހިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުއްޓެވެ. ނަފީސާ އެ ތަނުން ނުކުތީ ބޭސްގުޅަ ހިފައިގެންނެވެ. އޭގެ އެހީގައި ދުނިޔޭގެ ލަދުން ނަފީސާ ސަލާމަތްވިއެވެ. ލަބީބާއި ނަފީސާގެ ގުޅުން ބަދަހިކުރަން ކުރެވުނު ހުރިހާ ކަމެއް ނަފީސާ ކުރިއެވެ. ނަފީސާ ހުރީ ލަބީބާ ހެދި މޮޔަވެފައެވެ. އެކަމަކު، ލަބީބު ދިޔައީ ހައްތަހާ ދުރަށެވެ. ކެޔޮގަނޑު ކަނޑައިލެވުނީމައި ގަހުގެ ބޭނުން ނޯންނަ ފަދައިންނެވެ. ލަބީބާ ބައްދަލުވީ ނަފީސާ ވަރަށް މަސައްކަތް ކޮށްގެންނެވެ.

"މަ ހިއެއްނުކުރަން ލަބީބަކީ ތި ކަހަލަ..." ނަފީސާއަށް ބުނެވުނީ އެ ހިސާބަށެވެ.

"އޭ!" ލަބީބު އިނގިލި ދިއްކޮށްލައިފައި ބުންޏެވެ. "ބުރުގާއަޅައިގެން އުޅުނަކަސް ތީ އަނގަހުޅުވަން މާ ރީތީ މީހެއް ނޫން. މަގޭ އަނގަ ނުހުޅުވެންވާ ވަރަށް ހުޅުވިއްޖެއްޔާ ކަލޭގެ ދެ ލޯ ހުޅުވަން ނުކުރޭހާ ގިނަ ވާހަކަ މަ ގޮވާލާނަން. އެންމެ ރަނގަޅުވާނީ މަށަށް ފެންނަ ހިސާބަށް ދެން ކަލޭ ނައިއްޔާ!"

ނަފީސާ ރޯފިލީ އެ ހިސާބުންނެވެ. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެއެވެ. ކަރުނަ ފިޔަވައި އެހެން އެއްޗެއް ނަފީސާއަކަށް ނުލިބުނެވެ. އަމްސޫދާ ގާތަށް ގޮސް މާފަށްއެދެން ނަފީސާ ހިތަށްއެރިއެވެ. އެ ހިތްވަރެއް ނުލިބުނެވެ. އެކުވެރިންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓުމުގެ އިތުރަށް، ތިމާގެ އަބުރު ވެސް ވެއްޔާ މޮޑެވިގެން ދިޔައީއެވެ. މިއީ ޙަޤީޤީ ހާދިސާއެއް މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ