އިސްތިއުފާ ނުދޭނެ ކަމަށް ވެންގާ ބުނެފި
އިސްތިއުފާ ނުދޭނެ ކަމަށް ވެންގާ ބުނެފި

ލަންޑަން (ފެބްރުއަރީ 12) - އާސެނަލް ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ މަގާމުގައި ފާއިތުވި 20 އަހަރު ވެސް ހުރި އާސެން ވެންގާ ބުނެފި އެވެ.

މިދިޔަ ހަފްތާގައި އާސެނަލްގެ ކުރީގެ ފޯވާޑް އިއާން ރައިޓް ވަނީ އާސެނަލް ކޯޗުކަމުން ދުރުވުމުގެ ވިސްނުން ވެންގާ ގެންގުޅެމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި މި ފަހަރު އާސެނަލުން ވެންގާ އަށް އާ އެއްބަސްވުމެއް ނުދޭނެ ކަމަށް ވެސް ރައިޓް ވަނީ ބުނެފަ އެވެ.

ރޭ ޕްރިމިއާ ލީގުގައި ހަލް ސިޓީ އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ ރައިޓް އުޅެނީ އޭނާ ދެއްކި ވާހަކަތަކުގެ ގޯސް މާނައެއް ނަގައިގެން ކަމަށެވެ.

"އަހަރެން ބުނީ އަހަރެން ވަރުބަލިވެޔޭ. ހެނދުނު ހޭލައިގެން މަސައްކަތުގައި އުޅެފައި ވަރަށް ލަހުން ނިދަނީ. އެހެންވުމުން ކޮންމެ މީހެއް ވެސް ވަރުބަލިވާނެ. އަހަރެން ނުބުނަން އާސެނަލްގެ ކޯޗުކަމުގައި ހުރެގެން އަހަރެން ވަރުބަލިވާ ކަމަކަށް،" ވެންގާ ބުންޏެވެ.

އާސެނަލާ އެކު ވެންގާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ވެންގާ ބުނީ އެއްބަސްބުން އާ ކުރުމުގެ މަޝްވަރާތައް ލަސްވުމުން ކަންބޮޑުނުވާ ކަމަށެވެ.

"ބައެއް ފަހަރު އަހަރެންގެ ކޮންޓްރެކްޓް ހުންނާނެ މުއްދަތު ހަމަވާ ދުވަހުގައި ވެސް އާ ކޮށްފައި. މި ޓީމުގެ މެނޭޖްމަންޓަށް އަހަރެންގެ އިތުބާރު އެބައޮތް. އެއްބަސްވުން ލަަސްވުމަކުން އަހަރެން މި ޓީމަށްދޭ ކޮމިޓްމަންޓަކަށް ބަދަލެއް ނާންނާނެ،" ވެންގާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮޅެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި އާސެނަލަށް މި ފަހަރު ޕްރިމިއާ ލީގުގައި ރަނގަޅު މަގާމެއްގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.