އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން މުއްދަތު އިތުރުކޮށްފި
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާން މުއްދަތު އިތުރުކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން އެ ޕާޓީން ބާއްވާ ޕްރައިމަރީއަށް ވާދަކުރަން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލައި، ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު މިއަދު ވަނީ އެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އަސް އިތުރުކޮށްފަ އެވެ.

މުއްދަތު އިތުރުކުރި ސަބަބެއް އެމްޑީޕީގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭނެ އެވެ. ޕްރައިމަރީއަށް ހުޅުވާލި ދުވަހު އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ ޕްރައިމަރީއަށް އިއުލާނުކުރި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ވެފައި ތިބި މީހުންނަށެވެ. އެކަމަކު ޕްރައިމަރީގައި ވާދަކުރާ މީހުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރި ބައެއް ނަމަ އެކަން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ފުރަން ޖެހޭ ފޯމާއި އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު އެމްޑީޕީގެ ވެބްސައިޓުން ވަނީ ލިބޭ ގޮތް ހަދައިފަ އެވެ.