24 ޑިސެމްބަރ 2023 - 06:05

ބުދަ ދުވަހާ ގުޅޭ
"ވަރަށް ބޯރިންގް! އަސްލު ނުބައި މީހަކާ މެރީ މި ކުރެވުނީ." ރަޒީން ބުންޏެވެ.
"މިހާރު ބުނާނެ ތިހެން!" ފަރްހާ ލިޔުނެވެ. "މާދަމާ އޮންނާނީ ބައްޕަ ކިޔާފަ."
"އާނ!" ރަޒީން ބުންޏެވެ. "ލޯބިނުވިޔަސް ދަރިން ލިބިދާނެ. އިންނާނެ ރަނގަޅު ކުއްޖަކު ހޯދަދީބަލަ! ތި ކަހަލަ ކުއްޖެއް."
ވިސްނައިނުލައި ފަރްހާ ހީނގަތެވެ. އެނދުގައި ނިދާފައިއޮތް ތޫބާ ފުރޮޅިލިއެވެ.
"ކީއްކުރަން މި ކަހަލަ ކުއްޖަކު ހޯދަނީ؟" ފަރްހާ އެހިއެވެ. "އަހަރެން މިހިރީނު."
ރަޒީން އެއަކަށް ރައްދެއް ނުދިނެވެ. ފަރްހާ ހީކުރީ، ބުނަން ނުވާ ކަހަލަ އެއްޗެއް ބުނެވުނީކަމަށެވެ. އެހެން ހީކޮށް، އިތުރު އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. އިންތިޒާރުކުރީ ރަޒީންގެ ޖަވާބަކަށެވެ. ޖަވާބެއްނައެވެ.
"ކާކާ ތި ވާހަކަދައްކަނީ؟" ނިދީގެ އަސަރު ކުޑަ އަޑަކުން ތޫބާ ބުނި އަޑުއިވުނެވެ.
"ފްރެންޑަކާ!" ފޯނު ބާއްވަމުން ފަރްހާ ބުންޏެވެ. "އަހަންނާހެދި ހޭލެވުނީ ދޯ؟ ހިނގާ ނިދަމާ!"
ވަރަށް ހިތްހަމަނުޖެހި ފަރްހާ ނިދަން މަސައްކަތްކުރިއެވެ. ލޯމަރައިލިއެވެ. އެހެނަސް ފަރްހާގެ ހިތް ފަރްހާއަށް މަލާމާތްކުރަން ފެށިއެވެ. ބުނާ ކަހަލައެވެ. ތި ކުރީ ކީއްހެއްޔެވެ؟ ތި ބުނެވުނީ ކިހާ ގޯސް އެއްޗެއްހެއްޔެވެ؟
"ނިދީތަ؟" ތޫބާ އެހި އަޑުއިވުނެވެ.
"އާނ!" ލޯމަރައިގެންއޮވެ ފަރްހާ ސަމާސާކޮށްލިއެވެ. "ދޮންތަ ވެސް ނިދާ!"
"ކިހިނެއްތަ ނިދާނީ؟" ތޫބާ ބުނި އަޑުއިވުނެވެ. "ހަމަ ހިތަށްއަރަނީ ލުބާ ކީއްވެގެންބާއޭ އަހަރުމެން ވައްކަންކުރިޔޭ ބުނީ؟ ދެން ހިތަށްއަރަނީ ރަޒީން ކައިރީގަ ލުބާ ކީކޭބާއޭ ކިޔާނީ؟ ލުބާ ކިޔާ ކޮންމެ އެއްޗެއް ރަޒީން ގަބޫލުކުރާނެއްނު! ރަޒީނަކީ ކޮން ކަހަލަ ކުއްޖެއްހެން ފަރޫއަށް ހީވަނީ؟"
"ތީ ކޮން ކަހަލަ ސްޓްޕިޑް ސުވާލެއް ދޮންތާ؟" ފަރްހާ ބުންޏެވެ. "އަހަރެން ވަރަށް ނިދިއައިއްސި. ގުޑްނައިޓް!"
އެހެން ބުނެފައި ފަރްހާ ވާހަކަދެއްކުން ހުއްޓައިލިއެއްކަމަކު، ފަރްހާގެ ލޮލަކު އެއްވެސް ނިންޖެއް ނެތެވެ. ތޫބާ ހީކުރީ ފަރްހާ ނިދީކަމަށެވެ. އެހެނަސް ތޫބާއަކަށް ނުނިދުނެވެ. ފޯނު ނަގައިފައި، ފަރްހާއަށް ނުފެންނަ ގޮތަށް އެނބުރުނެވެ. ތޫބާ ބެލީ ރަންކިއި ދުވަހު ފަރްހާ ފޮނުވި ފޮޓޯތަކާއި، ލުބާނާގެ ކައިވެނި ފޮޓޯތަކަށެވެ. އޭގެ ތެރެއިން ވެސް އެކެއްގެ މޫނު ކައިރިކޮށްގެން ބެލިއެވެ.
ހެނދުނު ރޮށިފިހުމުގެ މަސައްކަތުގައި ތޫބާއާއި ފަރްހާ އުޅުނެވެ. ފޯނު އޮތީ މޭޒުމަތީގައެވެ. ފަރްހާ ބޭނުންވަނީ މަސްހުންޏެވެ. ތޫބާ ބޭނުންވަނީ ތެއްލި ރިހާކުރެވެ. އެ ބަހުސުގައި ތިއްބައި ފަރްހާއަށް ފޯނެއްއައެވެ. ދެބެން އެކުގައި ފޯނަށް ބަލައިލިއެވެ. އަރާފައި އޮތީ ވަރަށް ދިގު ނަންބަރެކެވެ. ނަންބަރު ފެނުމާއެކު އެއީ ރަޒީންގެ ނަންބަރުހެން ފަރްހާއަށް ހީވިއެވެ. ތިރީސް ނުވަޔަކާއި ސާޅީސް އެކެއް ފެނުމުން އެއީ ވެނިސްކަން ތޫބާއަށް ކަށަވަރުވިއެވެ.
"ލުބާ އެ ގުޅަނީ ކީއްވެ؟" ތޫބާ ސުވާލުކުރިއެވެ.
އެއީ ލުބާ ނޫންކަން ފަރްހާއަށް އެނގެއެވެ. އެކަމަކު ތޫބާ އިންދައި ފޯނުނަގާކަށް ނުކެރުނެވެ. އެހެން ސުވާލެއް ވެސް ފަރްހާގެ ހިތުގައި އުފެދުނެވެ. އިޓަލީގެ ކަންޓްރީ ކޯޑާއި، ސިޓީ ކޯޑު ތޫބާއަށް އެނގުނީ ކިހިނެއްހެއްޔެވެ؟
"މޮޅުކަމެއް ކޮށްލީކަމަށް ވާނީ. މި ގަޑީގަ ކިހިނެއް ފޯނުނަގާނީ؟" ފަރްހާ ބުންޏެވެ. "ދޮންތައަށް ކިހިނެއް އެނގުނީ އެ ގުޅަނީ.."
"އޭ! ރޭގަ އަހަރެން ކުރި ސުވާލަށް އަދިވެސް ޖަވާބެއް ނުދެމެއްނު!" ތޫބާ ބޭނުންވީ މައުލޫ ބަދަލުކޮށްލާށެވެ. "އަހަރެން އެހީ ރަޒީންއާ ދޭތެރޭ ފަރޫ ކިހިނެއްހޭ ދެކެނީ؟"
ތޫބާ ކުރި ސުވާލެއްގެ ސަބަބުން ފަރްހާ ކުރަންއުޅުނު ސުވާލު ހަނދާންނެތުނެވެ.
"ޅިޔަނެއް ގޮތަކަށްނު!" ފަރްހާ ޖަވާބުދިނީ ތޫބާގެ މޫނަށް ނުބަލައެވެ.
"ތި ދެ މީހުން މާ ކްލޯސްހެން ހީވާތީ،" ބުނަން ނުބުނަން ކަހަލަ ގޮތަކަށް ތޫބާ ބުންޏެވެ. "ޕާޓީ ފޮޓޯނެގި އިރު ވެސް، ކޮންމެ ފަހަރަކު ވެސް ފަރޫ ވަންނަނީ ދޭތެރެ މެދަށް. ތިހެން އުޅެފަ ސަޕްރައިޒެއް ނުދެއްޗޭ!"
"ނޮޓް މައި ޓައިޕް!" ވަރަށް ލުއި ގޮތަކަށް ފަރްހާ ބުނެލިއެވެ.
ރަޒީނަކީ ފަރްހާއަށް ކަމުދާ ކަހަލަ މީހެއް ނޫންކަން ފަރްހާގެ ދުލުން އިވުމުން ތޫބާ ވަރަށް ހިތްހަމަޖެހުނެވެ. ސިކުނޑިއަށް ވަރަށް ލުއިވިއެވެ. ދެވަނަ ފަހަރު ރަޒީން ގުޅި އިރު ފަރްހާ އިނީ އޮފީހުގައެވެ.
"ހައި!" ފަރްހާ ވަރަށް އުފާވެފައިވާ ރާގެއްގައި ބުންޏެވެ.
"މަށޭ އިނގޭ!" ވާހަކަދެއްކީ ލުބާނާއެވެ. "ފްރީތަ؟
ފުންނޭވައެއް ބޭރުކޮށްލައިފައި ފަރްހާ ފޯނު ހިފައިގެން މީހުނާ ދުރަށްޖެހިލިއެވެ. ހިތުގައި އެއް ސުވާލު ތަކުރާރުކޮށް ބުރުޖެހިއެވެ. ލުބާނާ ގާތުގައި ރަޒީން ކީކޭ ބުނީބާއެވެ؟
"އަސްލު ވީ ގޮތަކީ..." ފަރްހާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އިހަށް އަޑުއަހާބަލަ!" ލުބާނާ ބުންޏެވެ. "އަހަންނަށް ހީވަނީ ރަޒީން ކޮންމެވެސް އެފެއަރއެއް އެބަ ހިންގާހެން. ކޮންމެވެސް މީހަކާ ޗެޓް ވެސް އެބަ ކުރޭ! ފޯނުގަ މިހާރު ލޮކެއް ވެސް ލައިފި."
"އޭނަ ދެކެ ލޯބިވޭތަ؟" ފަރްހާ އިނގެރޭސިން އެހިއެވެ.
"ތީ ކޮން ކަހަލަ ސުވާލެއް؟" ލުބާނާ އެހިއެވެ. "ލޯބިނުވަންޏާ މެރީއެއް ނުކުރާނެއްނު!"
ދެން ލުބާނާ ދެއްކީ، ފިރިޔަކާ ބެހޭ ގޮތުން އަންބަކު ދައްކަން ނުވާ ކަހަލަ ޒާތީ ވާހަކަތަކެވެ. ހާއްސަކޮށް ފަރްހާ ގާތުގައި ލުބާނާ އެ ފަދަ ވާހަކައެއް ދައްކަފާނެކަމަކަށް ފަރްހާ ހިޔެއްނުކުރެއެވެ.
"ނުލާހިކު ރޮމޭންޓިކް ހަނީމޫނެއް،" ލުބާނާ ބުންޏެވެ. "އަހަރެން ހީ ވެސް ނުކުރަން މިހާ އަވަހަށް..."
"ތީ ޝައްކުބައްޔޭ ލުބާ!" ފަރްހާ ބުންޏެވެ. "އޭނަ އެ ބަލާލަނީ ލުބާ ކިހާ ޓްރަސްޓްކުރޭތޯ! އަހަރެން ނަމަ އަޅައެއް ނުލާނަން."
"ޔަގީންތަ؟" ލުބާނާ އެހިއެވެ.
"ހަންރެޑް ޕަސަންޓް!" އެއްވެސް ޖެހިލުމެއް ނެތި ފަރްހާ ބުންޏެވެ. "އިގްނޯކޮށްލާފަ ބަހައްޓާ!"
ފަރްހާ ދެއްކި ވާހަކަތައް ލުބާނާ ގަބޫލުކުރީ ހިތާ ދެކޮޅަށެވެ. ދެބެންގެ މެދުގައި ކުރިން ޖެހުނު މައްސަލަ ލުބާނާ ހަނދާންނެތީކީ ނޫނެވެ. ލުބާނާ ދުށް ގޮތުގައި، އޭގެ ފަހުން ލުބާނާއަށް ފަރްހާ އެހައި ހެޔޮވީ، ކުރެވުނު ކުށް ފަރްހާއަށް ގަބޫލުކުރެވޭތީއެވެ.
އިރުއޮއްސުމުން އުދަރެހަށް ވެރިވި ކުލަތަކަށް ނަޒަރުހުއްޓައިލައިގެން ފަރްހާ އިނެވެ. ހިތަށްއެރިއެވެ. މި ކުރެވެނީ ކޮން ކަހަލަ ކަމެއްބާއެވެ؟ އެއްބަފާ ކޮއްކޮގެ ފިރިމީހާ ޖަހައިގަތުން އެއީ ރަނގަޅުކަމަކަށް ނުވާނެއެވެ. މީހުން ބުނާނީ ކީކޭހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. މީހަކު ބުނެފާނެ އެއްޗަކާ މެދު ވިސްނަންވީ ކީއްކުރަންހެއްޔެވެ؟ ރަޒީން ފުރަތަމަ ފެނުނީ ފަރްހާއަށެވެ. ފުރަތަމަ ލޯބިވީ ވެސް ފަރްހާއެވެ. ރަޒީން ޖަހައިގަތީ ލުބާނާއެވެ. ހަގީގަތަކީ އެއީއެވެ.
"ކޯޗެއް ތި ވިސްނަނީ؟" ތޫބާ ބުނި އަޑުއިވުނެވެ.
ދެބެން ތިބީ ކެފޭއެއްގައެވެ. ފަރްހާ އެ ތަނަށް އައީ ދައްތަ ގާތުގައި ސިއްރެއް ބުނާށެވެ. ދައްތަގެ ހިޔާލުހޯދާށެވެ. އެ ކަމެއްގައި ފަރްހާ އުޅޭތާ ދެތިން ދުވަސް ވެއްޖެއެވެ. ބުނާނެ ހިތްވަރެއް ނުލިބެއެވެ.
"ހިތަށްއަރަނީ.. ލުބާ ވެސް މެރީކުރީއޭ! ލައިފެއް ފެށީއޭ!" މޭޒުމަތީގައި ހުރި ކޮފީތަށި ގިރައިލަމުން ފަރްހާ ބުންޏެވެ. "އަހަރުމެން ކޮން އިރަކުންހޭ މެރީކުރަނީ؟ މަންމަ މިއަދު ދެއްކި ވާހަކަ ހަނދާންއެބަހުރިތަ؟ މަންމައަށް އެބަ ހީވޭކަން ނޭނގެ އަހަރުމެން ނޯމަލްއެއް ނޫނޭ!"
"ތީ ވެސް ތެދެއް. ރައްޓެހިން މިހާރު ފާޑުފާޑުގެ އެއްޗެހި އެބަ ކިޔައޭ ބުނީމަ އެ ބުނެވެނީ މާ ރީތި އެއްޗެއް ނޫން. އެކަމަކު.." ތޫބާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. "އަހަރެން މެރީއެއް ނުކުރާނެކަން ނޭނގެ. ދެން ނެތް ކަމުދާ މީހެއް."
"ދެން ނެތޭ؟" ފަރްހާ އެހިއެވެ. "އޭގެ.."
ފަރްހާއަށް ފޯނެއްއައެވެ. ގުޅީ ރަޒީނެވެ. އެކަމަކު، އެ ނަންބަރުގައި ލުބާނާ ޖަހާފައި އޮތުމުން އަރާފައިއޮތީ ލުބާނާގެ ނަމެވެ. އަސްލު ލުބާނާގެ ނަންބަރާއި ރަޒީންގެ ނަންބަރު ވަކިކުރަން ފަރްހާ އިތުރުކޮށްފައިވަނީ އޭ އަކުރެއް އެކަންޏެވެ.
"މާލޭގަ ފައިޖެހޭ އިރަށް އެ ގުޅީ!" ތޫބާއަށް ފޯނު ދައްކައިލަމުން ފަރްހާ ބުންޏެވެ. "ނުނަގާނަން!"
"ދެން ނަގާބަލަ!" ތޫބާ އެދުނެވެ. "ބައްޕައަށް ކަމެއްވީކަމަށް ވެސް ވެދާނެއްނު!"
ފަރްހާ ފޯނު ނެގިއެވެ. ނަގާ އިރަށް ރަޒީން ވާހަކަދައްކަން ފެށިއެވެ.
"ހިނގާބަލަ މީޓުކޮށްލަން،" ރަޒީން ބުންޏެވެ. "ވަރަށް ގިނަ ވާހަކަ އެބަހުރި."
"ކަމެއްނުކުރަން،" ފަރްހާ ދިނީ ނުވެސް ގުޅޭ ޖަވާބެކެވެ. "ދޮންތަޔާ އެއްކޮށް ކޮފީއެއްގަ މީނީ."
"ސީރިޔަސްކޮށްތަ؟ ގުޅާނަން ފަހުން." އެހެން ބުނެފައި ރަޒީން ފޯނުކަނޑައިލިއެވެ.
"ކީކޯ؟" ތޫބާ އެހިއެވެ.
"މީޓުކޮށްލަން އަންނާށޯ!" ފަރްހާ ބުންޏެވެ. "ކޮންމެވެސް އެއްޗެއް ގެނެސްގެން އެ އުޅެނީ. ދޮންތަ ދާނަން؟"
ފަރްހާ އެހެން ބުނީ ތޫބާ ނުދާނެކަން ޔަގީންވާތީއެވެ.
"ނުވޭ ދާހިތެއް،" ތޫބާ ޗޮކެއްކަނޑައިފައި ބުންޏެވެ. "ލުބާ މިހާރު ލިޕްސްޓިކް ނުޖައްސަނީތަ؟ ކުރީ ދުވަހު އިންސްޓަގްރާމަށް ލާފަހުރި ފޮޓޯގަ އެއްވެސް ކުލައެއް ނެތް."
"ކޮންތާކު! ރަޒީން ބޭނުންވާ ގޮތަށް ލުބާ ވެސް ނެޗްރަލްވަނީނު،" ހީނގެންފައި ފަރްހާ ބުންޏެވެ. "އެއީ ޝެނަލް ރޫޖްގެ ކޮކޯ ފްލޭޝް. ވަރަށް ފޭމަސް ލިޕްސްޓިކެއް އެއީ. ވަރަށް ރިއަލްވާނެ. މާލޭގަ ވެސް އެބަ ހުރި."
ތޫބާ ވިސްނައިލިއެވެ. ދެން ފަރްހާ ދެއްކި އެއްވެސް ވާހަކައެއް ތޫބާއަކަށް ނީވެއެވެ. ތޫބާ ދެއްކީ ތޫބާ ބޭނުންވި ވާހަކައެވެ.
"ހިނގާބަލަ ގޭގަ އެއްޗެއް ހަދާފަ އެމީހުން ގެންނަން،" ތޫބާ ބުންޏެވެ. "ލުބާ ކޮންމެ އެއްޗެއް ކިޔަސް އަހަރުމެން ޖެހޭނެއްނު ނައިސްވާކަމަށް ހެދެން."
ބުނެވިފައިވާ އެއްޗެއްގެ ސަބަބުން ރަޒީންގެ ގުޅުމަށް ބުރޫއަރާފައިވާތީ، އޭނަޔާ ކުރިމަތިލާކަށް ފަރްހާއަކަށް ފަސޭހައެއް ނޫނެވެ. އެހެނަސް، ލުބާނާޔާ ވަރަށް ގާތްކޮށް އުޅޭތީ ފަރްހާއަކަށް އިންކާރެއް ނުކުރެވުނެވެ. ފަރްހާ އުންމީދުކުރީ މަންމަ އިންކާރުކުރާނެކަމަށެވެ. އެހެނެއް ނުވިއެވެ. ދެން ފަރްހާ ދުއާކުރީ ލުބާނާ އެ ދައުވަތު ގަބޫލުނުކުރާނެކަމަށެވެ. އެހެނެއް ވެސް ނުވިއެވެ.
ބައެއް އެއްޗެހި ގޭގައި ހަދައިފައި، ބައެއް އެއްޗެހި އޯޑަރުކޮށްގެން ވެސް ގެނައެވެ. ވަގުތު ސަލާމަތްކުރުމުގެ ގޮތުންނެވެ. ސަލާމަތްކުރެވުނު ވަގުތު ހޭދަކުރީ ދެބެން ނަލަހެދުމަށެވެ. ފަރްހާ ގަތީ ލުބާނާ ބޭނުންކުރި ވައްތަރުގެ ލިޕްސްޓިކެކެވެ. ހަމަ ކޮކޯ ފްލޭޝްއެވެ. ފަރްހާ ތައްޔާރުވި އިރު ތޫބާ އުޅުނީ ފާހާނައިގައެވެ. ތޫބާ ތައްޔާރުވެގެން ނުކުތް އިރު ސަފިއްޔާއާއި ފަރްހާ އުޅެނީ މޭޒުގައި ތަށިތައް އަތުރާށެވެ.
"ލޯބިތަ؟" ތޫބާ އެހިއެވެ
ފަރްހާ ބަލައިލި އިރު ތޫބާ ވެސް ތުންފަތުގައި ޖައްސައިފައިހުރީ ކޮކޯ ފްލޭޝްއެވެ.