22 ޑިސެމްބަރ 2023 - 18:33

ސަރުކާރަށް ފާޑުކިޔައި ދެ ވެބްސައިޓް އެއްވެސް އުސޫލެއް ނެތި ބްލޮކްކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.
ރަޖިސްޓްރީނުކޮށް ހިންގަމުން އައި ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް ސަރުކާރުން ބްލޮކްކޮށްފައިވާއިރު މިއީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔައި ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކެކެވެ.
އެ މައްސަލާގައި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މީޑިއާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ބްލޮކްކުރި ދެ ވެބްސައިޓާ ގުޅިގެން އެއްވެސް މައްސަލައެއް މިހާތަނަށް އެ ކައުންސިލަށް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ބްލޮކްކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކްކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުން ހުރަހެއް އަދި ނުރައްކަލެއް،" އެ ޕޯސްޓުގައިވެ އެވެ.
އެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނީ ދެ ވެބްސައިޓް ބްލޮކްކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމަށް ހައްގައް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން އެޑިޓާސް ގިލްޑް އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ދުލައި ގަލަމުން ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އެހެންވެ މީޑިއާ ކައުންސިލުގެ އެއްވެސް ދައުރެއް ނެތި ދެ ވެބްސައިޓު ބަންދުކުރަން ޖެހުނު ސަބަބު ހާމަކުރުމަށާއި އެކަން ހާމަނުކުރެވޭ ނަަމަ، އެ ދެ ވެބްސައިޓް އަލުން އޮޕަރޭޓްކުރުމަށް ދޫކޮށްލުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ އެ ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް ޖަމިއްޔާތަކުން ގޮވާލަމުންދާއިރު އެކަމުގައި ސަރުކާރުން ބުނެފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.