ބަޔާން ފަހު ވަގުތު މޮޅުވިއިރު ޑޯޓްމަންޑް ބަލިވެއްޖެ
ބަޔާން ފަހު ވަގުތު މޮޅުވިއިރު ޑޯޓްމަންޑް ބަލިވެއްޖެ

މިއުނިކް (ފެބްރުއަރީ 12) - ޖަރުމަނު ލީގުގައި ރޭ ފަހު ވަގުތު ޖެހި ދެ ލަނޑާ އެކު 2-0 އިން އެފްސީ އިންގޮލްސްޓަޑް އަތުން ބަޔާން މިއުނިކް މޮޅުވިއިރު، ޑާމްސްޓަޑް އަތުން 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވެއްޖެ އެވެ.

ރޭގެ މޮޅާ އެކު ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 20 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގު ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-0 އިން ހެމްބާގް އަތުން ބަލިވިއިރު، ލިޕްޒިގަށް ލިބިފައިވަނީ 20 މެޗުން 43 ޕޮއިންޓެވެ.

ރަށުންބޭރުގައި ލީގުގެ 17 ވަނައިގައި އޮތް އިންގޮލްސްޓަޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާނަށް އުނދަގޫތަކެއް ދިމާވި އެވެ. އެ ޓީމުން ކުޅުނު ޑިފެންސިވް ގޭމްގެ ސަބަބުން ބަޔާނަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ.

ބަޔާނުން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ފުރަތަމަ ލަނޑު ޖެހީ ތޯމަސް މުލާ ދިން ބޯޅަ އަކުން އާޓޫރޯ ވިޑާލް އެވެ. ދެ ވަނަ ލަނޑު އޭގެ މިނިޓެއް ފަހުން ކާމިޔާބުކުރީ އާޔެން ރޮބެން އެވެ.

ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އާސެނަލާ ދެކޮަޅަށް ކުޅުމުގެ ކުރިން ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުކުރަން މި މެޗުން މި ލިބުނު މޮޅު މުހިއްމު ކަމަށެވެ.

"ބޮޑު މެޗަކަށް ނުކުތުމުގެ ކުރިން މޮޅަކާ އެކު ދިއުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަަށް ވަރަށް މުހިއްމު ކަމެއް،" އަންޗެލޮޓީ ބުންޏެވެ.

ޑޯޓްމަންޑް ކޮޅަށް ޑާމްސްޓަޑްގެ ލަނޑުތައް ކާމިޔާބުކުރީ ޓެރަންސް ބޮއިޑާއި އެންޓޯނިއޯ މިރްކޯ-ކޮލަޗް އެވެ. ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރަފައެލް ގަރޭރޯ އެވެ.

ދެ ވަނައިގައި އޮތް ލިޕްޒިގަށް ރޭގެ މެޗުގައި ހެމްބާގާ ދެކޮޅަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހެމްބާގްގެ ލަނޑުތައް ކާމިޔާބުކުރީ ކިރިއާކޯސް ޕަޕަޑޫޕަލަސް އާއި ވޮލަސް އަދި އާރޮން ހަންޓް އެވެ.