12 ފެބުރުއަރީ 2017 - 11:56

ވެރިކަން ކުރާ ޕީޕީއެމަށް މެމްބަރުން އިތުރުކުރަން މާލޭގައި އިއްޔެ ހިންގި ހަރަކާތުން 11،000 އަށް ވުރެ ގިނަ މީހުން އެ ޕާޓީ އަށް ސޮއިކޮށްފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އެ ޕާޓީން ބުނިގޮތުގައި، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ބެއްލެވުމުގެ ދަށުން، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި ކުންފުނިތަކުގެ އިސްވެރިން މަގުތަކަށް ނިކުމެވަޑައިގެންނެވެ.

އެ ހަރާކާތުގައި އިސްކޮށް އުޅުއްވި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވީ ފަސްޓް ލޭޑީ އިސްވެ، ޕާޓީ އަށް މެމްބަރުން އިތުރުކުރަން އިއްޔެ ހިންގި ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ. މާލެ އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކުން 11،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގައި ސައްހަ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 39،000 ތިބިއިރު، އެ ކޮމިޝަނަށް ހުށަނާޅައި ހުރި ފޯމުތަކާ އެކު ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 70،000 އަށް އަރާނެ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
"ދެ ގްރޫޕަކަށް ބަހާލައިގެން، މެމްބަރުން އިތުރުކުރުމުގެ ހަރަކާތް އިއްޔެ ކުރިއަށް ގެންދިޔައީ. ހެނދުނު 8:00 އިން ރޭގެ ނިޔަލަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމަށް މިވަނީ ސޮއިކޮށްފައި،" ފަލާހް ވިދާޅުވި އެވެ.
"މިހާ ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރުމަކީ، ތިން އަހަރުގެ ތެރޭގައި ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ އާއި އެމަނިކުފާނުގެ ހިދުމަތް ރައްޔިތުން ބަލައިގަތް ކަމުގެ ހެއްކެއް."
އޭނާ ވިދާޅުވި ގޮތުގައި މިހާރު އަމާޒުހިފާފައިވާ ގޮތަށް، 2018 ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން 150،000 މެމްބަރުން ހަމަކުރާނެ އެވެ. މެމްބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.