ލޫޓަންގެ ކެޕްޓަނަށް ހާޓް އެޓޭކް ޖެހިގެން ހުއްޓާލި މެޗު އަލުން ކުޅެނީ
ލޫޓަންގެ ކެޕްޓަނަށް ހާޓް އެޓޭކް ޖެހިގެން ހުއްޓާލި މެޗު އަލުން ކުޅެނީ

މިދިޔަ ހަފްތާ ބަންދުގައި އިނގިރޭސި ޕްރިމިއާ ލީގުގައި، ބޯންމަތާ ދެކޮޅަށް ކުޅެނިކޮށް ލޫޓަން ޓައުންގެ ކެޕްޓަން ޓޮމް ލޮކްޔާ އަށް ހާޓް އެޓޭކެއް ޖެހިގެން ހުއްޓާލި މެޗު އަލުން ފަށައިގެން ކުޅެން ޕްރިމިއާ ލީގުން ނިންމައިފި އެވެ.

މެޗުގެ 59 ވަނަ މިނިޓުގައި ލޮކްޔާގެ ހިތް ހުއްޓިގެން ދަނޑަށް ވެއްޓުމުން އޭނާ އަށް ވަނީ ދަނޑުމަތީގައި ފަރުވާ ދީފަ އެވެ. އަދި ސްޓްރެޗަރުގައި ދަނޑުން ބާލައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާ އަށް ހޭވެރިކަން ވުމުންނެވެ.

އެ މެޗު ހުއްޓާލަން ނިންމި އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރު ވެފަ އެވެ.

"މެޗުގެ 59 ވަނަ މިނިޓުގައި މެޗު ހުއްޓާލަން ނިންމީ، ޕްރިމިއާ ލީގާއި މެޗު އޮފިޝަލުންގެ އިތުރުން ދެ ކްލަބްގެ މެނޭޖަރުންނާއި ކުޅުންތެރިންގެ އިއްތިފާގުން. ދިމާވި ހިތާމަވެރި ހާލަތުގައި ހަރަކާތްތެރިވި މެޑިކަލް ސްޓާފުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ޕްރިމިއާ ލީގު ފަރާތުން ޝުކުރު އަދާކުރަން،" ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ވެއެވެ.

"އަހަރެމެން މި ތިބީ ޓޮމް [ލޮކްޔާ] އާއި އޭނާގެ އާއިލާ އަދި ލޫޓަން ޓައުން އާއެކު. އެދެނީ އޭނާ އަށް އަވަސް ޝިފާއެއް ލިބުން."

ލޮކްޔާ އަކީ ލޫޓަން ޓައުންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުން ފުރުސަތު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރި ލީޑަރެކެވެ. ވޭލްސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވަނީ ހިތުގެ މައްސަލައަކާ ގުޅިގެން މިދިޔަ މެއި މަހު ކުޅުނު ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލްގައި ވެސް ވަރަށް ކުރީކޮޅު ދަނޑުމައްޗަށް ވެއްޓިފަ އެވެ. އޭނާ އަލުން ކުޅުމުގެ ތެރެއަށް އައީ ސީޒަން ބްރޭކުގައި ހިތުގެ ސާޖަރީއެއް ހަދައިގެންނެވެ.