ނޯތު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

ޕިއޮންޔޮން (ފެބްރުއަރީ 12) - ނޯތު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.

މިއީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ނޯތު ކޮރެއާ އިން ކުރި ފުރަތަމަ މިސައިލް ޓެސްޓެވެ.

ސައުތު ކޮރެއާގެ އޮފިޝަލުން ބުނީ މިއަދު ހެނދުނު ކޮރެއާ ގަޑިން 7:55 ގައި ޓެސްޓް ކުރި މިސައިލް ފޮނުވާލާފައި ވަނީ ޖަޕާން ކަނޑާ ދިމާލަށް ކަމަށެވެ. އަދި އެ މިސައިލް 500 ކިލޯ މީޓަރަށް ދަތުރު ކުރި ކަމަށް ވެސް ބުނެފައިވެ އެވެ. ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑާ ސުދާ ވިދާޅުވީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލް އެ ގައުމުގެ ސަރަހައްދަށް ވާސިލްވެފައި ނުވާ ކަމަށެވެ. އަދި ނޯތު ކޮރެއާ އިން ކުރި ޓެސްޓަށް ޖަޕާނުން އެންމެ ހަރުކަށިކޮށް ނުރުހުން ފާޅުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯތު ކޮރެއާ އިން މިދިޔަ އަހަރު ވެސް ވަނީ ވަރަށް ގިނަ މިސައިލް ޓެސްޓްކޮށްފަ އެވެ. ނޯތު ކޮރެއާ އިން ތަކުރާރުކޮށް ނިއުކްލިއާ މިސައިލް ޓެސްޓް ކުރަމުން ދިއުމުގެ ސަބަބުން ވަނީ އެ ސަރަހައްދުގެ މަޝްރަހު ހޫނުވެފަ އެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ ނޯތު ކޮރެއާ އިން މިސައިލެއް ޓެސްޓް ކުރިކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ވައިޓްހައުސްގެ އޮފިޝަލުން ބުނެފައި ވަނީ ނޯތު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅޭ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ދީފައިވާ ކަމަށެވެ.

މިސައިލް ޓެސްޓާ ގުޅިގެން ނޯތު ކޮރެއާ އިން ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.