21 ޑިސެމްބަރ 2023 - 09:12

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާއަށް، ހދ. ކުޅުދުއްފުށިން އިތުރު ހަ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން "އެކްސްގައި" ކުރި ޕޯސްޓުގައި ބުނީ، އެއިޑްސް ދުވަސް ފާހަގަކުރަން އެ ރަށުގައި ބޭއްވި ހެލްތު ސްކްރީނިންގައި ބިދޭސީ ލޭބަރުންތަކެއް ޕޮޒިޓިވްވުމުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ގެންދިޔަ ސްކްރީނިންގައި މިހާތަނަށް 25 ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ބަލި ޖެހިފައިވާ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ 17 މީހެކެވެ. އެކަމަކު، ފަހުން ހެދި ޓެސްޓުތަކުން އިތުރު ދެ މީހަކު ޕޮޒިޓްވެ، ޖުމްލަ 19 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ކުރިން ބުންޏެވެ. ނަމަވެސް، އެޗްޕީއޭއިން ހެނދުނު ކުރި ޕޯސްޓުގައި ބުނީ، އިތުރު ހަ މީހަކާ އެކު ޖުމްލަ 25 މީހަކު ބިދޭސީއަކަށް ފައިލޭރިއާ ޖެހިފައިވާ ކަމަށެވެ.
"ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސިވެފަ އެވެ. މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުންކަން ފާހަގަކުރެވިފައިވެ އެވެ. މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ދަނީ ކުރެވުމުންނެވެ." އެޗްޕީއޭއިން ބުންޏެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ ރަށްތަކުން، ކޮންމެ ދުވަހަކު ވެސް އެތައް ބޭނުމެއްގައި އާއްމުކޮށް ގޮސް އުޅޭ ރަށެކެވެ. އެހެންވެ، އެޗްޕީއޭއިން މިހާރު އަންނަނީ ކައިރި ރަށްރަށަށް މި ފަހުން ދިޔަ ބިދޭސީ ލޭބަރުން ސްކްރީން ކުރަން ތައްޔާރުވަމުންނެވެ.
ފައިލޭރިޔާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިޔާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފިނަމަ ފައިލޭރިޔާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިޔާ ނުޖެހިދާނެ އެވެ.
އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިޔާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ރަށުން ފެނުނު އެއްވެސް މީހެއްގެ ބޭރު ފުށުން އަލާމާތެއް ފެންނާކަށް ނެތެވެ.