20 ޑިސެމްބަރ 2023 - 22:50

ތިޔާގިކަމާއި މުއްސަނދިކަމަކީ ވޯޓުން ހޮވޭ މީހުންގެ އެކަނި ހައްގެއްތޯ ސުވާލުކުރައްވައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އަގު ވަޒަންކުރުމަށް ބާއްވާ "ކަންގަތި އެވޯޑް" ހަފުލާގައި ރައީސް އުފެއްދެވީ މައިގަނޑު ތިން ސުވާލެވެ. ފުރަތަމަ ސުވާލަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅޭ، ސަރުކާރުތަކުގެ ވައުދުތައް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހިން ވޯޓުލާން މި ޖެހެނީ ކީއްވެ ކަމާ މެދު އެވެ.
ދެވަނަ ސުވާލަކީ ދިވެހި އާންމު ރައްޔިތު މީހާއަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުމުގެ ހައްގުތޯ އެވެ. ތިންވަނަ ސުވާލަކަށް ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ އެއްސެވި އެވެ.
"އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން. ފުރާވަރު ކުދިން އުފަލުގައި އުޅޭތަން ދެކެން އަޅުގަނޑު ބޭނުން. އާ ކައިވެނީގެ ގުޅުންތައް ހަރުދަނާވެ ރީތި ގެޔެއްގައި ތަހުޒީބު ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ބޭނުން، ޒުވާނުންނާއި ދުވަސްވީ އިސްރަށްވެހީން ސަމާސާކޮށްލާ އިހްތިރާމާ ކަމޭ ހިތުމާ އެކު އުޅޭތަން ދެކެން ވެސް އަޅުގަނޑު ޝައުގުވެރިވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އާއި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ނިންމައިފުވުމުން އެކަމަށް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. މުސާރަތައް ބޮޑު ކުރަން ނިންމީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
ރައީސް ވަނީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެ މަނިކުފާނުގެ މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ނިންމަވައިފަ އެވެ. ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ކެބިނެޓް ވެސް ވަނީ އެގޮތަށް ނިންމަވައިފަ އެވެ.
ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރާށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވިޔަސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާއެކު މަހު މުސާރަ 93،000ރ. އަށް އަރާނެ އެވެ.
މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ. މަޖިލިސް މެންބަރުންގެ މުސާރަ އާއި އެލަވަންސް 100,000ރ. އާ ހަމަޔަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު، އެމްޑީޕީން މިއަދު ވަނީ އެ ނިންމުން ދިފާއު ވެސް ކޮށްފަ އެވެ.