އެމްޑީޕީން ބުނަނީ މެންބަރުންގެ މުސާރައިން ދެކޮޅުނުޖެހި ދަތި ހާލުގައި އުޅޭ ކަމަށް
އެމްޑީޕީން ބުނަނީ މެންބަރުންގެ މުސާރައިން ދެކޮޅުނުޖެހި ދަތި ހާލުގައި އުޅޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށް ވުރެ ކުރަންޖެހޭ ހަރަދުތައް ބޮޑު ކަމަށާއި މާލޭގައި ދަތި ހާލުގައި އުޅެން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މަޖިލިސް މެންބަރުންގެ މުސާރަ އާއި އެލަވަންސް 100,000ރ. އާ ހަމަޔަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީން ވަނީ އެ ނިންމުން ދިފާއުކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ މަޖިލީހުގައި ވަރަށް ގިނަ މެންބަރުންނަކީ ރަށްރަށުގައި ދިރިއުޅުއްވާފައި މާލެ ވަޑައިގެން ވަރަށް އުނދަގުލުގައި ތަންތަނުގައި ކުއްޔަށް އުޅުއްވާ ބައެއް ކަމަށެވެ.

މާލޭގައި ގިނަ ހަރަދުތަކެއް ކުރަންޖެހި އެހާ ދަތިކޮށް އުޅުމުގެ އިތުރުން ކޮންމެ ޗުއްޓީއެއްގައި މެންބަރުން ދާއިރާއަށް ދަތުރުކުރަން ޖެހޭ ކަމަށާއި ކޮންމެ ދަތުރަކަށް ވެސް އިންތިހާއަށް ހަރަދުކުރަން ޖެހޭ ކަމަށް ބިގޭ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ބަލާއިރު މަޖިލީހުގެ ގިނަ މެންބަރުންގެ ވާހަކަތަކުން އެނގެނީ އެ މަހެއްގެ ލިބޭ މުސާރަ އަށް ވުރެ ބޮޑު ހޭދައެއް ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަން،" ބިގޭ ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ގިނަ މެންބަރުންނަކީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުން އުޅުއްވާ ހާލު އަމިއްލަ ތަޖުރިބާ އާއި މެންބަރުންގެ ވާހަކަތަކުން އެނގިވަޑައިގަންނަވާ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި މާލިއްޔަތު ކޮމިޓީން ނިންމީ ހަމައެކަނި މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރާކަށް ނޫނެވެ.

މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ ހުރިހާ މުއައްސަސާއެއްގެ މުސާރަ ވެސް ސްޓްރަކްޗާ އަކަށް ވައްދައި އެއް މިންގަނޑެއްގައި ހިފެހެއްޓޭ ގޮތަށް އެއްހަމަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެ މުއައްސަސާތަކުން އެދެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައި ވާތީ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށްޓަކައި ތަފާތު ގޮތް ގޮތަށް ދެކެވިގެން ދިޔަ ނަމަވެސް މިކަން މި ގޮތަށް ކުރުމަށްޓަކައި ބަޖެޓު ދިރާސާ ކުރި ދުވަސްވަރު ވެސް މަޖިލީހަށް ހުށަހެޅުންތައް އައިސްފައި ހުރި ހުރުމުގެ މައްޗަށް ރިއާޔަތްކޮށް މަޖިލީހުން މުސާރައަށް ކުރިއެރުން ގެންނަން ނިންމީ،" ބިގޭ ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންނަށް ކުރިން ލިބެނީ ކޮމިޓީ އެލަވަންސާ އެކު 80،000ރ އެވެ.

މާލިއްޔަތު ކޮމިޓީއަށް އެންމެ ފުރަތަމަ ހުށަހެޅީ މުސާރައިގެ ގޮތުގައި 82،000ރ. ކަނޑައެޅުމަށެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000ރ. އެވެ.

ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި "އޯފް ދަ ރެކޯޑުގައި" ކުރި މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ކޮމިޓީން ފާސްކުރީ މެންބަރުންނަށް 80،000ރ. ގެ މުސާރައެކެވެ.

ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް 20،000ރ. ގެ އެލަވަންސް ލިބޭއިރު ބޮޑުކުރި މުސާރައާ އެކު މަހަކު 100،000ރ. މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.