20 ޑިސެމްބަރ 2023 - 18:17

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ވައުދުތައް އެކަށީގެންވާ ގޮތެއްގައި ނުފުއްދަވާ ކަމަށާއި އެ އިރެއްގައި އޮތް ހާލަތަކަށް ބަލައި ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނު ޒިންމާދާރުކުރުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެމްޑީޕީ ޕީޖީން މިހެން ބުނީ މިދިޔަ މަހުގެ 17 ގައި ފެށި ސަރުކާރުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި ވަނިކޮށެވެ. އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެމްޑީޕީގެ މެންބަރުންނަށް އެކަނި ރައީސް ވަކި ކުރެވޭ ގޮތަށް އެ ޕާޓީން ވަނީ މަޖިލީހުގެ ގަވައިދު ވެސް ބަދަލުކޮށްފަ އެވެ.
ޕީޖީން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ޝިފާއު ފާހަގަކުރައްވާފައި ވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތް ކަމަށާއި ޕީޖީން ކަންކަން ނިންމާނީ ވަރަށް ވިސްނުންތެރިކަމާ އެކު ވަގުތާއި ހާލަތަށް ބަލާފައި ކަމަށެވެ.
ރައީސް މުއިއްޒު ވަކިކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިން ސުވާލުކުރުމުން އެކަމަށް ބިގޭ ސީދާ ޖަވާބެއް ނުދެއްވި އެވެ.
ބިގޭ ވިދާޅުވީ ސަރުކާރުން އެންމެ ޒިންމާދާރު ގޮތެއްގައި ކަންކަން ކުރާ ކަމަކަށް ޕީޖީގެ ގިނަ މެންބަރުން ގަބޫލު ނުކުރައްވާ ކަމަށެވެ.
"ޕީޖީގެ ގިނަ މެންބަރުންގެ ވިސްނުން އެބަހުރި ސަރުކާރުން ކަންކަން ކުރެއްވުމުގައި އެންމެ ޒިންމާދާރު ގޮތް ނޫން ގޮތަށް ކަންކަން ކުރައްވަމުން އެ ގެންދަވަނީ. ވެވަޑައިގެންނެވި ވައުދުތައް ވެސް އެންމެ ފުރިހަމަ އަށް އަދާ ނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ބިގޭ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާޜު ވެސް އެބަ ހިނގަ އެވެ. ކުރިޔަށް އޮތް ތަނުގައި ވެސް އެ މަސައްކަތް އެގޮތަށް ކުރައްވާނެ ކަމަށާއި ހާލަތަށް ބަލާފައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަވާބުދާރީ ކުރުވަން އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ. ޕާޓީގެ މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަންކަން ދަނީ ރަނގަޅަށްތޯ ނޫންތޯ. އެ ހިއްސާ ކުރުމުގެ ތެރެއިން ގިން ބަޔަކަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ." ބިގޭ ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގަ އެވެ. އެ ޕާޓީން އަދިވެސް ސަރުކާރުގެ އެއްވެސް ވަޒީރަކަށް ރުހުން ދޭކަށް ނުނިންމަ އެވެ. އަދި ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް ބައެއް މެންބަރުން އަންނަނީ ދެމުންނެވެ.