12 ފެބުރުއަރީ 2017 - 09:12

ލިވަޕޫލް (ފެބްރުއަރީ 12) – ސަޑިއޯ މާނޭގެ ދެ ލަނޑާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން މޮޅުވެ ލިވަޕޫލުން އެ ޓީމުން ވެއްޓިފައިވާ އަޑިގަނޑުން އެރުމުގެ މަސައްކަތް ފެށިއިރު، މި މެޗުން ޓޮޓެންހަމް ބަލިވުމާ އެކު އެއް ވަނައިގައި އޮތް ޗެލްސީ އަށް ރަނުގެ ފުރުސަތެއް ލިބިއްޖެ އެވެ.
ދެ ވަނައިގައި 50 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ބަލިވުމާ އެކު އެއް ވަނައިގައި 59 ޕޮއިންޓާ އެކު އޮތް ޗެލްސީ މިރޭ ބާންލީ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް 12 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އަނެއްކޮޅުން ފަސް ވަނައިގައި 49 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ މާދަމާރޭ ބޯންމައުތު އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު ދެ ވަނަ އަށް އަރާނެ އެވެ.
ތިން ވަނައިގައި އޮތް އާސެނަލް ވަނީ ރޭ ހަލް ސިޓީ އަތުން 2-0 އިން މޮޅުވެ 50 ޕޮއިންޓް ހަމަކޮށް ޓޮޓެންހަމް ކައިރީ ވިއްދައިފަ އެވެ.
ލީގުގައި މި އަހަރު މިހާތަނަށް މޮޅެއް ހޯދިފައިނުވާ ލިވަޕޫލް ރޭގެ މޮޅާ އެކު ހަތަރު ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި 48 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ ވަޓްފޯޑް އަތުން 2-0 އިން މޮޅުވެ ފަސް ވަނަ އަށް އަރައިފަ އެވެ. އެކަމަކު ލިވަޕޫލް މޮޅުވުމާ އެކު ޔުނައިޓެޑް އަނެއްކާ ވެސް ހަޔަކަށް ސޮއްސާލީ އެވެ.
ލިވަޕޫލުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑު ވެސް ސެނެގާލް ފޯވާޑް މާނޭ ޖެހީ 16 ވަނަ މިނެޓާއި 18 ވަނަ މިނެޓުގަ އެވެ. މިދިޔަ ދޮޅުމަހެއްހާ ދުވަހު ލިވަޕޫލުގެ ފޯމް ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް މާނޭ ދިއުމެވެ. ލިވަޕޫލުން މޮޅަށް ކުޅުނު މި މެޗުގައި ޓޮޓެންހަމް އަށް ނުރައްކާކުރެވުނީ މަދު ފަހަރެއްގަ އެވެ.
"މިއީ ތަފާތު މޮޅު ކުޅުމެއް. ފުރަތަމަ ހާފުގައި އެޓޭކަށް ބަލާއިރު އަދި ދެ ވަނަ ހާފުގައި ޑިފެންސަށް ބަލާއިރު މިއީ ތަފާތު ކުޅުމެއް. އަހަރެމެންނަށް މިއަށް ވުރެ ގިނައިން ވެސް ލަނޑު ޖެހުނީސް. އަހަރެމެން ހުއްޓުވަން ފުރަތަމަ ހާފުގައި ވަރަށް އުނދަގޫވާނެ. ހަތަރު ފަސް ކުޅުންތެރިން އަބަދުވެސް އޭރިއާ ތެރޭގައި ތިބި. މި މެޗު ސިފަވީ ސީޒަނުގެ ކުރީކޮޅުގެ މެޗެއްގެ ގޮތުގައި،" ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗު ފެށީ ވަރަށް ދަށްކޮށް ކަމަށާއި ފުރަތަމަ ހާފުގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ.
"ދެ ވަނަ ހާފުގައި އަހަރެމެން ލިވަޕޫލް ފެންވަރަށް ދިޔައިން. އެކަމަކު އޭރު މާ ލަސްވެއްޖެ،" ޕޮޗެޓީނޯ ބުންޏެވެ.
އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު 32 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ހުއާން މަޓާ އެވެ. އޭނާ އަށް މި ގޯލް ޖަހަން މަގުފަހިކޮށްދިނީ އެންތަނީ މާޝިއާލް އެވެ. ދެ ވަނަ ލަނޑު 60 ވަނަ މިނެޓުގައި މާޝިއަލް ޖެހީ ޒަލަޓާން އިބްރަހިމޮވިޗް ދިން ބޯޅައަކުންނެވެ.
އާސެނަލް އަމިއްލަ ދަނޑުގައި ހަލް އަތުން މޮޅުވިއިރު ދެ ގޯލް ޖަހައިދިނީ ވެސް އެލެކްސިސް ސަންޗޭޒެވެ. ފުރަތަމަ ގޯލް 34 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ.