މިހާރު 30: ލޯބިވާ ވަރު ބުނަން ބޭނުންވިއޭ
މިހާރު 30: ލޯބިވާ ވަރު ބުނަން ބޭނުންވިއޭ

އޮފީސް ނިމޭ ގަޑީގެ ދިހަ މިނެއްޓު ކުރިން އަހަރެން ނުކުތީމެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެއާ ދުރަށް ހިނގައިގަތީމެވެ. ވިއްސާރަ ދުވަސްވަރެކެވެ. މަގުގެ އެކި ތަންތަންކޮޅުގައި ފެންހެދިފައި އޮތެވެ. އަރައިގެން ހުރި ބޫޓުގެ ފުންނާބު އުސްކަމުން، އަހަރެން ބޭނުންވި ވަރަކަށް ނުހިނގެއެވެ. ފޯނު ރަނގަބީލުވިއެވެ. ނަސީބަކުން އެ ކޯލު އައީ އަހަރެން ހީކުރި ވަރަށް ވުރެ ލަހުންނެވެ.

"ވާރޭ އަންނާތީ ތަންކޮޅެއް އަވަހަށް ނުކުތީ،" އަހަރެން ހުރީ އެ ދޮގުހަދަން ތައްޔާރުވެގެންނެވެ. "މިހާރު ގެއާ ވަރަށް ކައިރީގަ މި އުޅެނީ."

ފޯނު ކަނޑައިލުމަށް ފަހު ފުން ނޭވައެއް ބޭރުކޮށްލީމެވެ. ހިނގުން މަޑުކޮށްލީމެވެ. ގެއާ ކައިރިވެއްޖެކަމަށް ބުނުމުން އަހަރެން ހޯދަން ދޮންބެ ނާންނާނެކަން އަހަންނަށް ޔަގީނެވެ. ފަހަތުން ބަރުގޮނުއަޅައިލިއެވެ. އަހަރެން ނުވެސް ބަލަމެވެ. ކަންތައްތައް ވަމުންދިޔައީ ހީކުރި ގޮތަށެވެ. އުފަލުން ހިތް ފުރިފައި ވިޔަސް އަހަރެން ފުސްމޫނު ހަދައިލީމެވެ. ފައިރޫޒް ލައްވާ ސަމާސާކުރުވަން އަހަރެން ބޭނުންވާތީއެވެ.

"ދެން އަރާބަލަ ސައިކަށް،" ފައިރޫޒް ބުނި އަޑު އިވުނެވެ. "ލޯ މަރައިގެންނޭ ދުއްވާނީ. އޭރުން ތި ގެ ކައިރިއަށް ހުއްޓިޔަސް ގޭގެ ނަމެއް ވެސް މަށަކަށް ނުފެންނާނެއްނު. މަށަށް ޔަގީން ވިއްސާރަ އަންނަންވާއިރަކަށް ގެއަކަށް ނުދެވޭނެކަން."

ހުއްޓައިނުލައި ފައިރޫޒް ވާހަކަދެއްކިއެވެ. އެ ދުވަހަކީ، ފައިރޫޒްގެ ސައިކަލަށް އަރަން އަހަރެން ނިންމައިގެން ހުރި ދުވަހެވެ. ބޭނުންވީ އިތުރަށް އާދޭސްކުރުވާށެވެ. ފައިރޫޒްގެ އަޑު އަހަންނަށް ވަރަށް ރީއްޗެވެ. ސަމާސާއަކަށް ވިޔަސް އާދޭސްކުރާ ރާގު ވެސް ވަރަށް ރީއްޗެވެ. އަހަރެން އެޅި ކޮންމެ ގޯޅިއެއް އަޅައިގެން ފައިރޫޒް އައެވެ. ބައެއް ފަހަރު، އެއްކޮޅަށް ދުއްވާ މަގުގެ ނުބައިކޮޅުން ވެސް މެއެވެ. އެއީ ކޮންމެހެން ކުށެއް ކުރުމުގެ ނިޔަތުގައި އޭނަ ކުރި ކަމެއް ނޫނެވެ. ފައިރޫޒަކީ ވިޔަޔާދާ ޒުވާނެކެވެ. އަހަރެންގެ ރައްޓެއްސަކު ލައްވާ ފައިރޫޒުގެ ވަނަވަރު ބަލައިފީމެވެ. ފައިރޫޒަށް ސަމާލުކަން ދީގެން ހުރެ އަހަރެންނަށް ވަދެވުނީ ނުވަންނަންވާ ގޯޅިއަކަށެވެ. ހުރަސްކުރެވުނީ ކުރަން ނުވާ ވަރުގެ ގެއެކެވެ. ދޮރުމައްޗަށް ނުކުމެ ހުރީ ދެކެން އަހަރެން އެންމެ ބޭނުން ނުވާ މީހާއެވެ. އަހަރެންގެ މަންމައެވެ. ފައިރޫޒްގެ އަވަށްޓެރިއެކެވެ. އޭނަ ފެނިފައި ފައިރޫޒް ތަންކޮޅެއް ބާރަށް ސައިކަލު ދުއްވައިލިއެވެ. މުޅި ދުވަހު އަހަރެން ރޭވި ރޭވުން ދިޔައީ ފެނަށެވެ.

ގެއަށް އައިއިރު އަހަރެންގެ ރުޅިގަނޑު ހުރީ މަޑުވާން ފަށައިފައެވެ. އެ ކަމާ އަދި މާ ރުޅިއައެވެ. އަލަމާރިތެރޭގައި އޮތް އަހަރެންގެ އަލްބަމް ނެގީއެވެ. އޭގައި ރައްކާކޮށްފައި ހުންނާނީ ހަމައެކަނި ފޮޓޯއެއް ނޫނެވެ.

"ދެ މަހުގެ ކުއްޖަކު އެއްލައިލައިފައި މަންމައަކު ފިލައިފި!" ނޫހުގައި ޖަހައިފައި އޮތެވެ.

ޚަބަރުގެ އެއްކޮޅުން ފެށިގެން އަނެއް ކޮޅަށް އަހަރެން ކިޔައިލީމެވެ. ނޫހަކުން ކަފައިލައިފައިވާ އެ ކަރުދާސްކޮޅު އަހަންނަށް ދިނީ މާމައެވެ. ބައްޕަގެ މަންމައެވެ. އެހެން މީހުންގެ ނަޒަރުގައި އެއީ ރަތްވެފައިވާ ކަރުދާސްކޮޅެކެވެ. އަހަރެންގެ ނަޒަރުގައި އެއީ ރަތް އަނގުރުގަނޑެކެވެ. މަންމަދެކެ އަހަރެން އަންނަ ރުޅީގެ ހުޅުގަނޑު ކުޑަވިޔަ ނުދިނުމަށްޓަކައި އެ އަނގުރުގަނޑުގެ ބޭނުން އަހަރެން ހިފަމެވެ. މަންމައަކީ، ދުނިޔޭގެ އަލިކަން އަހަންނަށް ފެނުނުތާ ތިން އަހަރު ނުވަނީސް އަހަރެން އެއްލައިލި މީހެކެވެ. ބައްޕަގެ ގެއަށް މަންމަ އައިސް، އުނދޯލީގައި އަހަރެން ބާއްވާފައި މަންމަ ފުރައިގެން ދިޔައީއެވެ. އަހަރެން ބަލަންޖެހުނީމަ މަންމަގެ އުފާތަކަށް ހުރަސްއެޅެނީއެވެ. ރައްޓެހިންނާ އެކީގައި މަޖާކުރަން މަންމައަށް ނުދެވެނީއެވެ. އެންމެ ފަހުން ބައްޕައަށް ގޮތް ހުސްވެގެން މަންމަ ވަރިކުރީއެވެ. މަންމައަކީ، އަބަދުވެސް މަންމަގެ އަމިއްލަ އުފާތަކަށް އިސްކަން ދިން އަންހެނެކެވެ. އެ ދަނޑިވަޅުގައި އަހަރެންގެ އަތުގައި ބައްޕަ ނުހިފި ނަމަ އަހަރެން ވަރަށް ހާލުގައިޖެހުނީހެވެ.

ފައިރޫޒާއި އަހަރެންގެ ގުޅުން ބަދަހިވިއެވެ. ލޯބީގެ ނަންދެވި ކައިވެންޏާ ދިމާއަށް މިސްރާބުޖެހިއެވެ. މާމައަށާއި ބައްޕަ ވެސް ފައިރޫޒަށް ރުހުންދިނެވެ. އެހެންނަމަވެސް، ފައިރޫޒަކީ މަންމަގެ އަވަށްޓެރިއަކަށްވީތީ ބައްޕަގެ ނިތްކުރިން ރޫތައް ފިލާގޮތެއް ނުވިއެވެ. ބައްޕަގެ ނަޒަރުގައި، ފައިރޫޒްގެ ގެއަށް އަހަރެން ގެންގޮސް، ޙަޤީޤަތް ބަދަލުކުރަން މަސައްކަތް ކޮށްފާނެއެވެ. ކޮޅު އަނބުރައިލުމަށް ފަހު މާޒީގެ ސަފުހާތައް އަލުން ލިޔަން މަސައްކަތް ކޮށްފާނެއެވެ. އެ ކަން އެހެން ނުވާނެކަމުގެ ޔަގީންކަން އަހަރެން ދިނީމެވެ. ދުރުގައި ހުއްޓަސް ގާތުގައި ހުއްޓަސް، ހެޔޮއެދޭ މީހުންނާއި ނޭދޭ މީހުން ވަކިކުރަން އަހަންނަށް އެނގޭނެއެވެ.

ފައިރޫޒްގެ އަންބަކަށް އަހަރެން ވިއެވެ. އެ ގެއަށް އަހަރެން ބަދަލުވީމެވެ. މަންމަގެ ގެ ހުންނަނީ ފައިރޫޒްގެ ގެ ހުންނަ މަގުގައެވެ. ދެމެދުގައި ހުރީ ދެ ގޭގެ ދުރުމިނެވެ. ދޮރުމަތީގައި މަންމަ ބަލަން ނުހުންނަ ފަހަރަކު އަހަންނަކަށް ގެއަކުން ނުނިކުމެވެއެވެ. އެކަމަކު އަހަންނަކަށް ނުގޮވައެވެ. ބަލަހައްޓައިގެން ހުންނަނީއެވެ. ފެންނަކަމަށް އަހަރެން ނަހަދަމެވެ. ވެގެން ވާ ނަމަ، މަންމަގެ ގެ ހުރަހެއް ވެސް އަހަރެން ނުކުރީމުހެވެ. މަންމައަކީ، ދުނިޔެމަތީގައި ހުރި އަހަރެން އެންމެ ފޫހިވާ މީހާއެވެ.

"ކީއްވެ މަންމަޔާ ވާހަކަނުދައްކަނީ؟" އެންމެ ފަހުން ފައިރޫޒް އެ ސުވާލު ކުރިއެވެ.

އަހަރެން ހަނދާންވީ ބައްޕަ ބުނި ވާހަކައެވެ. މަންމަ އުޅެނީ ފައިރޫޒް މެދުވެރިކޮށް ތާރީޚް އަލުން ލިޔާށެވެ.

"ރަނގަޅަށް އަޑުއަހައްޗޭ!" ފައިރޫޒް ގާތުގައި އަހަރެން ބުނީމެވެ. "ދެވަނަ ފަހަރަކަށް މަށެއް ނުބުނާނަން މި ވާހަކައެއް. މަންމަޔާ ބެހޭގޮތުން އެއްވެސް ވާހަކައެއް، ހަމަ އެއްވެސް ވާހަކައެއް މަށާ ދައްކައިގެން ނުވާނެ."

ފައިރޫޒަށް ޝޮކެއް ލިބުނެވެ. އެކަމަކު، އަހަރެންގެ ހުކުން ތަންފީޒުކުރިއެވެ. އޮޅިގެން މަންމަގެ ވާހަކައެއް ދެއްކުނަސް މާފަށްއެދެވެ. ދެތިން ދުވަހެއް ފަހުން މަންމަ ގެއްލުނެވެ. އެއްވެސް ގަޑިއަކު ދޮރުމައްޗަކު ނުހުރެއެވެ. ފުރަތަމަ އެ ކަން ވެގެންދިޔައީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ދުވަސްކޮޅަކަށް ފަހު ހިތުގައި ސުވާލު އުފެދެން ފެށިއެވެ. ފައިރޫޒު އެ ވާހަކަ ނުދައްކާނެކަން އެނގޭތީ އިސްވެ ސުވާލުކުރީމެވެ. މަންމަ ބަލިކަން އަހަންނަށް އެނގުނެވެ. ފައިރޫޒްގެ ފަރާތުންނެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނަށް ކީއްހެއްޔެވެ؟ ނުދަންނަ ނަންބަރަކުން އަހަންނަށް ކޯލެއް އައެވެ. މަންމަގެ ގެއަށް ވަދެލަން މަންމަ އެދޭކަމަށް އެ މީހަކު ބުންޏެވެ. ކުޑަ ވެސް ޝައުޤުވެރިކަމެއް ނުއުފެދުނެވެ. ދެން އެ ނަންބަރުން އައި މެސެޖުގައި އޮތީ މަންމަ ހޮސްޕިޓަލުގައި އެޑުމިޓުކުރި ވާހަކައެވެ. އައިސީޔޫއަށް ވެއްދި ޚަބަރު ވެސް ލިބުނެވެ. އެއް ފަހަރު ނަމަވެސް ބައްދަލުކޮށްލަން މަންމަ އެދުނެވެ. ހިތަށްއެރިއެވެ. މަންމަގެ ބޭނުމަކީ މާފަށް އެދުމެވެ. ހިތްހެޔޮކަމާ އެކުގައި ދުނިޔެއަށް ވަދާޢު ކިއުމެވެ. އެ ފުރުޞަތެއް އަހަރެން ނުދޭނަމެވެ.

ހޮސްޕިޓަލުން ގެއަށް ނާދެވެވި މަންމަ ނިޔާވީއެވެ. އަހަރެން އެއްވެސް ދެރައެއް ނުވެއެވެ. އެކައްޗެއް ވެސް ހިތަކަށްނާރައެވެ. މޫނުދެކިލާކަށް ވެސް އަހަންނެއް ނުދަމެވެ. ފައިރޫޒް ދިޔައެވެ. އެ ކަމުން އަވަދިވެގެން އައިއިރު ފައިރޫޒްގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް މިލާފައެވެ.

"މިހާރަކު ދެން މަންމަ ދުނިޔެއަކު ނެތް،" އިސްޖަހައިލައިގެން ހުރެ ފައިރޫޒް ބުންޏެވެ. "އެހެންވެ މަންމައަށް ކުރެވޭނެ ކަމެއް ވެސް ނެތްތާ. ތެދު ވާހަކައެއް. ދަރިފުޅު އުނދޯލީގަ ބާއްވާފަ މަންމަ ދިޔަ. އެކަމަކު އެއީ، މަންމަ ކަންތައް ކުރަން ބޭނުންވި ގޮތެއް ނޫން. ކުރަން މަޖުބޫރުވި ގޮތް. ބައްޕައާ މަންމަ ކައިވެނި ކުރީ މަންމަގެ މައިންބަފައިންނާ ދެކޮޅަށް. އަޑުއަހައްޗޭ! މަންމައަށް ކުއްޖަކު ލިބުނުތަނާ މަންމަ ވަރިކޮށްލާފަ ބައްޕަ ދިޔައީ. ދިޔަގޮތަކަށް ޚަބަރެއް ނުވި. ދަރިފުޅުގެ ހާލުބަލައިލަން ނައި ތާނގަ ޚަރަދެއް ވެސް ބައްޕަ ނުދިން. މަންމަގެ ޢާއިލާގެ އެއްވެސް މީހަކު މަންމައަކަށް ނޫނީ ދަރިފުޅަކަށް ވެސް އެހީއެއް ނުވި. އެ މީހުން ނުގަބޫލު މީހަކާ މަންމަ ކައިވެނިކުރީތީ. މަންމަ ވަރަށް ފަޤީރު. ދެން ކިހިނެއް ހަދާނީ؟"

ޖަވާބުދޭން ނޭނގިފައި އަހަރެން ހުރީމެވެ.

"ދަރިއަށް ޚަރަދުކުރެވޭނެ އެއްވެސް ގޮތެއް މަންމައަކަށް ނެތް،" ފައިރޫޒް ކިޔައިދޭ ވަރަކަށް އަހަރެން ފެންކަޅިވަމުންދިޔައެވެ. "މަންމަގެ ބައްޕަ ނިޔާވެގެން މަންމަ މާލެއައި. ބައްޕަގެ ގޯތިން މަންމައަށް ބައެއް ލިބުނު. އަތްމަތި ތަނަވަސްވީމަ ތި ދަރިފުޅު ބަލާ މަންމަ ދިޔަ. ދަރިފުޅު ނުދިންތާނގަ ދައްކާ ވެސް ނުލި. އެނގޭތަ ގޯތިން މަންމައަށް ލިބުނު ބައި ރަޖިސްޓަރީ ކޮށްދީފަ އޮތީ ކާކަށްކަން؟ ތީ އެ މީހަކީ. މި ދޭންވެގެން މަންމަ ބައްދަލުކުރަން ބޭނުންވީ."

ފައިރޫޒް ސިޓީއުރައެއް ދިއްކޮށްލިއެވެ. ކަރުނަތައް އޮހޮރެން ދޫކޮށްލައިގެން އަހަރެން ހުރީމެވެ.

"ތި ދަރިފުޅަށް ކިޔެވުނީ އެ ގޭގެ އުނދޯލީގަ ބޭއްވިކަމުން،" ފައިރޫޒު ހަނދާންކޮށްދިނެވެ. "ތި ދަރިފުޅު ކިޔަވަންދާތަން ފެނުނީމަ އެ މަންމަ ހުންނަނީ އުފަލުން ފެންކަޅިވެފަ. ދޮރުމަތީގަ އެ މަންމަ ހުންނަނީ، ހަމަ އެކަނި ތި ދަރިފުޅު ދެކިލާހިތްވާލެއް ބޮޑުކަމުން."

ކުރިން ނޭނގޭ ކިތަންމެ ވާހަކައެއް ފައިރޫޒް ކިޔައިދިނެވެ. އަހަރެން ނުދައްކަން މާމަމެން އުޅޭތީ އެ ކަމަށް ގަދަހަދަން މަންމަ ބޭނުން ނުވީއެވެ. މަންމައާ ބެހޭ ގޮތުން ކިތަންމެ ނުބައި ނަޞޭޙަތެއް މާމަ ދިން ނަމަވެސް، އަހަރެންގެ ދެކެ މާމަ ލޯބިވާނެކަން މަންމައަށް އެނގެއެވެ. އަހަރެން ހެޔޮ ހާލުގައި ހުރުމުން މަންމައަށް ފުދެއެވެ.

އަހަރެން ސަހަރާއަށް ދިޔައީމެވެ. އޭރު ވަޅުލުމުގެ ހުރިހާ ކަމެއް ނިމިއްޖެއެވެ. އެއްވެސް މީހަކު ނެތެވެ. އަހަރެން ދިޔައީ މަންމަގެ މަހާނަކައިރިއަށެވެ. މަންމަދެކެ އަހަރެން ކިހާ ލޯބިވާކަން މަންމައަށް އަންގަން ބޭނުންވިއެވެ. މަންމަ ވަކިވެގެންދިޔައީ އަހަންނަށް މޫނު ވެސް ނުފެނިއެވެ. ހިތަށްއެރިއެވެ. މާމަމެން ދެއްކި ވާހަކަ އެކަނި ގަބޫލުކޮށްލައިގެން ހުރުމަކީ އަހަންނަށް ކުރެވުނު ކިހާ ބޮޑު ކުށެއް ހެއްޔެވެ؟ މަންމަޔާ ވާހަކަދައްކައިލެވުނު ނަމައެވެ. މައްސަލައަކީ، ކުށްހީތަކެއްގެ މައްޗަށް ބުރަވެ ހުރެ ބިނާ ކުރެވޭ ނަފުރަތުގެ އުސް ފާރުތަކެވެ. ކޮރައިލައިގެން ނަމަވެސް ފާރުގެ އަނެއް ފަރާތް ބަލައިލާން ބޭނުން ނުވަނީއެވެ. އިވުނު ވާހަކަތައް މާ ބޮޑަށް އަހަންނަށް ގަބޫލުކުރެވުނީއެވެ. އަހައި އޮޅުންފިލުވާ ވަރަށް ވުރެ މަންމަ ދެކެ ފޫހިވީއެވެ. އަހަރެންދެކެ މަންމަ ވަރަށް ލޯބިވިއެވެ. ލޯބިވާވަރު ބުނަން އަހަރެން ވެސް ހާދަ ބޭނުންވިއެވެ.

ނިމުނީ