މޭރީގެ މަރު: ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފި
މޭރީގެ މަރު: ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް، އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލަމްހާ ބަންދުކުރަން ކުރިން ނިންމި ހާލަތު ބަދަލުވި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި ކޯޓުގެ ޖާގަ އާއި ވަސީލަތްތަކުގެ ސަބަބުންނާއި ހެކިން ގިނަވުމުގެ ސަބަބުން މައްސަލަ ލަސްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏަސް، އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު ގެއްލިފައިވާ ކަމަށް ކޯޓުން ބެލި ގޮތެއް އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ލަމްހާގެ ފަރާތުން މުޖްތަމައުއަށް އޮތް ނުރައްކާ ނެތިފައިވާ ކަމަށް ކޯޓުން ވަޒަންކުރި ގޮތެއް އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ލަމްހާއަކީ މުއްދަތެއް ނެތް ގޮތަށް ޖިނާއީ އަދުލުގެ ނިޒާމުގައި ތާށިވެފައި ހުރި މީހެއް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

"ލަމްހާގެ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމަކީ ގަބޫލު ކުރެވޭ ހަމައަކުން ވަޒަން ކުރެވި ސަބަބު ބަޔާން ކުރެވިފައި އޮތް ނިންމުމެއް ކަން އެނގެން ނެތް ކަމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ ލަމްހާ ބަންދު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކަމަށެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިން ނެރެފައިވާ އަމުރު ދެމި އޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.