ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރުމާ ޑިމޮކްރެޓްސް ދެކޮޅު، ތްރީލައިން ވިޕް ނެރެފި
ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރުމާ ޑިމޮކްރެޓްސް ދެކޮޅު، ތްރީލައިން ވިޕް ނެރެފި

ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަލުން އަނބުރާ ގެންދިއުމަށް ގޮވާލައި، އެ ނިންމުން ފާސްކުރުމާ ދެކޮޅާ ދަ ޑިމޮކްރެޓްސް ޕާޓީއިން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމާ ގިނަ ބަޔަކު ދެކޮޅު ހަދަމުން އަންނަ ދަނޑިވަޅެއްގައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން މި ނިންމުމާ ދެކޮޅު ކަމަށާއި މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮތް ނަމަވެސް މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ދަރަނި އިންތިހާ އަށް އިތުރުވެ، ބަޖެޓުގެ ފޫބައްދަން ފައިސާ ހޯދޭނެ ގޮތެއް ވެސް ކަށަވަރުވެފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އަދި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ސިވިލް ސާވަންޓުން ގެ މުސާރަ އާއި އުޖޫރަ ހަރަދުގެ ނިސްބަތުން އިންތިހާ އަށް ދަށް ކަން ފާހަގަކޮށް މި ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ބުނެފައިވެ އެވެ.

މިއީ އެ ޕާޓީން ނެރޭ ފުރަތަމަ ތްރީލައިން ވިޕް ކަމަށާއި މި ވިޕް ނެރެފައި ވާނީ ޕީޖީ ގުރޫޕުގެ އިއްތިފާގުން ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ކުރިން ވެރިކަންކުރި ޕާޓީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ނައިބު ރައީސާއި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ. ނަމަވެސް، ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ހެދި މުސާރަތައް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ކޮމިޓީން ނިންމީ ރައީސްގެ އެދިވަޑައިގަތުމަށް ނޫން ކަމަށާއި އެކަމަށް ތާއީދު ނުކުރާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.