20 ޑިސެމްބަރ 2023 - 11:52

އާދިއްތަ ދުވަހާ ގުޅޭ
"ލައިކްވާތީނު!" ފަރްހާ ބުނެލިއެވެ.
ފަރްހާ ހީކުރީ ރަޒީން ސިއްސައިގެންދާނެކަމަށެވެ. އެހެނެއް ނުވިއެވެ. ލާނެތް ހިންޏެއްއައިސްފައި ރަޒީން އިސްޖަހައިލިއެވެ. އޭގެ މާނަ ފަރްހާއަކަށް ނުވިސްނުނެވެ. އަހާކަށް ބޭނުމެއް ނުވިއެވެ. ދެން އޮތީ ވެދާނެ އެންމެ ގޯސްގޮތެވެ. ލުބާނާ ގާތުގައި ރަޒީން އެ ވާހަކަ ބުނުމެވެ. އެ ކަމަށް ވެސް ފަރްހާ ހުރީ ތައްޔާރުވެގެންނެވެ. ފަރްހާގެ ހިތްބުނަނީ ރަޒީން އެ ވާހަކަ ސިއްރުކުރާނެކަމަށެވެ. ފެހިސިގުނަލު ފަރްހާއަށް ދޭނެކަމުގައެވެ. ފިރިހެނަކާ އެ ގޮތަށް ކުރިމަތިލައިފި ނަމަ، ފަރްހާއަށް ނޫނެކޭ ބުނާކަށް އެކަކަށް ވެސް ފަސޭހައެއް ނުވާނެއެވެ. ފަރްހާއަށް އެ ކަން އެނގެއެވެ.
އޮށެއް އިންދައިފި ނަމަ ހެދެން ވަގުތުދޭންޖެހެއެވެ. ފަރްހާ ވަގުތު ގުނަން ފެށިއެވެ. ލުބާނާގެ ކައިވެނި އެހައި ކައިރިވެފައިއޮއްވައި މި ކުރެވެނީ ކީއްކަން ފަރްހާއަށް ފިސާރި ރަނގަޅަށް އެނގެއެވެ. ކުރިޔަށްއޮތީ ކައިވެނީގެ ހަފުލާއެވެ. އެ ތަނަށް ފަރްހާ ދާންޖެހޭނެއެވެ. ލުބާނާގެ މޭކަޕު ހަޑިވެއްޖެ ނަމަ ނުވަތަ ހެދުމަށް ރުލެއްއަރައިފި ނަމަ ރީތިކޮށްދޭން ހުންނާނީ ފަރްހާއެވެ. ލުބާނާއާއި ރަޒީން ކައިވެނިކުރާ އިރު، އެ މަންޒަރު ފެންނަ ހިސާބުގައި ފަރްހާ ހުންނަން ވެސް ޖެހޭނެއެވެ. ދަތުރު ފަސޭހަނުވާނެކަމާއި ނިމުން އަންނާނީ ކިހިނެއްކަމެއް ފަރްހާއަކަށް ނޭނގެއެވެ. ފަރްހާއަށް އެނގޭ އެއްޗަކީ، ދެން ފަސްއެނބުރި ބެލުމެއް ނެތްކަމެވެ.
ކައިވެނި ހަފުލާ އޮތީ ލޮނުޒިޔާރަތްޕާކުގައެވެ. ފެށެނީ ރޭގަނޑު އަށެއްޖަހާ އިރުއެވެ. ހަވީރު ހައެއްޖެހި އިރު ވެސް ފަރްހާ އިނީ ސެލޫންގައެވެ. ކައިރީގައި ތޫބާ ވެސް އިނެވެ.
"ފަރޫ އަވަސްކޮށްބަލަ!" ގަޑިއަށް ބަލައިލަމުން ތޫބާ ބުންޏެވެ. "ގަޑިއަށް ނުގޮއްސިއްޔާ އަނެއްކާ އަނެއް ވާހަކައެއް ހަދާލާނެ. އަހަރެން އަދި ފެން ވެސް ނުވަރަން."
"ރިލެކްސް ދޮންތާ!" ވަރަށް ހަމަޖެހިލާފައި ފަރްހާ ބުންޏެވެ. "މީން ޒަމާނަކު ދެން މި ކަހަލަ ދުވަހެއް ނާންނާނެ. ދޮންތަ ބުރުގާއަޅާލީމަ ނިމުނީ. އަހަރެން ބޭނުން އެންމެން އަހަރެންގެ ބޮލަށް ބަލަން."
"ފަރޫތަ މެރީކުރަނީ ލުބާތަ މެރީކުރަނީ،" ތޫބާ ސުވާލުކުރިއެވެ. "އަހަންނަށް މިހާރު އޮޅިއްޖޭ! ތިހާ ބޯ ރީތިކުރާ ހިތްވަންޏާ ބޯއީފްރެންޑެއް ފުރަތަމަ ހޯދަބަލަ އިސްތަށިގަނޑު ދައްކަން."
"ކިހިނެއް އެނގެނީ އެ ތާނގަ އަހަރެންގެ ބޯއިފްރެންޑް ނީންނާނެކަމެއް؟" ބުނެވެނީ ކީކޭކަން އެނގިހުރެ ފަރްހާ ބުންޏެވެ.
ކައިވެނީގެ ރަސްމިއްޔާތު ފެށުނެވެ. ލުބާނާ ހުރީ ވަރަށް ރީތިވެގެންނެވެ. އެހެނަސް މޭކަޕުކޮށްފައިހުރި ގޮތުން ލުބާނާގެ މޫނު ހީވަނީ ބުދެއްހެންނެވެ. ގުދުރަތީ ގޮތް ކެނޑި، ލުބާނާގެ މޫނަށް ވެރިވެފައިވަނީ ޕުލާސްޓިކުވަންތަކަމެވެ. އެއްބަޔަކަށް އެ މޭކަޕު ރީތިވިއެވެ. އަނެއް ބަޔަކަށް ރީއްޗެއް ނުވިއެވެ. ރީތި ނުވި މީހުން އެ ވާހަކަ ސިއްރުކޮށްފައި ދޮގުހެދީއެވެ. އެ ކަމުގައި ލުބާނާއަށް ލަފާދޭންހުރީ ފަރްހާއެވެ. ފަރްހާއަކަށް ވެސް އެ މޭކަޕު ރީއްޗެއް ނޫނެވެ. އެކަމަކު ލުބާނާ ގޮތްދޫނުކުރީއެވެ. ރަޒީނަށް ކަމުދަނީ މޫނު ކިހިނެއް ހުރީމައިކަން ލުބާނާއަށް އެނގެއެވެ. ފަރްހާއަށް ވެސް އެނގެއެވެ. އެހައި ދުވަހު އެ މީހުން އެކުގައި އުޅެފިއެވެ. ފަރްހާ ހުރީ ރަޒީން އެންމެ ގަޔާވާ ގޮތަށެވެ. ފަރްހާގެ ސިފަ ނުގެއްލޭ ގޮތަށް، ވީހައި ވެސް ލުއިކޮށް މޭކަޕްކޮށްގެންނެވެ. ކައިވެނީގެ ރަސްމިއްޔާތު ފެށީއްސުރެ ފަރްހާގެ މޫނު ނޫން ތަނަކަށް ރަޒީނަށް ނުބެލިގެންއުޅުނީ އެހެންވެއެވެ. ފަރްހާގެ ލާނެތްކަންހުރި ވަރަކީ، ދެ ފަހަރަކު އެއްތާކު ނުހުރެއެވެ. ބޭނުންވީ ރަޒީންގެ ހިތާ ފީކޯއިކުޅޭށެވެ. ހިތުގައި އުންޗުކުލިކަނޑާށެވެ. އެކަކަށް ވެސް އެ ކުޅިވަރެއް ނުފެނެއެވެ. އަނބި ބަލައިގެންފީމޭ ރަޒީނަށް ބުނަންޖެހުނީ ފަރްހާ ޖެހި ސަކަރާތުގައި ރަޒީން އުޅެނިކޮށެވެ. ގާޒީއާ ދިމާއަށް ރަޒީންގެ މޫނު ހުރި ނަމަވެސް ކަޅި އެނބުރުނީ، އެތައްމިތަނުގައެވެ. ލުބާނާއަށް ޖެހުނީ އުޅަނބޮށިން ރަޒީން ގައިގައި ކޮއްޓައިލާށެވެ.
އެ ހަފުލާއަށް ސަފިއްޔާ ވެސް އައެވެ. އަންނަން ބޭނުންވެގެނެއް ނޫނެވެ. އެއީ ދުނިޔޭގެލަދަށް ބަލައިފައި ސަފިއްޔާ ނިންނިނިންމުމެކެވެ. ލުބާނާގެ މަންމަ ހަފީޒާ އުޅެނީ ސަފިއްޔާއާ ވީހައި ވެސް ދުރުދުރުންނެވެ. އެއީ އެއް ޑުރާމާއެވެ. އަނެއް ޑުރާމާއަކީ ދަރިންގެ ބައްޕަ މޫސައާއި ސަފިއްޔާގެ ޑުރާމާއެވެ. މޫސަ މަސައްކަތްކުރަނީ ހަފީޒާއަށް ނުފެންނަ ގޮތަކަށް ސަފިއްޔާއާ ވާހަކަދައްކާށެވެ. ފަރްހާ ކުޅެމުންދިޔައީ ތިންވަނަ ޑުރާމާއެވެ. ފަރްހާއާއި ރަޒީން ހިމެނޭ ކޮންމެ ފޮޓޯއެއްގައި ވެސް ފަރްހާ ހުންނަނީ ރަޒީނާއި ލުބާނާޔާ ދޭތެރޭގައެވެ. އާއިލާ ގުޅިފައިވާ ގޮތުން އެ ފަދަ އެތައް ފޮޓޯއެއްގައި ފަރްހާ ބައިވެރިވާން ޖެހުނެވެ.
އަންނަ މެހުމާނުން މަދުވާން ފެށުމުން ރަޒީނާއި ލުބާނާ ކާން އިށީނެވެ. ދެމަފިރިންނަށް ވަކި މޭޒެއް ހާއްސަކޮށްފައިހުރި ނަމަވެސް، ގޮނޑިއެއް ހިފައިގެން ފަރްހާ ވެސް އިށީނީ އެ މޭޒު ކައިރީގައެވެ. ކުރިން ކެއުމުން ފަރްހާ ބަނޑަކު ޖާގައެއް ނެތެވެ. ފަރްހާ ކެއީ ފޮނިއެއްޗެކެވެ.
"ދޭބަލަ ކޯކެއް ހިފައިގެންއަންނަން." ރަޒީން އެދުނެވެ.
"ގޮސް ނަގާބަލަ!" ލުބާނާ ބުންޏެވެ.
ފަރްހާ ވަގުތުން ތެދުވިއެވެ. ކޯކުތަށްޓެއް ހިފައިގެން އައެވެ. އޭރު ރަޒީން އިނީ ފަރްހާ އެއްބައި ބޮއިފައިހުރި ފެންޓާތަށި ބޯށެވެ. ފަރްހާއަށް ލިބުނު ސިހުމުގެ ސަބަބުން އިރުކޮޅަކު ގާވެފައި ހުރެވުނެވެ.
"ކިހިނެއް މިވީ؟" ފަރްހާއަށް ބުނެވުނެވެ.
"ކަރުގައަޅައިގަތީޔޭ!" ރަޒީން ބުންޏެވެ. "ލުބާގެ ކޯކުތަށްޓެއް ނުދިން."
"މަ ކީއްކުރަން ދޭންވީ؟" ހަމަޖެހިލައިގެން ކާން އިން ލުބާނާ ބުންޏެވެ. "މަގޭ ތަށީގަ އަތްލައިގެން ނުވާނެ."
އެ ކަހަލަ އެތައް ކަމެއް އެރޭ ހިނގިއެވެ. ނިސްބަތުން ކުދިކުދި ކަންތަކެވެ. އެހެނަސް އެއިން ކޮންމެ ކަމަކީ، ގެތެމުންދިޔަ ލޯބީގެ ކެވެލިކޮޅަށް އިތުރުވި ބޮޅެކެވެ. ސިފަޖެހެމުންދިޔަ ލޯބީގެ ގުޅުމަށް އިތުރުވި ގެތުމެކެވެ. ކޮންމެ ހާދިސާއަކީ، ކުދިކުދި އެތައް ސަބަބުތަކެއްގެ ނަތީޖާއަށްވާ ފަދައިންނެވެ. އާއިލާގެ މީހުންނަށް އެ ކަން ފާހަގަނުކުރެވުނީ، ކޮންމެ މީހަކު ވެސް އެ ފަދަ ހާދިސާއެއްގެ ސިކާރައަކަށްވެފައި ވީތީއެވެ. ތޫބާ ވެސް އިސްތިސްނާއެއް ނުވެއެވެ.
ހަފުލާ ނުނިމެނީސް ގެއަށް ދާން ތޫބާ ބޭނުންވިއެވެ. ފަރްހާ މަޑުކުރީއެވެ. ތޫބާއާއި ސަފިއްޔާ ދިޔައީއެވެ. ވަކި ހިސާބަކުން ލުބާނާ ފާހާނާޔަށް ދާން ބޭނުންވިއެވެ. މެހުމާނުން ތިއްބައި ދެމަފިރިން އެއްކޮށް ދިޔުން ރަނގަޅު ނުވެގެން ލުބާނާ ދިޔައީ ބައްޕަޔާ އެކުގައެވެ. ފަރްހާއާއި ރަޒީން "އެކަނިވިއެވެ." ފުރަތަމަ ދެކެވުނީ ހަފުލާގެ ވާހަކައެވެ. ތަނުގެ ރީތިކަމާއި، ކާއެއްޗެހީގެ މީރުކަމާއި، ދައުވަތުދިން އެންމެން އައި ވާހަކައެވެ. އަސްލު ވާހަކަ ފެށުނީ ދެނެވެ.
"ފަރޫ ދެން ކޮން އިރަކުން މެރީކުރަނީ؟" ރަޒީން އެހިއެވެ.
"މި ވީ ގޮތުން ދެން.." ފަރްހާ ބުންޏެވެ. "ވެއިޓިން ލިސްޓުގަ މިހިރީ.."
"މާނައަކީ؟" ރަޒީން ހައިރާންވެފައި ބުންޏެވެ.
"މީ އަސްލު ވަރަށް ސޭޑް ރެޔެކޭ!" ފަރްހާ އިސްޖަހައިލަމުން ބުންޏެވެ. "އެނގޭތަ؟ އަހަރެންގެ ސްވީޓްހާޓް މިރޭ މެރީކޮށްފިޔޭ!"
ރަޒީން އެއްެޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ބައެއް ވާހަކަ ބުނުމުގެ ކުރިން ދެ ފަހަރަށް ވިސްނަންޖެހޭތީއެވެ. ފަރްހާއަކީ ލުބާނާގެ ދައްތަކަން ސިކުންތަކަށް ވެސް ރަޒީން ހަނދާންނައްތައިލާނީ ކިހިނެއްހެއްޔެވެ؟
"ސޯ ސޮރީ! ފަރޫ ދެކެ އޭނަ ވަރަށް ލޯބިވޭތަ؟" ރަޒީން އެހިއެވެ.
"ނޭނގެ!" ފަރްހާ ބުންޏެވެ.
"ފަރޫ ލޯބިވާކަން އޭނައަށް އެނގޭނެތަ؟" ރަޒީން އެހިއެވެ.
ފަރްހާ ޗޮކެއްކަނޑައިލިއެވެ. އެ ވަގުތު ރަޒީންގެ މަންމަ މައުސޫމާ އެ ތަނަށް އައެވެ. ނައި ނަމަ، ފަރްހާ ކިހާ ލޯބިވާކަން އެ ރޭ ފަރްހާ ބުނީހެވެ. ސުކުންތުކޮޅެއްގެ ތެރޭގައި ފަރްހާއަށް އެ ފުރުސަތު ގެއްލުނީއެވެ. ހަނީމޫނަށް ދިޔުމަށް ޓަކައި ދަންވަރު ރަޒީން ފުރާނެކަން ފަރްހާއަށް އޮތީ އެނގިފައެވެ.
ގެއަށް އައިސްފައި ވެސް ރަޒީންއާ ގުޅަން ފަރްހާ މަސައްކަތްކުރިއެވެ. ފަރްހާ ފޮނުވަނީ މެސެޖެކެވެ. ބިޒީތޯ އަހައިފައެވެ. ފުރަތަމަ ފަހަރު ރަޒީން ބުނީ ފޮށްޓަށް އެއްޗެހި އަޅަނީކަމުގައެވެ. ދެވަނަ ފަހަރު ބުނީ ޓެކްސީގައި ކަމަށެވެ. ތިންވަނަ ފަހަރު މެސެޖު ފޮނުވާކަށް ފަރްހާއަކަށް ނުކެރުނެވެ. އެހެނަސް، އެ ވަރަށް ފަރްހާ މެސެޖުފޮނުވަނީ ކީއްވެގެންތޯ ރަޒީން އަހާނެކަމަށް ފަރްހާ އުންމީދުކުރިއެވެ. ވައިބާއާއި، ވަޓްސްއަޕާއި، ޓެލެގްރާމް ބެލެމުގައި ރޭގަނޑުން ބޮޑުބައެއް ފަރްހާ ހޭދަކުރިއެވެ. ރަޒީންގެ މެސެޖެއް ނައެވެ. ފަރްހާ ހިތަށްއެރިއެވެ. ރަޒީނަށް ވަގުތެއް ނުވީބާއެވެ؟ ހަނދާންނެތުނީބާއެވެ؟
"އިރުއިރުކޮޅާ ފޯނު ތި ބަލަނީޔޯ؟" ނުނިދިފައިއޮތް ތޫބާ އެހިއެވެ.
"ނިދިނާންނާތީ... ދޮންތަ ކީއްވެ ނުނިދާ ތި އޮތީ؟" ފަރްހާ ސުވާލުކުރިއެވެ.
"ނޭނގެ މިރޭ މި ވާ ގޮތެއް ވެސް،" ތޫބާ ޖަވާބުދިނެވެ. "މިހާރު ލުބާ ފުރާފާނެ ދޯ؟"
"ނޭނގެ މަށަކަށް،" ފޫހިވެގެން ބުނާ ކަހަލަ ރާގެއްގައި ފަރްހާ ބުންޏެވެ. "އަހަންނަށް ރަނގަޅީ އެ ބޯޓު ވެއްޓުނިއްޔާ!"
"ފަރޫ!" ބިރުގަތީމައި ބުނާ ރާގުގައި ތޫބާ ބުންޏެވެ. "ތި ކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ."
"އޭނަ ކިޔަނީ ކިޔަންވާ އެއްޗެހި؟" ފޯނު ބާއްވާފައި ބިއްދޮށަށް އެނބުރެމުން ފަރްހާ ބުންޏެވެ. "ހުރެބަލަ ނިކަން. ކޮންމެވެސް ދުވަހަކުން އޭނަގެ އެއްޗެއް ހަމަ އަސްލުގަ ވެސް އަހަރެން ވަގަށްނަގާނަން."
"އެހެން ނަހަދައްޗޭ އަޅެ!" އާދޭހާ އެކުގައި ތޫބާ އެދުނެވެ. "ކޯޗަކަށް ތި ކަޅިއަޅަނީ؟"
އެ ސުވާލަކަށް ފަރްހާ ޖަވާބެއްނުދިނެވެ. އެ އޮތްގޮތަށް އޮވެ ނިދީއެވެ. ޖެހިގެންއައި ދުވަހަކީ ވެސް ފަރްހާއަށް ވަކި ފަސޭހަ ދުވަހެއް ނޫނެވެ. ރަޒީން ހަނދާންވާ ވަރުންނެވެ. ފަރްހާގެ މަސައްކަތަކަށްވީ ފޯނުގައި ހުރި ފޮޓޯތަކުން ލުބާނާ ވަކިކުރުމެވެ. ފޮޓޯނެގި އިރު ލުބާނާއާއި ރަޒީންގެ ދެމެދަށް ފަރްހާ ވަނީ އެ ބޭނުމުގައެވެ. ކުރިން ފާހަގަނުކުރެވޭ ކަމެއް ވެސް ފަރްހާއަށް ފާހަގަކުރެވުނެވެ. ފަރްހާއާއި ރަޒީން ޖެހިގެންތިބޭ އިރު، ކޮންމެ ފަހަރަކު ވެސް ރަޒީން ހުންނަނީ ފަރްހާގެ އަތްތިލައިގައި ހިފާއްޓައިލައިގެންނެވެ. ލުބާނާޔާ އެކުގައި ރަޒީން ނަގާފައިވާ ފޮޓޯތަކުގައި ލުބާނާ އަތަކު ރަޒީން އެ ގޮތަކަށް ނުހިފާއްޓައެވެ.
ޖެހިގެންއައި ރޭ ދަންވަރު އެއްގަޑި ބައިވާން އުޅެނިކޮށް ރަޒީންގެ މެސެޖެއް އައެވެ. އޭރު ފަރްހާ ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ.
"ހައި. އަދި ކިރިޔާ ނޭވާ މި ލެވުނީ،" ރަޒީން އިނގެރޭސިން ބުނެފައިއޮތެވެ. "ކިހިނެއް؟"
"ފޫހި! ތިކޮޅަށް ރޭގަނޑު ނުވަގަޑި ބައިވަނީ ދޯ؟" ފަރްހާ ވެސް ވާހަކަދެއްކީ އިނގެރޭސިންނެވެ. "ވަރަށް މަޖާތަ؟"
"ކައިކައިގެން ނިދަނީ،" ރަޒީން ބުންޏެވެ. "ވަރަށް ބޯރިންގް! އަސްލު ނުބައި މީހަކާ މެރީ މި ކުރެވުނީ."
ނުނިމޭ