20 ޑިސެމްބަރ 2023 - 12:26

ފަސް އަހަރުގެ ދައުރެއްގައި އަޑު ވެސް ނީވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބަތިއްބެވެ. ބައެއް މެމްބަރުން ލޮލަކަށް ނުފެނެ އެވެ. އަނެއްބައި މެމްބަރުން ކުޑަދަށުގައި ސިނގިރޭޓް ބޯން ތިބޭ މަންޒަރެވެ. ހޮވުމަށް ފަހު ރައްޔިތުންނަށް އެ މެމްބަރުންގެ އެއްވެސް ހަބަރެއް ނުވާ މެމްބަރުން ވެސް އެބަތިއްބެވެ. އޮއްޓަރު ހުރި ކަމެއް ނުކުރެވޭ ވާހަކަ އެވެ. އެކަމަކު، މަސް ނިމިގެން ކޮންމެ މެމްބަރަކަށް 80،000ރ. ޖަމާވެ އެވެ.

އެކަމުގެ ޝަކުވާ ރައްޔިތުން ކޮށްކޮށް ތިއްބާ، މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ މަހަކު 100،000ރ. އަށް ބޮޑުކޮށްފަ އެވެ. ގިނަ ބަޔަކަށް އެ ނިންމުން ބަލައެއް ނުގަނެވުނެވެ. އަދި އެއީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއްގެ ގޮތުގައި އެތައް ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ހަގީގަތަކީ ވެސް، ބޮޑު މަޖިލީހެއް އޮތްއިރު، ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އެވަރުގެ ބޮޑު މުސާރަތަކެއް މެމްބަރުންނަށް ދިނުމަކީ އިންސާފެއް ނޫން ކަމެވެ. ރާއްޖޭގެ ބަޖެޓްގައި އެވަރުގެ ހަކަތައެއް ވެސް ނެތެވެ.
މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ ދައުލަތުގެ މަގާމުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި، ރައީސް، ނައިބު ރައީސް، މަޖިލިސް މެމްބަރުން، އުއްތަމަ ފަނޑިޔާރު، ވަޒީރުން، ގަވަަރުނަރު، އޭޖީ، ޕީޖީ، ފަނޑިޔާރުން، މޭޔަރުން، ކައުންސިލުތަކުގެ މެމްބަރުން، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ އިސްވެރިން ހިމެނެ އެވެ.
އެކަމަށްޓަކައި ޕޭ ހާމަނައިޒޭޝަންގެ ދަށުން މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކުގެ ބޭފުޅުންނަށް މުސާރަ ބޮޑުކުރަން 500،000 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ލަފާކުރާ ބަޖެޓުގައި ހިމަނައިފަ އެވެ.
"އެމްޑީޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 ވަނަ އަހަރު ނޫންތޯ؟ ދައުރު ނިމެން ވީމަ ނޫން ދެއްތޯ؟،" އެމްޑީޕީއަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވި އެވެ.
އެކަމަކު އަންނަ އަހަރު އިންތިހާބު ކުރާ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރާ ގޮތަށް ކޮމިޓީން ނިންމި ނަމަ އެ ރައްދުގައި އިތުރު ބުރަދަނެއް ހުރީހެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ ކޮމިޓީގެ މަޝްވަރާގައި ބައެއް މެންބަރުން ވަނީ އަންނަ ދައުރުން ފެށިގެން މި ބަދަލަށް އަމަލުކުރަން ހުށަހަޅުއްވައިފަ އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެ މަޖިލީހަކުން އަމިއްލަ މުސާރަ ބޮޑުކުރުމަކީ ނުބައި ޕްރެކްޓިސްއަކަށް ވެދާނެ ކަމަށާއި ބާކީ އޮތް ހަ ވަރަކަށް މަސް ދުވަހު ބޮޑު ނުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
އެކަމަށް ދެކޮޅު ހައްދަވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދައުރު ނިމެން ކުޑަތަން ވެފައިވަނިކޮށް މުސާރަ ބޮޑުކުރަނީ އަންނަ ދައުރުގެ މެންބަރުންނަށް ކަމަށެވެ.
"މަޖިލިސް މެންބަރުން މުސާރަ [މި ދައުރުގައި] ބޮޑުނުކުރާ ވާހަކަ އެބަ ދައްކަވާ. އެއީ ހަގީގަތެއް ނޫން، އެ ބޭފުޅުން ވެސް ބޭނުންވޭ މުސާރަ ބޮޑުވާން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުން މި ކުރި ކަމުން ދެން ނުކުންނަ އަނެއް މައްސަލައަކީ މުސާރައިގެ ފަރަގު ކުޑަނުވާ މައްސަލަ އެވެ. މިދިޔަ ސަރުކާރުން ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ފެށީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަތައް އެއް ހަމަކުރާށެވެ. އޭގެ ދަށުން ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ވަނީ ބޮޑުކޮށްދީފަ އެވެ.
ނަމަވެސް، އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް ނުލިބެނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށި އެ މަސައްކަތް އަދިވެސް ނުނިމޭތީ އެވެ.
އެ ނުކުތާ ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވެސް ފާހަގަކުރެއްވި އެވެ.
"ރަށެއްގެ ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ އަދިވެސް 7،000ރ. ގައި ހުއްޓާ، ކައުންސިލަރުންގެ މުސާރަ ބޮޑުވީމާ، މުސާރައިގެ ފަރަގުގެ މައްސަލަ އިތުރަށް ފުޅާވެގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ދައުލަތުގެ މާލީ އަދި އިގުތިސޯދީ ހާލަތަށް ބަލައި ހުރިހާ ދާއިރާތަކުގެ ހުރިހާ އެންމެންގެ މުސާރަތައް ބޮޑުނުކުރަން އިލްޔާސް ކޮމިޓީ އަށް ހުށަހެޅުއްވި އެވެ. އެކަމަކު އެކަމަށް ވެސް ކޮމިޓީގެ އަޣުލަބިއްޔަތު ތާއީދެއް ނުލިބުނެވެ.
މެމްބަރުންގެ މުސާރަ ބޮޑު ކުރި "މިހާރު"ގެ ހަބަރަށް މީހަކު ކުރި ކޮމެންޓެއްގައި ބުނީ އާދައިގެ ދައުލަތް ހިންގުމުގެ އެންމެ ބުރަ އުފުލާ އާދައިގެ ސިވިލް ސާވަންޓުންނަށް ހެޔޮ ގޮތެއް ހަދައިނުދީ، އަދި ގައުމު ދަރާ ހުސްވެފައި ވަނިކޮށްވެސް މެމްބަރުން މި ފުރާލީ އަމިއްލަ ޖީބު ކަމަށެވެ.
އެހެން މީހަކު އެކްސްގައި ބުނީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރާ ވާހަކަ ދައްކާއިރަށް، ދައުލަތުގަ ފައިސާއެއް ނެތޭ ޕޭ ހާމަނައިޒޭނޭ ކިޔައި އެކިއެކި ބަހަނާ ދައްކާ ކަމަށެވެ. އެކަމަކު މަޖިލިސް މެމްބަރުންގެ އަމިއްލަ އަށް މުސާރަ ބޮޑުކުރަންވީމަ ވަގުތުން އެކަން ކޮށްލީ ކަން އޭނާ ފާހަގަކުރި އެވެ.
އިލްޔާސް ވެސް ފާހަގަކުރެއްވި ފަދައިން، ތަކެތީގެ އަގު ބޮޑުވުމާ ގުޅުވައި މިހާރު ވެސް ބޮޑު މުސާރަ ލިބޭ ބަޔެއްގެ މުސާރާ އިތުރަށް ބޮޑު ކުރުމަކީ ދެކޮޅު ނުޖެހޭ ބަހަނާ އެކެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މީހަކު ވަނީ އެއްވެސް ތައުލީމެއް ނެތި، މަޖިލީހަށް ހާޒިރުނުވެ މަސައްކަތެއްގައި ބައިވެރިނުވިޔަސް ކޮންމެ މަހަކު 100،000ރ. ގެންދަން ލިބުމާ ގުޅުވައި މުހިންމު ސުވާލެއް ކޮށްފަ އެވެ.
"މިހެންވީމަ، ބުރަކޮށް މަސައްކަތްކޮށްގެން ތައުލީމާއި ތަޖުރިބާ ހޯދައިގެން މުޖުތަމައުއަށް ހިދުމަތް ކުރާ މީހުންނާ މެދު ކީކޭތޯ މި ބުނެވެނީ،" އޭނާ ބުންޏެވެ.
އޭނާ ވެސް ބުނި ގޮތަށް މާސްޓާސް ހަދައިގެން ޑީޖީގެ ފެންވަރުގެ މަގާމަކަށް ރަނގަޅަށް 20،000ރ. ނުޖެހޭ އިރު، އެ ވަރުގެ އަދަދަކުން މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމަކީ މަލާމާތެކެވެ.
މުސާރަ ބޮޑުކުރީ މަޖިލިސް މެމްބަރުންގެ އެކަންޏެއް ނޫނޭ ބުންޏަސް، އެ ބަހަނާގެ ނިވަލުގައި އަމިއްލަ މުސާރަ ބޮޑުކުރުން ނޫން ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ.
ސަބަބަކީ ގައުމުގައި ނެތް ފެންވަރުން ހަރަދުކުރާ މަޖިލިސް މިހާރަށް ވުރެން ޒިންމާދާރު ކުރުވަން އެއްވެސް ކަމެއް ނުކޮށް ތިބޭތީ އެވެ.
އަހަރުން އަހަރަށް މެމްބަރުންގެ އަދަދާ އެކު މަޖިލިސް ބިޔަވެގެންދާ އިރު، އެކަމަށް ވެސް ހައްލެއް ގެންނާކަށް ބޭނުމެއް ނުވެ އެވެ. އަންނަ އަހަރު މެމްބަރުންގެ އަދަދު 87 އިން 93 އަށް އިތުރުވާ އިރު، މެމްބަރުންގެ އަދަދު ހިފަހައްޓައި ހަރަދު ބޮޑުނުވާނެ ގޮތަށް ހެދުމުގެ ފުރުސަތު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް އޮތެވެ. އެކަމަކު އެ ކަން ކުރަން އެންމެ ފަހުން މަޖިލީހަށް ވެއްދި އިސްލާހު ވެސް އެމްޑީޕީން ބޭނުންނުވެގެން ބޭރުކޮށްލީ އެވެ.
ދެން އޮތީ މަޖިލިސް މެމްބަރުން ޒިންމާދާރު ކުރުވައި މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރުވުމެވެ. އެކަން ކުރެވެން އޮތީ ގާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ މެމްބަރުންގެ ސުލޫކީ ގަވާއިދުގެ ތެރެއިންނެވެ. އެފަދަ ގަވާއިދެއް ގެނެސް މެމްބަރުންގެ މުސާރަ ކެނޑުމާއި ފިޔަވަޅު އެޅޭނެ ގޮތްތައް ބަޔާންކުރެވޭނެ އެވެ. ނަމަވެސް، ފެހި ގާނޫނުއަސީސީ ވުޖޫދަށް އައިސް، 2008 ވަނަ އަހަރުން ފެށިގެން އެ ކަން އޮތީ ނުކޮށެވެ. އެ ކަމުގެ މަސައްކަތެއް 19 ވަނަ މަޖިލީހުން އެއްވެސް މިންވަރަކަށް ކޮށްފައިނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
ހަގީގަތަކީ މިހާރު ވެސް ބޮޑުކޮށް ހުރި ހުރިހާ މުސާރަތަކާ މި ފަހަރު ކުޅޭކަށް ނުޖެހޭ ކަމެވެ. އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮވެގެން 19 މަޖިލިސް ނިމިގެންދާ އިރު، އެއަށް ވުރެ މާ މުހިންމު ކަންކަން ކުރެވެން އެބަ އޮތެވެ. އޭގެން އެއްވެސް ކަމެއް ނުކޮށް، ފަހު ވަގުތު އަމިއްލަ މުސާރަ ބޮޑުކޮށްލުން ހަޖަމު ކުރަން ދަތިވަނީ އެހެންވެ އެވެ.