20 ޑިސެމްބަރ 2023 - 10:33

މިސްކިތްތައް ހަދަމުން އަންނަ ކުންފުނިތަކުގެ ބިލްތަކަށް ދައްކަން ޖެހި މިހާތަނަށް ނުދައްކާ ހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިސްކިތްތައް އިމާރާތްކުރާ ކުންފުނިތަކަށް 22 މިލިއަން ރުފިޔާގެ ބިލަށް ފައިސާ ދައްކަންޖެހިފައި ހުރި ކަމަށެވެ.
ނަމަވެސް، އެ ފައިސާތައް ނުދީ ދިގުލައިގެން ދިއުމުން، ބައެއް ރަށްރަށުގައި ހަދަން ފެށި މިސްކިތުގެ މަސައްކަތްތައް ހުރީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ މިސްކިތްތައް ނުނިމި، ގިނަ ދުވަސްވެފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސްގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހާ ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދީ، ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫއުތައް އަވަހަށް ނިންމުމެވެ.
މިސްކިތްތަކުގެ މަސައްކަތްތަކާ ގުޅިގެން ދޭން ޖެހޭ ފައިސާ ސަރުކާރުން ހަމަޖެއްސިއިރު، މިނިސްޓްރީން ވަނީ މިސްކިތް އިމާރާތްކުރުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އޭގެ އިތުރުން ވަގުފް މަޝްރޫއުތަކާއި އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ފުރުސަތުތައް ދިނުމާ މެދު ވެސް މަޝްވަރާކުރި އެވެ.