12 ފެބުރުއަރީ 2017 - 06:02

އަހަރެން މީހަކާ ނީންނަނީ ކީއްވެހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން މީހުން މަސައްކަތްކުރިއެވެ. އަހަރެންދެކެ އެކަކު ވެސް ލޯބިނުވީ ހެއްޔެވެ؟ ނޫނެކެވެ. ގަޔާވާ އަންހެނެއް އަހަންނަށް ނުފެނުނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ލޯބި ހުށައެޅުމުން އޭނަ ގަބޫލުނުކުރީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވިއްޔާ ސަބަބަކީ ކޮބައިހެއްޔެވެ؟ އެ ސުވާލު އެހުމުން އަހަރެންގެ ދޫ ތަޅުލެވެއެވެ. އެ ސިއްރު ހާމަކުރަން އަހަރެން ޖެހިލުންވެއެވެ. ބައެއް މީހުން ދެކެނީ އަހަރެންގެ ނަސީބު ދެރައީ ކަމުގައެވެ. އަހަރެން މިހާރު ގަބޫލުކުރާ ގޮތުގައި، ބައެއް ފަހަރު ކަންކަން ނުވަނީ ވެސް ރަނގަޅަކަށެވެ.
ހިތިކަމާއި ފޮނިކަމެއް ވެސް ހުރި އެ ހާދިސާ އަހަންނަށް ކުރިމަތިވީ މީގެ އެތަކެއް އަހަރެއް ކުރިންނެވެ. އަލިރަސްގެފާނު ޒިޔާރަތަށް ދާން އޮންނަ އަލިރަސްގެފާނު ފާލަން އޮތް ދުވަސްވަރުއެވެ. އެ ޒިޔާރަތް ބިނާކުރެވުނީ، ހަނގުރާމަކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ތަނުގައެވެ. މިހާރު ރަށުތެރޭގައި ހުއްޓަސް އެ ޒަމާނުގައި އަލިރަސްގެފާނު ޒިޔާރަތަށް ދެވެނީ ގާފާލަމެއްގެ މަތިންނެވެ. ފާލަމުގެ ދިގުމިނަކީ ގާތްގަނޑަކަށް ތިން ސަތޭކަ ފޫޓެވެ. ފުޅާމިނުގައި ފަނަރަ ފޫޓު ހުންނާނެކަމަކަށް ލަފާކުރެވެއެވެ. އެއީ، ހަޔާތުގެ ޒިންމާއެއް މިސްރާބެއް ނެތް ދުވަސްވަރެވެ. އަހަރެންގެ ޒުވާން އުމުރެވެ. ލޯތްބަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ، ކަނބުލޮ ދެކިލަން ބޭނުންވާ ކަމެވެ. ފެންނަފަށުގައި ހުންނަން ބޭނުންވާ ކަމެވެ. އަލިރަސްގެފާނު ފާލަން އޮންނަނީ އަހަރެންގެ ގެއާ ވަރަށް ދުރުގައެވެ. ހިތާ ވަރަށް ކައިރިއެވެ. ކަނބުލޮގެ ގެ ހުންނަނީ އެ ހިސާބުގައެވެ. އޭނަ އައިސް އުޅެނީ އެ ހިސާބުގައެވެ. އެ ފާލަމުގައެވެ. އެ މޫދުގައެވެ. އެ ފަރުގައެވެ. އެ އަތިރިމަތީގައެވެ. ހަތަރުދަމު އަހަރެން ބަލަނީ ކަނބޮލުގެ ސަމާލުކަން އަތުލެވޭތޯއެވެ. ކޮންމެ ފަދަ ކަމެއް ކުރަންޖެހުނަސް ވެހެވެ.
އަލިރަސްގެފާނު ޒިޔާރަތާ ދިމާ ބޮޑުފާރުން އަތިރިމަތީގައި، އިހުޒަމާނުގައި ހަވާއަރުވައެވެ. ހަވާއަރުވަނީ އެ ޒިޔާރަތަށް ދާ ފާލަމުގެ އެއްގަމުން ދެކުނުގައި ހެދިފައިވާ ވަރަށް ބޮޑު ދިއްގާގަހެއްގެ ދަށުގައެވެ. އެ ދިމާ އަތިރިމައްޗަށް "ހަވާއަރުވާ ގަސްދޮށާ ދިމާ އަތިރިމައްޗޭ" ކިޔަނީ އެހެންވެއެވެ. ހިއްޗަށް ވަޑައިގެން އުޅުއްވި ޒަމާނުގައި ހަވާއަރުވަނީ އެ ދިއްގާގަހާ ދިމާއިން ބޮޑުފާރުން އަތިރީގައެވެ. ހަވާއަރުވާ ރޭރޭ، ވަރަށް ގިނަ މީހުން އެ ތަނަށް އެއްވެއެވެ. އަހަންނަކީ ވެސް އޭގެތެރެއިން އެކަކެވެ. ކޮންމެ ހަވަޔަކާ އެކުގައި، އަހަރެންގެ ލޯބި ހަރުއަޑުން އިޢުލާނު ކުރެއެވެ. ޖައްވު ގުގުމައިގެންދެއެވެ. ކަނބުލޮއަކަށް އެ އަޑެއް ނީވެއެވެ.
ހުޅަނގު މޫސުމުގައި ދިޔަވަރު ބޮޑުވާއިރު، އަލިރަސްގެފާނު ފާލަންމަތީގެ އެކި ދިމަދިމާއިން ރާޅުއަރައެވެ. ފާލަމަށް އަރާ ރާޅުގެ ސަބަބުން ފާލަމުގެ ދަށުން ވެލިގަނޑު ދެމެއެވެ. އެހެންކަމުން ފާލަމުގެ ތަންތަންގަނޑު ގިރައިގެން ވެއްޓިފައި ހުންނާތީ، އެ މޫސުމުގައި ފާލަންމަތިން ހިނގަންޖެހެނީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. ފުރާނަ އަތްމައްޗަށް ލައިގެން އަހަރެން ކިތައް ދަތުރު ކުރިން ހެއްޔެވެ؟
އަލިރަސްގެފާނު ޒިޔާރަތް ބަލަހައްޓަނީ އަހަރެންގެ ބައްޕައެވެ. ބައްޕަގެ ވަޒީފާއަކީ، ޒިޔާރަތުގެ ދިދަ ނެގުމާއި، ލަންޓަން ބައްތި ދިއްލުމާއި، ދަވާދު އާކޮށް، ކުނިކަހައި ފޮޅައިސާފުކުރުމެވެ. ޒިޔާރަތުގެ ވަށާ ފަޑިމަތީގައި ހުދު ކުލައިގެ ކުދި ދިދަތައް ޖަހައިފައި ހުރެއެވެ. ކަނޑުން އަރައިގެން އަންނަ ނަލަ ރޯޅިއާއެކު، އަބަދު ވެސް އެ ދިދަތައް ހުންނަނީ ވިހުރިވިހުރިއެވެ. ޒިޔާރަތަށް ނަދުރު ބުނަން އެކި އުމުރުގެ މީހުން އާދެއެވެ. އަލިރަސްގެފާނު ޒިޔާރަތަށާއި އެ ޒިޔާރަތާ ޖެހިގެންއޮންނަ ރާވެރިބޭގެ ބިސްތާނަށް ވެސް ލާރިއަޅައެވެ. އެވޭލާ ބޮޑުލާރިއާއި ޝަމްސުއްދީނު ބޮޑުލާރިއެވެ. އެ ލާރި ނަގައިފިއްޔާ އަތް ވާވާނޭކިޔާތީ، އެކަކަށް ވެސް އޭގައި އަތްލާކަށް ނުކެރެއެވެ. ލާރި ހޮވަނީ ބައްޕައެވެ. ހަވާލުކުރަނީ ކަމާބެހޭ އޮފީހަށެވެ. ވަކި ވަރަކަށް ލާރި ހަމަވަންދެން ބައްޕަ އެ ލާރި ބަހައްޓަނީ ގޭގައެވެ. އަހަރެންކިތައް ނަދުރު ބުނިން ހެއްޔެވެ؟ ކިތައް ލާރި އަލުން ޒިޔާރަތަށް ލީންހެއްޔެވެ؟
އަހަރެންގެ ނަދުރެއް ނުފުދުނެވެ. މިސްކިތަށް އަރައި ދެ އަތް ނަގައިގެން ދުޢާކުރީމެވެ. ބަދަލެއް ނައެވެ. ޒިޔާރަތުގެ ހުޅަނގުން ޒިޔާރަތް ފުންގަނޑޭ ކިޔާ ފުންގަނޑެއް އޮވެއެވެ. ޙަޤީޤަތުގައި އެއީ ކޮނެ ފުންކޮށްފައިވާ ވަޅުގަނޑެކެވެ. ވަރަށް އޮއިބާރު ހިސާބެކެވެ. ފާލަންމަތީގައި ތިބެފައި ކުދީން ފުންގަނޑަށް ފުންމައެވެ. އޮއިބާރު ދުވަސްދުވަހު ޒިޔާރަތުގެ ދެކުނުފަރާތަށް އޮޔާދަމައިގަނެއެވެ. ބައެއް ކުދިންނަށް އެ ކަން ވަރަށް މަޖަލެވެ. އަހަރެން އެ ކަން ކުރީ، މަންޒަރު ބަލަން ދުރުގައި ހުންނަ ކަނބުލޮއަށް ދެއްކުމަށްޓަކައެވެ. ކިތަންމެ ފަހަރަކު ލޮނުބޮވެއެވެ. ގައިގެ ތަންތަން މަށައިގެންދެއެވެ. އެ ނޫން އެހެން ކަމެއް ނުވިއެވެ.
ގިނަ ވަގުތު އަހަރެން އުޅުނީ ގެއިން ބޭރުގައެވެ. ވަކި ކަމެއްގެ ބޭނުމުގައެވެ. ދުވާލު ގެއަށް ވަދެވެނީ ބަނޑުހައިވީމައި އެކަންޏެވެ. އެހެން ވަންނަ ވަގުތު އަހަރެންގެ މައިންބަފައިން ބަސްމަދުވެފައި ތިބޭތަން އަހަންނަށް ފެންނަން ފެށިއެވެ. އެ މީހުން ފޮރުވަން މަސައްކަތްކުރަނީ ކޯޗެއް ހެއްޔެވެ؟ އަހަރެން ސުވާލުކުރީމެވެ. ކަމެއް ވެގެންއުޅޭކަމަކަށް އެކަކު ވެސް ނުހެދިއެވެ. އެކަމަކު، އަހަރެންގެ މަންމައާއި ބައްޕަގެ ގުޅުން ހީނަރުވަމުންދާތަން އަހަންނަށް ފެނުނެވެ.
މާލޭގެ ހުޅަނގުފަރާތު މޫދަށްއެރެން ވަރަށް ގިނަ މީހުން އާދެއެވެ. ފަޅު ބޮޑުވެފައި ރީތިކަމުންނެވެ. ހެނދުނު ފިނިމަތީގައި ބޮލިހިލުމަށާއި ފަރުހިލަން ކަނބުލޮ ވެސް އާދެއެވެ. ގެރިކޮށިގަނޑު ނެރާދިމާ ފަޅުމަތީގައި ބޮނބިފައުތައް ހުރެއެވެ. ބޮނބިފާލުން ބޮނބިނަގައިގެން ބޮނބިތަޅަން، ހިރުނދުގަސްދޮށުގެ ހިޔަލުގައި ކަނބުލޮމެން ތިބެއެވެ. ދިޔަވަރު ހިކި ދުވަސްދުވަހު ވަރަށް ގިނަ ދޫނި އާދެއެވެ. އިރުވާހުދާއި، ތޭރަވައާއި، ބުޅިތުންބާއި މާކަނައެވެ. ފިނދަނައާއި ބޮނޑަނައެވެ. ރާބޮންޖާއި، ގާދޫންނާއި، ކިރުދޫންޏާއި ވައްލައެވެ. އަހަރެން ބަލަން ހުންނަމެވެ. ކުދިވެރިން އެ ދޫނިތައް ހިފުމުގައި އަވަދިނެތި އުޅެއެވެ. މަޅިފަތިޖަހައި، ދޫނިތައް މަޅިފައްޗާ ދިމާއަށް ލަވަމުންގެންދެއެވެ. ހުސިޔާރުކަމާއެކު ދޫނި ހިފައެވެ. އެހެންނަމަވެސް، އަހަރެންގެ މަޅިފަތީގައި ކަނބުލޮ ޖެހޭގޮތެއް ނުވިއެވެ. ބައެއް ކުދިން އުޅެނީ ރާޅުޖަހާ ފަށުގައި ކަކުނި ހިފާށެވެ. ރީތި ކުލަކުލައިގެ ކަކުނިތޮށިގަނޑުތައް ނަގައިގެން އެކަކަށް ވުރެ އަނެކަކު ފަޚުރުވެރިވެގެން އުޅެއެވެ. ކަކުނިހިފަން އުޅެނިކޮށް ކަކުނި ދަތްއެޅީމާ ރޮއިހަޅޭލައިގަންނަ އަޑު ވެސް އިވެއެވެ. ކުދިކުދި ކިރުކަކުނި ހިފައި، ފުޅިފުޅިއަށް ލައިގެން އުޅެއެވެ. އަހަރެން މޫދަށް އެރެމެވެ. މުންޑުޖަހައިގެން ގިނަ އަދަދަކަށް ކައްޓަފުޅިއާއި، މެކުނާއި، ބޭނގުފަނި ހިފަމެވެ. ކަނބުލޮ އެ އިން މަހެއް ދޭން ބުނޭތޯއެވެ. މަސްތައް ބަލައިލަން ކަނބުލޮ އާދޭތޯއެވެ. ހަދިޔާއަކަށް މަހެއް ދިނުމުގެ ނިޔަތުގައެވެ. އެ އިން އެއް ކަމެއް ވެސް ނުވިއެވެ.
ބޮލިހިލަން ކަނބުލޮ ފަރަށްއެރެއެވެ. ބޮލިހިލަމުން ކަނޑުތޮށްޓާ ހިސާބަށް ދެއެވެ. އެ ހިސާބުގައި ފަރުހިލަން ތިބޭއިރު، އަހަންނަށް ކަނބުލޮ ފެންނަނީ ވަރަށް ކުޑަކޮށެވެ. އެ މޫނު ވަކިވަނީ އެ ސިފަ އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވާތީއެވެ. މާޙައުލުގެ އެ ރީތި މަންޒަރު އަހަރެންގެ ހިތަކުން ދުވަހަކު ވެސް ނުފިލާނެއެވެ. ދޫނިތައް ގޮވުމުން އައިސް ބިމަށް ތިރިކޮށްލާ ތަނެވެ. ދަތުރުވެރީންގެ ދޯނިތަކުގައި ނަގައިފައިވާ ކަތިރިޔަލުގެ ހުދު ފޭރާމުގައި ފާލިސްލެވިފައިވާ އޮރެންޖު ކުލައެވެ. ތެއްޔަށް ބޮލިއަޅައިގެން ތެލި ކިހިލިޖަހައިގެން އަންނަ ކަނބުލޮގެ، ބަލައިފޫހި ނުވި ފަރި ހިނގުމެވެ.
ވެލާކޮށިތައް އަޅާފައި ހުންނަނީ ވެސް އެ ދިމާ ފަޅުމަތީގައެވެ. އެއީ، ފަލަ ކުރެދިމުޑިއާއި މަގޫމުޑި ބިމަށްޖަހައި، ދަނޑިން ބިތްގަނޑު ގަތައި، ބޮޑުދިޔައިގަ ވެސް ވެލާތަކަށް ނުނިކުމެވޭނެހެން ހަދައިފައި ހުންނަ ކޮށިތަކެކެވެ. މަސްވެރިކަން ދަށް ދުވަސްދުވަހާއި، ހުކުރުދުވަހު ވެލާ ކަތިލައި މަސްތައް ވިއްކައެވެ. އެއްފަހަރު، އަހަރެން އަތުން ކަނބުލޮ މަސްކޮޅެއް ގަތެވެ. ބަލައިބެލުމަށް އެއީ ވެލާ މަހެވެ. ޙަޤީޤަތުގައި އެއީ އަހަރެންގެ ހިތުން ވަކިކޮށްފައި ދިން ފޮއްޗެކެވެ.
ގެދޮރުއަޅަން ބޭނުންކުރާ ފަލަ ދުނބުރި ދަނޑިއާއި، ބަނބުކެޔޮގުޅިއާއި ބަނބުކެޔޮ ފިލާ ވެސް، ހަމަ އެ ދިމާގައި މޫދުއަޅައިފައި ހުރެއެވެ. އެހެން ހަދަނީ ފަނިބުއިމުންނާއި ފީވުމުން ލަކުޑި ސަލާމަތްކުރުމަށްޓަކައެވެ. އެ ފިލާތައްމަތީގައި ކަނބުލޮއަށް ފޮނިދައްކަން އުޅެނިކޮށް ކައްސައިލި އަދަދެއް ނޭނގެއެވެ. ތަދު އިހުސާސްވަނީ ގެއަށް ދިޔައިމައެވެ. މަންމަ ވަރަށް ނަސޭހަތްދެއެވެ. އެ ތަނަށް އަރައިގެން ނޫޅުމަށް ހަރުކަށި އަމުރު ވެސް ކުރެއެވެ. މަންމައަކަށް ނުވިސްނެއެވެ. ވިސްނައިދޭކަށް އަހަންނަކަށް ނޭނގެއެވެ.
މާލޭއަކީ ގަސް ގިނަ ބަގީޗާއެކެވެ. އެންމެ ގިނައީ ބަނބުކޭލާއި، ފަތްކޭލާއި، ސަންފާކޭލާއި، ބޮންތިރަތްކޭލެވެ. އޭގެ އިތުރަށް އަނބާއި، ބިލެތާއި، ފެންފޯއްރުކާއި، ދިވެހިރުއް ވެސް މަދެއް ނޫނެވެ. ޖަންބާއި، ޖަނބުރޯލު ވެސް ގިނަ އަދަދަކަށް އޮވެއެވެ. ހެނދުނުގެ ވަގުތެވެ. އަހަރެން އޮތީ ޖޯލީގައެވެ. ކޮރާކުޅުމާއި، ތިންމުގޯލި ކުޅުމުގައި ކުދިވެރިން އުޅުނެވެ. ދޮރުމަތީގައި ހެދިފައިވާ ހީނާމަލާއި އުނިމަލުގެ ވަސް މުޅި ތަނަށް ފެތުރިފައިވިއެވެ. ކުއްލިއަކަށް ފެނުނީ ކަނބުލޮ ގޮވައިގެން މަންމަ އައިތަނެވެ. ނޭނގިހުއްޓައި އަހަންނަށް ހުރެވުނީ ޖޯލިން ތެދުވެވިފައެވެ. ކަނބުލޮ ގޮވައިގެން މަންމަ ވަނީ އެތެރެއަށެވެ. އިރުކޮޅަކުން ބައްޕަ އައިސް ގެއަށް ވަނެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބައްޕަމެންނަށް އެނގުނީ ހެއްޔެވެ؟ ފުރަތަމަ އަހަރެންގެ ހިތަށްއެރީ އެހެންނެވެ. ކޮންމެވެސް ވާހަކަތަކެއް ދެކެވޭ އަޑު އިވުނެވެ. ދެން ފެނުނީ މަންމަ ނުކުތް ތަނެވެ. ނިކަން ބާރަށް ހިނގައިފައި އައިސް އަހަރެން ކައިރީގައި ހުރި ޖޯލީގައި އިށީނެވެ. ބައްޕަ ނުކުތީ އިސްޖަހައިލައިގެންނެވެ.
"ދަރިފުޅު އިހަށް ދޭބަލަ ބޭރަށް." ބައްޕަ އެދުނެވެ.
"އެއީ ކީއްވެ؟" މަންމަ ރުޅިއައިސްފައި ބުންޏެވެ. "އަދިވެސް ސިއްރުތަ ކުރަންވީ؟"
ކަނބުލޮއަށް ލޯބި ހުށަނޭޅުނުކަން އެއީ އަހަރެންގެ ނަސީބެވެ. އެ ލޯބި ސިއްރުކުރެވިފައި އޮތީ އަހަރެންގެ ހިތުގައެވެ. އޭނަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ރޯލައެވެ. ކަންތައްވެދިޔަ ގޮތުންނެވެ. މި ލޯބީގެ އެންމެ ހިތްގައިމުކަމަކީ، އަހަރެން ނޫން މީހަކަށް ނޭނގޭކަމެވެ. ލަދުގަންނަންޖެހޭ ކަމެއް ނެތްކަމެވެ. ކަނބުލޮ މިވީ ބައްޕަ ކޮށްފައިވާ ސިއްރު ކައިވެންޏަކުން ލިބިފައިވާ ދަރިއަކަށެވެ. އެ ކަން އެނގުނު ވަގުތު އަހަރެންގެ ހަތަރެސްފައި ދިޔައީ ފިނިވެގެންނެވެ. އެކަމަކު، އޭގެ ފަހުން އެހެން މީހެއްދެކެ އަހަންނަކަށް ލޯތްބެއް ނުވެވުނުވެ. އެއްވެސް މީހަކަށް މި ވާހަކަ ކިޔައިދޭނެ ހިތްވަރެއް ވެސް ނުލިބުނެވެ. ހިނގައިދިޔައީ ހިނގައިގެންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ސަލާމަތްވީ އަދި އެ އަށް ވުރެ މާ ބޮޑުކަމަކުންނެވެ.
ނިމުނީ