ލަންކާގައި ޑްރަގާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް، 4،000 މީހުން ހައްޔަރުކޮށްފި!
ލަންކާގައި ޑްރަގާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް، 4،000 މީހުން ހައްޔަރުކޮށްފި!

ކޮލޮމްބޯ (ޑިސެމްބަރު 19) - ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 24 ގަޑިއިރުގެ ތެރޭގައި 4،000 މީހުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ ވެހިކަލް އެ ގައުމުގެ ސަރުކާރަށް ނަގައިފި އެވެ.

ލަންކާގެ ފުލުހުން މިއަދު ބުނީ، ޑްރަގް ޑީލަރުންގެ އަތުން 208،000 ޑޮލަރުގެ އަގު ހުރި ނުވަ ވެހިކަލް އިއްޔެއާ ހަމައަށް ސަރުކާރަށް ނަގާފައިވާ ކަމަށެވެ.

އެ ގައުމުގެ ފުލުހުންގެ އެކްޓިން އިންސްޕެކްޓަ ޖެނެރަލް ދޭޝާބަންޑޫ ޓެންނަކޫން ވިދާޅުވިގޮތުގައި، ކުށްވެރިން ނުހައްގުން ހޯދާ ފައިސާ އިން ގަނެފައިވާ ހުރިހާ މުދަލެއް ހިފަހައްޓާނެ އެވެ.

ކޮލޮމްބޯގެ ނަރަހެންޕިޓާ އަވަށުގައި ހުންނަ އެސެޓްސް އިންވެސްޓިގޭޝަން ޑިވިޝަނުން ހިފަހައްޓާފައިވާ ވެހިކަލްތައް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ފަހު، ފުލުހުންގެ އެކްޓިން ޗީފް ޓެންނަކޫން ވިދާޅުވީ، ޑްރަގް ޑީލަރުންގެ ތެރެއިން ފިލައިގެން އުޅޭ މީހުން ހޯދައި ހައްޔަރު ކުރާނެ ކަމަށެވެ. އެފަދަ މީހުން ފިލަން ކުރާ މަސައްކަތް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އިންތިޒާމުކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމަށް "ޔުކްތިޔާ" (އިންސާފު) ގެ ނަމުގައި އެ ގައުމުގެ ފުލުހުން އޮޕަރޭޝަނެއް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އިއްޔެގެ ނިޔަލަށް އަތުލައިގަތް ވެހިކަލްތަކުގެ ތެރޭގައި ދެ ވޭނާއި ތިން ކާރާއި އެއް ޖިޕާއި އެއް ސައިކަލާއި ދެ ޓްރަކް ހިމެނެ އެވެ.

މަސްތުވާތަކެތީގެ ބައެއް ބާވަތްތައް ކަމަށްވާ ހެރޮއިން އާއި ކެނަބިސްގެ ޝިޕްމެންޓްތައް ވެސް އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތެވެ.