19 ޑިސެމްބަރ 2023 - 12:39

މެންޗެސްޓާ (ޑިސެމްބަރު 19) - ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި، ރެފްރީއާ ދިމާ ކުރި މައްސަލާގައި، 152،000 ޑޮލަރުން ސިޓީ ޖޫރިމަނާ ކޮށްފި އެވެ.
މި މަހުގެ ތިންވަނަ ދުވަހު ކުޅުނު އެ މެޗުގެ ރެފްރީކަން ކުރި ސިމޯން ހޫޕާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި، ސިޓީގެ ހަތަރު ކުޅުންތެރިޔަކު ރެފްރީ ވަށާލައި ހިތްހަމަނުޖެހޭކަން ހާމަ ކުރި އެވެ.
އެ ކުޅުންތެރިންގެ ތެރޭގައި އާލިންގް ހާލަންޑް، މަޓޭއޯ ކޮވަސިޗް އަދި ރުބެން ޑިއާޒް ހިމެނެ އެވެ. އެ ކުޅުންތެރިން ހިތްހަމަ ނުޖެހުނީ މެޗުގެ އެންމެ ފަހު މިނެޓްގައި ސިޓީ އަށް ގޯލް ޖަހަން ހުސް ފުރުސަތެއް ލިބިފައިވަނިކޮށް، ހޫޕާ ކަށިގަނޑު ފުމެ ކުޅުން މެދުކަނޑާލަން އެންގުމުންނެވެ. ކުޅުން މެދުކަނޑާލަން އެންގީ ޓޮޓެންހަމްގެ ކުޅުންތެރިން ހާލަންޑަށް ފައުލުކޮށްފައި ވަނިކޮށް އޭނާ ދަނޑު މަތީގައި ވެއްޓިފައި އޮތުމުންނެވެ. ނަމަވެސް ސިޓީ އަށް އެޑްވާންޓޭޖަށް ދޫކޮށްލުމުގެ އިހްތިޔާރު ވެސް އޭނާ އަށް އޮތެވެ.
އެ މައްސަލަ ބެލުމަށް އިނގިރޭސި އެފްއޭއިން ސިޓީގެ އޮފިޝަލުން ހާޒިރުކޮށް ސުވާލު ކުރުމުން، އެ އޮފިޝަލުން ވަނީ ކުޅުންތެރިން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަން އެއްބަސްވެފަ އެވެ.