އައްޑޫ ފެނަކައިގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި އެކަކު އައިސީޔޫގައި
އައްޑޫ ފެނަކައިގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި އެކަކު އައިސީޔޫގައި

ސ. ހިތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅުނު ހިތަދޫ ފެނަކަ ބްރާންޗުގެ ދެ މުވައްޒަފަކު ކަރަންޓުގައި ޖެހި ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ ހިތަދޫ ބްރާންޗުގެ ސީނިއާ ޓެކްނީޝަން މުހައްމަދު ނާޒިމް (ނާނު) އަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާއާ އެކު މަސައްކަތް ކުރި ޓެކްނީޝަން، މުހައްމަދު މުނައްވަރަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފެނަކަ ހިތަދޫ ބްރާންޗުގެ މުވައްޒަފަކު ބުނިގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު، ސްޓޭޑިއަމަށް ކަރަންޓު ދިނުމަށް ޕެނަލް ބޯޑުން އެހެން ފޮއްޓަކަށް ކަރަންޓު ދޭން އުޅުމުގެ ތެރޭގަ އެވެ. އޭރު އެ ދެމީހުން ވެސް ތިބީ ސްޓޭޑިއަމުގަ އެވެ.

"ދެ މީހުން ވެސް ކަރަންޓުގައި ޖެހުމާއެކު ވެއްޓުނީ. އޭގެ ތެރެއިން ނާޒިމަށް ވަރަށް ބޮޑުވަރުވެފައި އޮތީ،" އޭނާ ބުންޏެވެ.

ފެނަކައިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުންފުނިން ތަހުގީގުކުރާނެ ކަމަށާއި މި މައްސަލަ ފުލުހުންނަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން ފަރުވާ ދެމުން އަންނަ ދެ މީހުންނާ ބެހޭ ގޮތުން ހޮސްޕިޓަލުން އަދި މައުލޫމާތެއް ނުލިބެ އެވެ.