20 ޑިސެމްބަރ 2023 - 06:10

ލަވަކިޔުންތެރިޔާ ބޭޑް ބަނީއާ ރައްޓެހިވެގެން އުޅުމަށް ފަހު ކެންޑަލް ޖެނާ ސިންގަލްވެއްޖެ އެވެ.
ކެންޑަލް، ބޭޑް ބަނީއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ މި އަހަރު ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އެ ދެ ތަރިން ވަނީ ރިލޭޝަންޝިޕެއްގައި އުޅޭކަން މީޑިއާތަކުން ޔަގީންކޮށްދީފަ އެވެ. އެ ދެ ތަރިން އެއްކޮށް ފެނުނަސް މި ރިލޭޝަންޝިޕް ކެންޑަލް ވަނީ ވަރަށް ޕްރައިވެޓްކޮށް ބާއްވައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު މި ދެ މީހުން ވަނީ ގޫޗީ ކެމްޕެއިނެއްގެ ފޮޓޯތަކަކުން ވެސް ފެނިފަ އެވެ.
ކެންޑަލް އާއި ބޭޑް ބަނީ ރުޅިވިކަން މީޑިއާތަކުން ޔަގީންކޮށްދީފައި ވާއިރު މިކަމާ ގުޅޭ ގޮތުން ކެންޑަލް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ކެންޑަލް ޖެނާ އަކީ މަޝްހޫރު ކާޑޭޝަން ފެމިލީގެ ރިއާލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝަން"އިން މަޝްހޫރުވި ތަރިއެކެވެ. އެއަށް ފަހު އޭނާގެ މޮޑެލިން ކެރިއާ ފެށި ހިސާބުން ރިއާލިޓީ ތަރިއަކަށްވުރެ ބޮޑަށް އޭނާ ފެންނަނީ މޮޑެލްއެއްގެ ގޮތުގަ އެވެ.
ކެންޑަލް އަކީ ގޫޗީ އާއި ވަސޭޗާ ފަދަ ބޮޑެތި ބްރޭންޑްތަކުގެ ފެޝަން ޝޯތަކުގެ ރަންވޭއިން ވެސް ފެނިފައިވާ މޮޑެލްއެކެވެ. މި އަހަރު ޕެރިސްގައި ލޯރިއަލްއިން ބޭއްވި ފެޝަން ޝޯ ކްލޯޒް ކުރީ ވެސް ކެންޑަލް އެވެ.