18 ޑިސެމްބަރ 2023 - 21:21

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސަންގު ޓީވީން ބާއްވާ ބަހުސްގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވަން ނިންމަވައިފި އެވެ.
ނަމަވެސް ދައުލަތުގެ މީޑިއާއިން އިންތިޒާމްކުރާ ބަހުސްގައި ބައިވެރިވާނެ ކަމަށް ކެމްޕެއިން އޮފީހުން ބުންޏެވެ.
އާޒިމްގެ ކެމްޕެއިން އޮފީހުން ބުނީ މިރޭ ބާއްވާ ސަންގުގެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަން އާޒިމް ނިންމެވީ މިނިވަންކަމާއެކު ބަހުސް ކުރިއަށްގެންދަން މިނިވަން މޮޑަރޭޓަރަކު ބަހައްޓައިދިނުމަށް އެދިފައިވާ އެދުމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމަށެވެ.
އޭގެ އިތުރުން، އިންތިހާބު އޮންނަ ދުވަސް ކުޑަތަންވަމުންދާއިރު، ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ކެންޑިޑޭޓު ތާށިވުމަކީ ކެމްޕޭނުގައި ދެން ކުރަން ހުރި ކަންކަމަށް އަސަރުކުރާ ކަމެއް ކަމަށް ބުންޏެވެ.
އަމިއްލަ ޓީވީ ސްޓޭޝަނަކުން ބާއްވާ ބަހުސްގައި ބައިވެރިނުވިޔަސް، ދައުލަތުގެ މީޑިއާއިން އަންނަ މަހުގެ 6 ގައި ބާއްވާ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިން އޮފީހުން ބުންޏެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ.
މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.