ޒަކާތަށް ހާއްސަކޮށްގެން ވަކި އިދާރާއެއް އުފައްދައިފި
ޒަކާތަށް ހާއްސަކޮށްގެން ވަކި އިދާރާއެއް އުފައްދައިފި

ޒަކާތުގެ ކަންކަން ހަރުދަނާކުރަން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި މިއަދު އިދާރާއެއް އުފައްދައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި ހައްގުވެރިންނަށް ޒަކާތުގެ ފައިދާ ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމަށް ކަމަށެވެ.

ޒަކާތުގެ ކަންކަން މިހާތަނަށް ބަލަހައްޓަމުން ދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ މީހުންނަށް ޒަކާތް ދޫކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލައި އަޕްޑޭޓުކޮށް ބެލެހެއްޓުމުގެ މަސައްކަތަކީ ވެސް، އަލަށް އުފެއްދި އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.