18 ޑިސެމްބަރ 2023 - 14:59

އާ ސަރުކާރުން އާ މިނިސްޓްރީތައް ހަދައި އެހެން ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނެސްފައި ވާއިރު، މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ރައީސް އޮފީހުން މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، މެންޑޭޓް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިނުވާތީ، ވަޒީރުންނަށް ރުހުން ދެވޭނެ ކަމާމެދު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ ސުވާލު އުފައްދައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްނުކޮށް، އެ މަނިކުފާނުގެ ވަޒީރުންނަށް ރުހުން ދިނުން ބޮޑު ސުވާލަކަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަދާފައިވާ އިރު، އޭރު އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އައްޔަނުކުރެއްވި 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ހޯއްދަވާފައިވަނީ މެންޑޭޓް ފޮނުވުމުގެ ކުރިންނެވެ.
އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުގެ މެންޑޭޓް މަޖިލީހުން ފާސްނުކޮށް، އެ މަނިކުފާނުގެ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ ގޯސްކޮށް ކަމަށް ރިޔާސަތުން ނިންމައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާލައިފަ އެވެ.