18 ޑިސެމްބަރ 2023 - 10:39

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް އަހުމަދު ޝަފީއުއަށް ތުހުމަތުކޮށް ވާހަކަތަކެއް ފެތުރިފައި ވިޔަސް އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ނުދާކަން އެނގިއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޝަފީއުއަށް ތުހުމަތުވާ ޖިނާއީ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަން ފުލުހުން، އެ އޮފީހަށް ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް އެހެން މީހަކު ރަހީނުކުރި މައްސަލައެއްގެ ތެރެއިން ޝަފީއު ވިކްޓިމްއަކަށްވީ މައްސަލައެއް ފުލުހުން ބަލަމުންދާކަން ވަނީ އެނގިފަ އެވެ.
އެ މައްސަލާގައި، މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ޝަފީއު ވަނީ އެ މައްސަލައިގެ ވިކްޓިމްއަކީ ވެސް އޭނާ ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެއް ޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ޝަފީއުގެ މައްޗަށް އޮތް ނަމަވެސް، އެފަދަ ކަމަކާ ގުޅޭ އެއްވެސް މައްސަލައެއްގެ ތުހުމަތެއް ޝަފީއުއަށް ފުލުހުން ނުކުރާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ ބައެއް ފޮޓޯތަކާއި ފޯނުން ނަގާފައި ހުރި ބައެއް ސްކްރީންޝޮޓް ކަމަށް ބުނެ ބައެއް އެއްޗެހި ވެސް އާންމުވެފައިވާއިރު ޝަފީއުއަށް ޕީޖީ އޮފީހުން އެއްވެސް ފިޔަވަޅެއް ނާޅާތީ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
"ޕީޖީގެ ސްޑޭންޑަކީ މީހަކު ވިކްޓިމްއަކަށްވީމާ އޭނާއާ މެދު ފިޔަވަޅު އެޅުން އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.
ޝަފީއުއަށް ސޯޝަލް މީޑިއާގައި އަމާޒުވާ ތުހުމަތުތައް އޭނާ ދޮގުކުރައްވާފައި ވާއިރު، ޝަފީއު އަކީ މިހާރު ވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލެވެ. އަދި އޭނާ ގެންދަވަނީ ވަރަށް ބޮޑެތި މައްސަލަތަކުގައި ޕީޖީ އޮފީސް ތަމްސީލް ވެސް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ މައްސަލަތައް ހިމެނެ އެވެ.