18 ޑިސެމްބަރ 2023 - 09:50

އާ ސަރުކާރުން މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިނުވާތީ، ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 މިނިސްޓަރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިރު، ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.
ހިސާން ވިދާޅުވި ގޮތުގައި، މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްނުކޮށް، އެ މިނިސްޓްރީތަކުގެ ޒިންމާތައް ވަޒީރަކަށް އަދާކުރެއްވޭނެ ކަމުގެ ގާބިލުކަން މަޖިލީހަކަށް ވަޒަނެއް ނުކުރެވޭނެ އެވެ.
އެހެންވެ، ރައީސް އައްޔަންކުރައްވާފައިވާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ރިޕޯޓަށް ވޯޓަށް ނޭހޭނެ ކަމަށް ހިސާން ފާހަގަކުރެއްވި އެވެ.
ހިސާން ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަންނަވައި، އެ ކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވަން ޖަލްސާ މެދުކަނޑާލެއްވި އެވެ.
ޖަލްސާ އަލުން ފައްޓަވައި، އަސްލަމް ވިދާޅުވީ އެ މަޝްވަރާތަކަށްފަހު ނިންމަވާފައިވަނީ ކޮމިޓީ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ކަމަށެވެ.
އެކަމާ ދެކޮޅު ހައްދަވައި، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ ކޮމިޓީގެ ރިޕޯޓެއް އަނބުރާ ފޮނުވާލެވޭނީ ތަޅުމުން ފާސްކޮށްގެން ކަމަށެވެ. އަދި ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާާޅުވި އެވެ.
ނިޒާމީ ނުކުތާއެއް ނަންގަވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްކުރަން ސަރުކާރުން މި މަހުގެ 15 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ފޮނުވަން ވަކި ތާރީހެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިނުވާތީ، އެކަމާ ހަވާލާދީ ވަޒީރުންނަށް ރުހުން ނުދީ، ކޮމިޓީ ރިޕޯޓު އަނބުރާ ފޮނުވާލަން ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އާމިރު ވެސް ވިދާޅުވި އެވެ.
އެ ދެ މެމްބަރުން ނެންގެވި ނިޒާމީ ނުކުތާ ވެސް ބަލައިނުގަންނަވައި، ރިޔާސަތުން އަސްލަމް ވިދާޅުވީ ރިޕޯޓު އަނބުރާ ފޮނުވާލީ ހިސާން ފާހަގަކުރެއްވި ފަދައިން ކޮމިޓީ ރިޕޯޓު ފުރިހަމަ ނުވާތީ ކަމަށެވެ.
އޭގެފަހުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ މި ހިނގާ ދައުރު މިއަދަށް ހަމަވާ އިރު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލަންޖެހިފައިވާތީ، އެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.