18 ޑިސެމްބަރ 2023 - 10:18

ބޮޑު ތަރުހީބެއް ލިބުނު "ބްރިޖިޓަން"ގެ ތިން ވަނަ ސީރީޒް ނެރޭ ތާރީހު އިއުލާނުކޮށްފި އެވެ.
މި ސީރީޒްގެ ތިން ވަނަ ސީޒަން ދެ ބަޔަކަށް ބަހާލައިގެން ނެރުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ ބައި ނެރޭނީ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.
މި ބައިގައި ހަތަރު އެޕިސޯޑް ހިމެނޭނެ އެވެ.
ސީޒަންގެ ދެ ވަނަ ބައި ނެރުމަށް ހަމަޖެހިފައި ވަނީ ޖޫން 13 ވަނަ ދުވަހު އެވެ. މި ބައިގައި ވެސް ހިމެނޭނީ ހަތަރު އެޕިސޯޑެވެ.
ބްރިޖިޓަންގެ ކޮންމެ ސީޒަނަކީ ވެސް ކޮންމެވެސް ދެ ކެރެކްޓާއެއްގެ ލަވް ސްޓޯރީ ގެނެސްދޭ ސީރީޒަކަށް ވާއިރު މި ފަހަރުގެ ސީޒަންގައި ފެންނާނީ ކޮލިން ބްރިޖިޓަން އާއި ޕެނެލޮޕީ ފެދަރިންޓަންގެ ލަވް ސްޓޯރީ އެވެ.
މި ފަހަރުގެ ސީޒަންގެ ސްޓޯރީ ލައިނުގައި ކޮލިންއާ ޕެނެލޮޕީ ދުރުވުމުން، އޭނާގެ ފްރެންޑްޝިޕް އަނބުރާ ހޯދަން މަސައްކަތްކުރާ ތަނާއި، ޕެނެލޮޕީއަށް އިންނާނެ މީހަކު ހޯދައިދޭން އުޅޭ އުޅުމުގައި ކޮލިންއަށް ޕެނެލޮޕީ ދެކެ ލޯބިވެވޭކަން ހާމަވާނެ ކަމަށްވެ އެވެ.
މި ފަހަރުގެ ސީޒަންގައި ވެސް ގިނަ އާ ތަފާތު ކެރެކްޓާތަކެއް ފެންނާނެ ކަމަށް ސީރީޒްގެ ޕްރޮޑިއުސަރު ޝޮންދާ ރައިމްސް ވަނީ ބުނެފަ އެވެ. އަދި މި ފަހަރުގެ ސީޒަންގައި ގިނަ ބަޔަކު ފެންނާނެ ކަމަށް އުއްމީދު ކުރި ޑެފްނީ ބްރިޖިޓަންގެ ކެރެކްޓާ ފެނިގެން ނުދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ބްރިޖިޓަން އަކީ ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި ސީރީޒްގެ ރެކޯޑު ހެދި ސީރީޒްއެކެވެ. މި ސީރީޒް ގެ މި ދިޔަ ދެ ސީޒަން އާއި މި ސީރީޒްގެ ސްޕިން އޮޕް "ކުއީން ޝާލޮޓް" އަކީ ނެޓްފްލިކްސްގެ ރާއްޖޭގެ އެއް ވަނައިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތް ސީރީޒްއެކެވެ.