17 ޑިސެމްބަރ 2023 - 23:09

ސްޓެލްކޯގެ އިންޖީނުތައް ބަހައްޓާފައި ހުންނަ އޮތް ދޮންއަދަރާދަ ހިނގުން އަންނަ ރޯދަ މަހުގެ ކުރިން ހުޅުވަން އެ ކުންފުނިން ނިންމައިފި އެވެ.
ސްޓެލްކޯގެ ކޮމްޕައުންޑާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގު ބަންދުކޮށް އެ މަގަށް ވާ ގޮތަށް އިންޖީނުގެއެއް ހެދީ 2010 ވަނަ އަހަރު އެވެ. އެ މަގުގައި ބަހައްޓާފައި ހުރީ އޭރު މާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އިތުރު ޖަނަރޭޓަރުސެޓްތަކެވެ.
ނަމަވެސް ސްޓެލްކޯ އިން މިއަދު ބުނީ އެ ޖަނަރޭޓަރުސެޓްތައް މިހާރު ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ބާ އިންޖީނުގެ އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ދޮންއަދަރާދަ މަގު ހުޅުވުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވުމުން އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަން ވާއިރަށް މަގު ހުޅުވާލެވޭނެ. އަދި ހަމަ އެއާ އެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމިއޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވި އެވެ.
ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަނީ ސްޓެލްކޯ އިން ބުނިގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުއައްޒަފުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސްޓެލްކޯގެ އެމްޑީއަކަށް މިދިޔަ މަހުގެ 28 ގައި އައްޔަންކުރި ފަހުމީގެ ލީޑަޝިޕްގައި ނިންމެވި ފުރަތަމަ ކަމަކީ މާވެޔޮ މިސްކިތް ކަންމަތީ މަގަށްވާ ގޮތަށް ބަހައްޓާފައިވާތާ ދުވަސްތަކެއް ވެފައިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތެވެ.
އެ މަސައްކަތް މިދިޔަ މަހުގެ 28 ގައި ފައްޓަވައި ފަހުމީ އެންގެވީ މި އަހަރު ނިމުމުގެ ކުރިން ޓްރާންސްފޯމަރު އެހެން ތަނަކަށް ބަދަލުކުރާށެވެ. އެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ވަނީ ނިންމާލައިފަ އެވެ.
މާވެޔޮ މިސްކިތް ކަންމަތީ މަގަށްވާ ގޮތަށް އެ ޓްރާންސްފޯމަރު ބެހެއްޓީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. އެކަމަކު، މިސްކިތިގެ ފަހަތުގައި އޮންނަ މަގުގެ އެއްބައި ގެއްލޭ ގޮތަށް އެ ޓްރާންސްފޯމަރު ބެހެއްޓުމުން އެތައް ބަޔަކަށް އުނދަގޫވެ، އެ ޝަކުވާ ސްޓެލްކޯ އަށް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެެވެ. މީގެ ކުރިން އެ ކަމަށް އެއްވެސް މެނޭޖުމަންޓަކުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.