11 ފެބުރުއަރީ 2017 - 15:35

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަށްރަށުގައި ދޭ ފައިސާ ނެގުމުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 200 ވަނަ ކޭޝް އެޖެންޓް ކ.ދިއްފުށީގައި ހަމަޖައްސައިފި އެވެ.
ކޭޝް އެޖެންޓުގެ ގޮތުގައި ހަމަޖެއްސި ފަރާތަށް ރަމްޒީ ޓޯކެން ހަވާލުކުރަން ދިއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޭޝް އެޖެންޓުން މެދުވެރިކޮށް، ބޭންކްގެ ބްރާންޗެއް ހުންނަ ރަށަކަށް ނުގޮސް އެކައުންޓުން ފައިސާ ލިބޭނެ އެވެ.
ފައިސާ ނެގުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ކޭޝް އެޖެންޓުން ހަމަޖައްސަނީ ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިންނެވެ. މި ހިދުމަތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ޕީއޯއެސް އިން ފައިސާ ކެނޑުމަށް ފަހު އެ އަދަދަށް ފިހާރައިން ފައިސާ ދޭނެ އެވެ.
ބޭންކް ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނުހުންނަ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން ހަމަޖެއްސުމުގެ މަސައްކަތް ބީއެމްއެލްއިން މިދިޔަ އަހަރު ވެސް ކުރި އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލްގެ 200 ކޭޝް އެޖެންޓުންގެ އިތުރުން 31 ބްރާންޗު، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު، ފަސް ދޯނި ބޭންކިން ޔުނިޓް އަދި ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތްދެ އެވެ.