17 ޑިސެމްބަރ 2023 - 20:13

ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ދިން ގޮތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގަށް މީހުން ހާޒިރު ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީން ބުނީ، ފްލެޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލް އަށް އެ ކޮމިޝަނަށް ހައުސިން މިނިސްޓްރީން މިހާރު އެކްސެސް ދީފައިވާ ކަމަށެވެ.
އެހެންވެ، ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
ނަމަވެސް އެ ކޮމިޝަނުން ހާޒިރު ކުރަނީ އާންމުން ކަމެއް ނުވަތަ ކޮން މުއައްސަސާތަކެއް ކަމެއް ނުބުނެ އެވެ.
އޭސީސީން ބުނިގޮތުގައި، އެއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި މި ފަހުން ރައްޔިތުންގެ މަޖިލީހުން އޭސީސީގެ މެންބަރުން ހާޒިރުކޮށް، ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނީ ޝަރުތު ހަމަނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.