17 ޑިސެމްބަރ 2023 - 16:03

ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަދުގެން ފެށިގެން އަލުން ހުއްދަ ދޭން ފަށައިފި އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ. އެގޮތަށް ނިންމައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެ ކަމަށެވެ. އޭރު ބުނެފައިވާ ގޮތުގައި ވޯކް ވިސާގައި 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ.
ބަންގްލާދޭޝް ލޭބަރުން ގެނައުން ފުރަތަމަ އެއް އަހަރަށް މަނާކުރުމަށް ފަހު، ކޮންމެ އަހަރަކު ދިޔައީ އެ މުއްދަތު އިތުރުކުރަމުންނެވެ.
ބަންގްލާދޭޝްގެ ލޭބަރުން ގެނައުން މަނާކުރުމާ އެކު އިންޑިއާ އާއި ސްރީ ލަންކާ އަދި އެހެން ބައެއް ގައުމުތަކުން ރާއްޖެއަށް ލޭބަރުން ގެނައުން ވަރަށް ބޮޑަށް އިތުރުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.