17 ޑިސެމްބަރ 2023 - 12:54

ސްޕެޝަލް އިނޮމިކް ޒޯން (އެސްއީޒެޑް) އަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވައިފި އެވެ.
ގެޒެޓުގައި އާންމުކޮށްފައިވާ މި ގަރާރުގައިވާ ގޮތުން، އެސްއީޒެޑްގައި ނުވަ ދާއިރާ އަކުން އިންވެސްޓް ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. އެކްސްޕޯޓަށް އިސްކަން ދީގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތައް
2. ޓްރާންސްޝިޕްމެންޓް ޕޯޓާއި އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓު، އެއާޕޯޓު، ބަލްކް ބްރޭކިން، ބަންކަރިން އާއި ޑޮކިން ސާވިސަސް
3. ޔުނިވާސިޓީ، ޓާޝާރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީ
4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
5. އިންޓަނޭޝަނަލް ފައިނޭންސް ސާވިސަސް
6. އިޔާދަ ކުރަނިވި ހަކަތަ
7. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެ އަށް އާންމު ކުރުމަށް ހިންގޭ މަސައްކަތް
8. ފުޑް ސެކިއުރިޓީގެ ދާއިރާ
9. ގޭސް އެކްސްޕޮލޮރޭޝަންގެ މަސައްކަތް
އެސްއީޒެޑް ގާނޫނު ފާސްކުރީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނު ބުނެފައިވާ ގޮތުން، އިންވެސްޓްކުރަން ޖެހޭ ދާއިރާތަކާއި އަދަދު ކަނޑައަޅުއްވާނީ ރައީސެވެ.
އެސްއީޒެޑުގެ މަޝްރޫއުތަކުގެ ތެރެއިން ދައުލަތަށް ބޮޑެތި އާމްދަނީތަކެއް ލިބޭނެ ކަމަށް ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންދާޒާކުރި ނަމަވެސް، އެ ދައުރު ނިމުނު އިރު ވެސް އެސްއީޒެޑްގެ ދަށުން މަޝްރޫއުއެއް ފެށިފައެއް ނުވެ އެވެ. ރައީސް ޔާމީންގެ ދައުރު އެސްއީޒެޑްގެ ތެރެއިން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ގަރާރު ނެރުއްވި އެވެ.
އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް ނެރުއްވި ގަރާރުގައި ވެ އެވެ.