ދަނޑުމައްޗަށް ވެއްޓުނު ލޫޓަން ކެޕްޓަންގެ ހާލު ރަނގަޅު
ދަނޑުމައްޗަށް ވެއްޓުނު ލޫޓަން ކެޕްޓަންގެ ހާލު ރަނގަޅު

ބޯންމަތު (ނޮވެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ލޫޓަން ޓައުންގެ ކެޕްޓަން ޓޮމް ލޮކްޔާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ކްލަބުން ހާމަ ކޮށްފި އެވެ.

ދަނޑުމައްޗަށް ވެއްޓުނު ލޫޓަން ކެޕްޓަންގެ ހާލު ރަނގަޅު
ދަނޑުމައްޗަށް ވެއްޓުނު ލޫޓަން ކެޕްޓަންގެ ހާލު ރަނގަޅު

ބޯންމަތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލޮކްޔާ ދަނޑަށް ވެއްޓުނީ 59 ވަނަ މިނިޓުގަ އެވެ. އެއާ އެކު ދެ ޓީމުގެ ކުޅުންތެރިން ވެސް އޭނާ އަށް އަވަސް ފަރުވާ އަށް އެދުނެވެ.

ލޮކްޔާ އަށް ދަނޑުމަތީގައި ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ސްޓްރެޗަރުގައި ދަނޑުން ބޭލީ އޭނާ އަށް ހޭވެރިކަން ވުމުން ކަމަށް ލޫޓަން އިން މައުލޫމާތު ދެއެވެ. އަދި އެއަށް ފަހު ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ފަރުވާ ދީފައި ވެއެވެ.

މި ހާދިސާ ހިނގި ވަގުތު މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރު ވެފަ އެވެ. މެޗުގެ ތިންވަނަ މިނިޓުގައި އެލިޔާ އަޑެބަޔޯ ލޫޓަން އަށް ލީޑު ނަގައިދީފައި ވަނިކޮށް ބޯންމަތުން އެއްވަރު ކުރި ގޯލު ޖަހާފައި ވަނީ، ލޮކްޔާ ދަނޑުމައްޗަށް ވެއްޓުމުގެ މިނިޓެއް ކުރިން، ޑޮމިނިކް ސޮލަންކޭ އެވެ.

މިއާ އެކު މެޗުގެ ރެފްރީ ސައިމަން ހޫޕާ ވަނީ 65 ވަނަ މިނިޓުގައި މެޗު ހުއްޓާލަން ނިންމައިފަ އެވެ. މެޗުގެ ބާކީ ބަޔާ މެދު ޕްރިމިއާ ލީގުން އަދި ގޮތެއް ނުނިންމަ އެވެ.

ލޮކްޔާ އަކީ ލޫޓަން ޓައުންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުން ފުރުސަތު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރި ލީޑަރެކެވެ. ވޭލްސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވަނީ ހިތުގެ މައްސަލައަކާ ގުޅިގެން މިދިޔަ މެއި މަހު ކުޅުނު ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލްގައި ވެސް ވަރަށް ކުރީކޮޅު ދަނޑުމައްޗަށް ވެއްޓިފަ އެވެ. އޭނާ އަލުން ކުޅުމުގެ ތެރެއަށް އައީ ސީޒަން ބްރޭކުގައި ހިތުގެ ސާޖަރީއެއް ހަދައިގެންނެވެ.

ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވަނީ ދެ ގޯލުގެ ލީޑެއް ގެއްލުވާލައި 2-2 އިން އެއްވަރުވެ، ކްރިސްޓަލް ޕެލަސް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހިފަ އެވެ.

ޕެލަސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މައިކަލް އޮލީސޭ އެވެ.

ސިޓީން ދެ ގޯލުގެ ލީޑެއް ނެގީ 24 ވަނަ މިނިޓުގައި ޖެކް ގްރީލިޝް ޖެހި ލަނޑާއި 54 ވަނަ މިނިޓުގައި ޒުވާން ކުޅުންތެރިޔާ ރިކޯ ލެވިސް ޖެހި ލަނޑާ އެކު އެވެ. ޕެލަސް އަށް ފަރަގު ކުޑަ ކޮށްދިނީ 76 ވަނަ މިނިޓުގައި ޖިއާން ފިލިޕޭ މަޓޭޓާ އެވެ. އިތުރު ވަގުތުގައި އޮލީސޭ ކާމިޔާބު ކުރި ޕެނަލްޓީ އަކީ ފިލް ފޮޑެން އޭރިއާ ތެރެއިން ޕެލަސްގެ ކުޅުންތެރިއަކަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.

މި ނަތީޖާއާ އެކު ސިޓީ އޮތީ 17 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ. ފަސްވަނައިގައި އޮތީ ހުކުރު ދުވަހުގެ ރޭ 2-0 އިން ނޮޓިންހަމް ފޮރެސްތް ބަލިކުރި ޓޮޓެންހަމް ހޮޓްސްޕާ އެވެ. ޓޮޓެންހަމް ވަނީ 17 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ.

ސިޓީ އަށް ކުރިއަށް އޮތީ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގައި ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އޭޝިއާގެ ޗެމްޕިއަން، ޖަޕާނުގެ އުރަވާ ރެޑް ޑައިމަންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޖެހިޖެހިގެން ދެ މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނިއުކާސަލް ޔުނައިޓެޑުން މާޔޫސްކަން ފިލުވާލީ ރޭ 3-0 އިން ފުލަމް ބަލިކޮށްގެންނެވެ.

ފުލަމްގެ ރައުލް ހިމިޖޭޒް އަށް ފުރަތަމަ ހާފުގައި ރަތް ކާޑު ދެއްކުމާ ގުޅިގެން އެޓީމުން އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް ނިއުކާސަލް އިން ތިން ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. ނިއުކާސަލް އަށް ލަނޑުތައް ޖަހައިދިނީ 17 އަހަރުގެ ލެވިސް މިލީ އާއި މިގޭލް އަލްމިރޯން އަދި ޑޭން ބާން އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްގެ ފަބިއަން ޝާ އާއި ޖޮއެލިންޓަން އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ނިއުކާސަލް އޮތީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެން ލީގު ތާވަލްގެ ހަވަނައިގަ އެވެ.

ލީގުގައި ރޭ ޗެލްސީ އާއި އެވަޓަން ވެސް ވަނީ މޮޅެއް ހޯދައިފަ އެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް ބަލިކުރީ ކޯލް ޕާމާ އާއި ޖެކްސަން މާޓިނޭޒްގެ ގޯލުތަކާ އެކު 2-0 އިންނެވެ. އެވަޓަން އިން ރަށުން ބޭރުގައި 2-0 އިން ބާންލީ ބަލިކުރީ ފުރަތަމަ ހާފުގައި އަމަޑޫ އޮނާނާ އާއި މައިކަލް ކީން ޖަހައިދިން ގޯލުތަކުންނެވެ.