ވެމްކޯ އާއި އާބަންކޯ މެޗުން ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރު ފަށަނީ
ވެމްކޯ އާއި އާބަންކޯ މެޗުން ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރު ފަށަނީ

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން މިއަދު ފަށަން ތައްޔާރު ވެއްޖެ އެވެ.

މުބާރާތަށް ކޮލިފައި ވާން މިމަހުގެ 4 އިން 12 އަށް ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ ބުރުގައި ވާދަކުރި 15 ޓީމުގެ ތެރެއިން، ފައިނަލް ބުރަށް ކޮލިފައިވީ ކްލަބް އާބަންކޯ އާއި ސިޓީ ސްޕޯޓްސް ކްލަބެވެ.

މި ދެ ޓީމުގެ އިތުރަށް ފައިނަލް ބުރުން އޮޓަމެޓިކް ޖާގަ ލިބިފައި ވަނީ މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ގަދަ ހަތަރެއްގައި ހިމެނުނު ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަދި ކްލަބް ވެމްކޯ އާއި ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.

ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ އެކު ޕޮލިސް ކްލަބާއި، ޕްރިލިމިނަރީ ބުރުން އައި ސިޓީ ސްޕޯޓްސް ކްލަބް ހިމެނެނީ ގުރޫޕް 2 ގަ އެވެ

ޑީއެސްސީ އާއި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ވެމްކޯ އަދި ކްލަބް އާބަންކޯ ހިމެނެނީ ގުރޫޕް 1 ގަ އެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދާއިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ދެ ޓީމު ސެމީ ފައިނަލަށް ދާނެ އެވެ.

ދެ ގުރޫޕުން ވެސް އެއްވަނަ ހޯދާ ޓީމުތައް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ، ގުރޫޕްގެ ދެވަނައަށް ދާ ޓީމުތަކުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ.

މިއަދު މުބާރާތް ފަށާނީ، ހަވީރު 4:15 ގައި ވެމްކޯ އާއި އާބަންކޯ ބައްދަލުކުރާ މެޗުންނެވެ. އަދި މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ޗެމްޕިއަން ސިޓީ ސްޕޯޓްސް ކްލަބެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ނޮކައުޓް ބުރު ފަށަން ތާވަލް ކުރެވިފައި ވަނީ މާދަމާ އަށެވެ.

ބާރަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެން މިމަހު 9 ގައި ފެށި މި މުބާރާތުން އަށް ޓީމެއް ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ އެވެ. އެއީ ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމާއި، ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެވެ.

ގުރޫޕް 1 ގެ އެއްވަނަ ހޯދި ޕޮލިސް ކްލަބާއި ގުރޫޕް 2 ގެ އެއްވަނަ ހޯދި އަލްމާ ސްޕޯޓްސް ކްލަބް އަދި ގުރޫޕް 3 ގެ ކްލަބް ވެމްކޯ ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕް 1 ގެ ދެވަނަ ހޯދި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ. ތިން ޕޮއިންޓާ އެކު މި ގުރޫޕްގެ ތިންވަނަ ހޯދި ހިންމަފުށި ވިކްޓޯރިއަސް އެސްސީ ވެސް ކުއާޓާ އިން ފުރުސަތު ހޯދި އެވެ. ހަތަރުވަނައިގައި ނިންމާލީ ވޮލީބޯޅް އެކަޑަމީ އެވެ.

ގުރޫޕް 2 ގެ ދެވަނަ ހޯދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި ތިންވަނަ ހޯދި ޔޫތު ނިއު ޖެނެރޭޝަން ވެސް ކުއާޓާ އަށް ދަތުރު ކުރި އެވެ. މި ގުރޫޕްގެ ހަތަރުވަނައިގައި ނިންމާލީ ހުޅުމާލެ ފްރެންޑްސް ސްޕޯޓްސް ކްލަބެވެ.

ގުރޫޕް 3 ގައި ވެމްކޯގެ ފަހަތުން ދެވަނައިގައި ނިންމާލީ އަސްދިގާ ސްޕޯޓްސް ކްލަބެވެ. ތިންވަނައިގައި ނިންމި ސްޕޯޓްސް ކްލަބް ހޯކްސް އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބަށް ގުރޫޕް ސްޓޭޖާ ހަމައިން ވަނީ މުބާރާތް ނިމިފަ އެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި އަސްދިގާ ސްޕޯޓްސް ކްލަބެވެ.

ކުއާޓާގެ ފަހު ދެ މެޗު ކުޅޭނީ ބުދަ ދުވަހު އެވެ. ހަވީރު އަލްމާ ސްޕޯޓްސް ކްލަބާއި ހިންމަފުށި ވިކްޓޯރިއަސް އެސްސީ ބައްދަލުކުރާ މެޗަށް ފަހު ރޭގަނޑު ބައްދަލުކުރާނީ ކްލަބް ވެމްކޯ އާއި ޔޫތު ނިއު ޖެނެރޭޝަނެވެ.