ޝާހީ ހަފުލާއެއްގައި ނީލް ނިތިން މުކޭޝް އާއި ރުކްމިނީ ކައިވެނިކޮށްފި
ޝާހީ ހަފުލާއެއްގައި ނީލް ނިތިން މުކޭޝް އާއި ރުކްމިނީ ކައިވެނިކޮށްފި

ބޮލީވުޑް އެކްޓަރު ނީލް ނިތިން މުކޭޝް އާއި ރުކްމިނީ ސަހާއީ ކައިވެނި ކޮށްފި އެވެ. ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މި ކައިވެނީގެ ރަސްމިއްޔާތު އޮތީ އުދައިޕޫރްގެ ވަރަށް ހިތްގައިމު ހަވޭލީއެއްގަ އެވެ.

ކައިވެނީގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ ބޮލީވުޑް ފިލްމެއްގެ މަންޒަރުތަކެއް ފަދައިންނެވެ. ކޮންމެ ރަސްމިއްޔާތަކާ ގުޅޭ ހިންދީ ލަވަތައް ބެކްގްރައުންޑުން އިވެމުން ދިޔަ އެވެ.

ނީލް އާއި ރުކްމިނީގެ ކައިވެންޏަކީ ދެ ފަރާތުގެ އާއިލާއިން ހަމަޖެއްސި ކައިވެންޏެކެވެ. މީގެ ފަސް ވަރަކަށް މަސް ކުރިން ދެ މީހުންގެ އެންގޭޖްމަންޓް ރަސްމިއްޔާތު ބޭއްވުމުގެ ކުރިން ދެމީހުން ބައްދަލެއް ވެސް ނުކުރެ އެވެ. ނަމަވެސް އެންގޭޖްމަންޓަށް ފަހު މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި ނީލް އާއި ރުކްމިނީ ވަނީ އެކަކު އަނެކަކު ދަސްކުރުމަށް އެކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ނީލް ބުނި ގޮތުގައި ރުކްމިނީ ފެނުނު ފުރަތަމަ ނަޒަރަކުން ވެސް ރުކްމިނީ ދެކެ ލޯބި ވެވުނެވެ. މުޅި ހަޔާތް އެމީހަކާ އެކު ހޭދަކޮށްލަން ބޭނުންވާ ކަހަލަ މީހަކު ލިބިއްޖެކަން ޔަގީން ކުރެވުނު ކަމަށް ބުންޏެވެ. އަދި އެންގޭޖްމަންޓަށް ފަހު މިވީ ދުވަސްތަކުގައި އެކުގައި ގިނަ ވަގުތު ހޭދަކުރުމުން ރުކްމިނީގެ ރަނގަޅުކަމާއި އޭނާގެ ކިބައިގައި ހުރި ސިފަތަކަކީ ވަރަށް ކަމުދާ ގަޔާވާ ސިފަތަކެއްކަން ގަބޫލު ކުރެވުނުކަމަށް ވެސް ބުންޏެވެ.

މި ކައިވެނީގެ މުނާސަބަތުގައި މުމްބައިގައި ބާއްވާ ރިސެޕްޝަން އޮންނާނީ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ. މި ރަސްމިއްޔާތުގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވާނެ އެވެ.